ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިއީ ދުވާލަކު އެތައް ބަޔަކު ހިދުމަތް ލިބިގަންނަ ތަނެކެވެ. އެތަނުގައި އާންމުންނަށް ހިދުމަތް ލިބެހޭން އަދި މުވައްޒަފުންނަށް ހިދުމަތް ލިބޭހެންވެސް ހުންނަނީ އެންމެ ކެންޓީނެކެވެ. ރަށުގެ ތަސްވީރު ހާމަކޮށްދޭ މުހިއްމު ތަނެކެވެ. ނަމަވެސް އެތަން ހުރީ ހަތްފެނުން ފެންވަރުވާ ތާހިރުކުރަން ޖެހިފައިވައެވެ. ހަނދުކޭތަ ހިފާ ރެޔަކު މަގޫފަތުން ތަޅައި އިސްލާހުކުރަން ވެފައެވެ. މިހެން މިބުނަނީ ގިނަ ސަބަބުތަކެއް ހުރެގެންނެވެ.
އެތެރެއާއި ބޭރުގައި ހިދުމަތް ލިބޭހެން ތައްޔާރު ކޮށްފައިވާ އެ ކެންޓީނުން އެއްފަހަރާ 50 އަށްވުރެއް ގިނަ މީހަކަށް ދަތިނުވެ ހިދުމަތްދެވޭނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެތަނުގައި ހިދުމަތްދޭން ހުންނަނީ އެންމެ ވެއިޓަރެކެވެ. އޭނާއަކީ އެތަނުގެ އެވަގުތު ކޭޝިއަރެވެ. އެވަގުތު އެތަނުގެ ކައްކާވެސް މެއެވެ. ދެން ވިސްނާލާށެވެ. 50 ނުވަތަ 30 މީހުންނަށް އެއްފަހަރާ ހިދުމަތް ދޭންވީމާ ވާނީ ކިހިނެއްތޯއެވެ. ކޮފީއެއް ލިބުން ބައިގަޑިއިރަށް ދެމިގެންދެއެވެ. ދެން ކާއެއްޗެއް ލިބިދާނެ ހެއްޔެވެ. ހަމަ ގައިމުވެސް ނުލިބޭނެ ނޫންހެއްޔެވެ. މިއީ ދޮގުނޫކަން އެތަނުގެ މުވައްޒަފުންނާއި އެ އެއާޕޯޓުން ފުރާ އެތަށް މީހަކު ހެކިވާނެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ ހަނިމާދޫ އެއާޕޯޓް މުވައްޒަފުންތަކެއް ބުނީ “އަހަރެން މިތަނުގެ ޝަކުވާތައް އެތައްފަހަރަކު ހަނިމާދޫ އެއާޕޯޓް އިސްވެރިންނަށް ހިއްސާކޮށްފައިވާނެ، އެއްވެސް ބަދަލެއް ނާދެ. 24 ގަނޑިއިރު ހިދުމަތްދޭން ހުއްދަ ދީފަޔޯ އިނީ، އެކަމު 11 ނުޖަހާނެ ބަންދު ކުރާއިރު. ލޭއޯވާ ފުލައިޓް އަންނައިރު ހުންނަނީ ބަންދުކޮށްފައި.” އެތައް ޝަކުވާއެއް ހުށަހެޅުނު އިރުވެސް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ.
އަދި ނިންމާލުމުގެ ގޮތުން އެއްވާހަކަ ބުނެލާނަމެވެ. އެއީ ހަނިމާދޫ އެއާޕޯޓް ކެންޓީނުގެ އެގްރިމެންޓް ހަމަވެ، އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އެތަން ހިންގަން އަލުން އިއުލާންކޮށްފައި ނުވެއެވެ. ނަމަވެސް، އިތުބާރު ހިފޭ މަސްދަރަކުން ބުނި ގޮތުގައި އެތަނުގެ އެއްބަސްވުން އާނުކުރާކަމަށާއި އެތަން މިހާރު އެ ހިންގަނީ ވެރިން އަނގަބަހުން އެތަން ހިންގަން ހުއްދަ ދީގެން ކަމަށެވެ. އެއީވެސް ވަކި މުއްދަތެއް ނެތި ކަމަށްވެއެވެ.
ޕެންޑަމިކާ ހެދި ލުޔެއް ދިނަސް އެ ލުއި ނިމޭހޭ ދުވަސް ވެއްޖެކަންނޭނގެއެވެ.
މިކަމާއި ގުޅިގެން އެއާޕޯޓުގެ ފަރާތުން ބަހެއް ހޯދާލުމަށް މިވަގުތު ހަނިމާދޫ އެއާޕޯޓާއި ހަވާލުވެ ހުންނެވި ފަރާތަށް ގުޅަން ކުރި މަސައްކަތް ވަނީ ފޯނަށް ނުގުޅޭތީ ކާމިޔާބު ނުވެފައެވެ.
ޚިޔާލުތައް: