އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިސްވެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ހާމަނާއީ އަވަހާރަކޮށްލުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފި އެވެ.
އެކްސްގައި މިރޭ އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާމަނާއީ އަވަހާރަކޮށްލި ކޮށްލުން އިހުލާސްތެރި މުސްލިމެއްގެ ހައިިސިއްޔަތުން ކުށްވެރިކުރައްވާ ކަމަށެވެ.
“އިހުލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލި އަވަހާރަކޮށްލުން އަޅުގަނޑު ކުށްވެރިކުރަން. މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ބަރަކާތް ލައްވައި، މި ފުން ހިތާމައިގެ ވަގުތުގައި އެމަނިކުފާނުގެ އާއިލާއަށާއި ރައްޔިތުންނަށް ކެތްތެރިކަން މިންވަރުކުރައްވާށި،” މައުމޫން ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ހާމަނާއީ ،86، އަވަހާރަވުމާ ގުޅިގެން އެގައުމުގައި ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަށް ސަރުކާރު ވެސް ވަނީ ބަންދުކޮށްފަ އެވެ.
މި ހަމަލާތަކުގައި ހާމަނާއީގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި، ދަރިކަނބަލުންނާއި އޭނާ ފިރިކަލުން އަދި ކާފަ ދަރިކަލެއް ވެސް ވަނީ އަވަހާރަވެފަ އެވެ. އޭގެ އިތުރަށް އިރާނު ސަރުކާރުގެ ބައެއް އިސްވެރިން ވެސް މި ހަމަލާތަކުގައި އަވަހާރަކޮށްލާފައިވެ އެވެ.
އީރާންގެ އެންމެ އިސް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.


