ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ 27 ފެބުރުވަރީ 2026 ގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަލައިފާސްކުރި ފަސިންޖަރެއްގެ އަތުން ފެނުނު މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯގްރާމް (2240 ގްރާމް) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.2 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަމަހުގެ 12 ވަނަ ދުވަހުވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެއްޗެވެ.


