ފުލުހުންގެ މަޝްރޫއުއަކަށް އިންޑިއާއިން 600 މީހުން ގެންނަނީ

ޚަބަރު ފަހުގެ

ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް، އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއަށް އިންޑިއާ އިން 600 އެއްހާ މީހުން ގެންނަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މި މަޝްރޫއުއަކީ 48 މިލިއަން ޑޮލަރަށް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަޝްރޫއުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާއިރު، އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން އެވެ.

އިންދިރާ ކުންފުނީގެ ޗެއާމަން ބުޕޭޝްއާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން، މި މަޝްރޫއުގެ 85 އިންސައްތައަށް ވާ ފައިސާ ހަމަޖައްސަނީ އިންޑިޔާގެ އެގްޒިމް ބޭންކުން ދޭ ލައިން އޮފް ކްރެޑިޓަކުންނެވެ.

މި މަޝްރޫއުގެ މަސައްކަތްތަކަށް 500 އަށްވުރެ ގިނަ ލޭބަރުންނާއި 100 އަށްވުރެ ގިނަ އިންޖިނިއަރުން ދިވެހިރާއްޖެއަށް ގެންނަން ހަމަޖެހިފައިވާކަމަށް ބުޕޭޝް ވިދާޅުވެފައިވެއެވެ. އެ ފަރާތްތައް ގެންނަނީ ޓެމިލް ނާޑޫއިން ކަމަށްވެސް ބުޕޭޝް ވިދާޅުވިއެެވެ.

މީހުން ނެގުމުގައި އިސްކަން ދޭނީ، ކުރިން ވަޒީފާ އަދާކުރަމުންދިޔަ މީހުންގެ ތެރެއިން ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމަރާތް ބިނާ ކުރާނެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މިމަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުކޮށް، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެކަމަށްވެސް ފުލުހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ