ހަތިޔާރު ހޯދުމާއި، ގެންގުޅުމާއި، ބޭނުންކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ޚަބަރު ފަހުގެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 95 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 133 ވަނަ މާއްދާގެ (ނ) ގެ 12 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ހަތިޔާރު ހޯދުމާއި، ގެންގުޅުމާއި، ބޭނުންކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދުގައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންވާ ހަތިޔާރާއި އާލަތްތައް ހޯދުމާއި، ގަތުމާއި، އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ލިބިގަތުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައެވެ. އަދި ފުލުހުން ބޭނުންކުރުމަށް ހުއްދަލިބޭ ހަތިޔާރާއި، އާލަތްތައް ދަރަޖަކުރުމުގެ ހަމަތައް ބަޔާންކޮށްފައިވާއިރު، ފުލުހުންގެ ބޭނުމަށް ހޯދާ ހަތިޔާރާއި، އާލަތްތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން ޒިންމާދާރު ގޮތެއްގައި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ހަމަތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގޮތުން ފުުލުހުންގެ މަސައްކަތްތައް އެކަށޭނަ މިންވަރުގައި ކުރެވޭނެ ގޮތް ހެދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާނެ ހަތިޔާރު ހޯދުމާއި، އެ ހަތިޔާރު ރައްކައުތެރިކަމާއެކު ގެންގުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ ބާރު ފުލުހުންގެ ޚިދުމަތަށް ލިބިގެންވެއެވެ. ހަމައެހެންމެ ފުލުހުންގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި، އެ ވަގުތަށާއި ހާލަތަށް ބަލައި، ފުލުހުން ގެންގުޅެންޖެހޭނެކަމަށް ވަޒީރުގެ ހުއްދައާއެކު ކޮމިޝަނަރު އޮޕް ޕޮލިސް ކަނޑައަޅާ ހަތިޔާރު ރާއްޖެއަށް އެތެރެކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ފުލުހުން ގެންގުޅޭ ހަތިޔާރު ވާންޖެހޭނީ ފަޔަރ އާމްސްއާއި، އެކްސްޕްލޯސިވްގެ ތެރޭގައި ނުހިމެނޭ، ފަރުދަކާ ދެކޮޅަށް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަވާނެ ގޮތަށް ފަރުމާކޮށްފައިވާ އަދި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ހުޅުވިފައިވާ ޑިމޮކްރަޓިކް ޤައުމުތަކުގެ ފުލުހުންގެ މުއައްސަސާތަކުގައި ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން ބޭނުންކުރާ ބާވަތުގެ ލެސްލީތަލް ހަތިޔާރަށެވެ.

ހަމައެހެންމެ ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންކުރާ ހަތިޔާރާއި، އެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އޮޕަރޭޝަނަލް މެނުއަލްއެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން އެކުލަވައިލާ މެނުއަލުގައި ހާލަތާ ގުޅޭގޮތުން ބާރުގެ ބޭނުންކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައި އޮންނަންވާނެކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ