އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ އިތުރުކުރަން ނިންމައިފި

ޚަބަރު ފަހުގެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރޭ ތިމަރަފުށީ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބައްދަލުވުމުގައި ތިމަރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށާއި، ކޮމިޓީގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރައްވާފައެވެ.

އަދި ތިމަރަފުށީ ކައުންސިލުން ވަނީ ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި، އެއަރޕޯޓްގެ ދަތުރުތައް މަދުވުމުން ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާކަމާއި، މި ސަރަޙައްދުގައި ފަތުރުވެރިކަމުގެ މާ ގިނަ ފުރުޞަތުތަކެއް ނެތުމުން ދިމާވާ އިޤްތިޞާދީ ދަތިތަކާއި، މަގުހެދުމުގެ މަޝްރޫޢު ލަސްވާތީ ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރައްވާފައެވެ.

މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނުފެށި ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުންކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމަކާއެކީ އެކަން ކުރެވޭނެ ގޮތެއް ބަލައިދެއްވާނެކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް މިއަންނަ އަހަރަށް ބަޖެޓްކުރެވޭތޯ މަސައްކަތްކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވިގޮތުގައި ތިމަރަފުށީގެ ޞިއްޙީ މަރުކަޒުގެ އަޕްގްރޭޑިންގ މަސއްކަތް މީހާރަށް ބޭނުންވާނެކަންކަމާއެކީ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި، މެދު ފަންތީގެ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ރާވާފައިވާ މަޝްރޫޢުގައި ހިމަނައިގެން އެ ރަށުގައިވެސް އެފަދަ ހޮސްޕިޓަލެއް ކުރިޔަށް އޮތްތާގައި ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ތ. އަތޮޅަށް ފަތުރުވެރިކަން ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން ރަށުގެ ރައްޔިތުން އެދޭކަންކަން ފަހިކޮށްދީ ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ