ހިމަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރަށް ކުރިއަށް

ޚަބަރު ފަހުގެ

އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ޖުމުލަ 65 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ހިމަންދޫއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެ އެވެ. އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި 956 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެ އެވެ.

މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ