ބާންލީ އަތުން ލިވަޕޫލަށް މޮޅެއް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ބާންލީ އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ޒުވާން ޑިފެންޑަރު ކޮސްޓަސް ސިމިކާސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑިއޯގޯ ޖޮޓާއެވެ. އެއާއެކު ޖޮޓާ ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅުނު ދެ މެޗުގައިވެސް ލަނޑު ޖަހާފައެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ހާވޭ އެލިއޮޓް ދިން ޕާހަކުން މުހައްމަދު ސަލާހު ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގެ ކުރީކޮޅު ލީޑު ފުޅާކުރަން ލިވަޕޫލުގެ ސަލާހު އާއި ސަޑިއޯ މާނޭއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ދިން ބޯޅައަކުން މާނޭ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ލިވަޕޫލް މޮޅެއް ހޯދިއިރު، މިދިޔަ ހަފުތާގައި ލީގުގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް ވަނީ އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީ އަތުންވެސް މޮޅުވެފައެވެ. ލީގުގައި ލިވަޕޫލުން ދެން މެޗެއް ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލް ނުކުންނާނީ ވަރުގަދަ ޗެލްސީއާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ