ދުނިޔަވީ ޙަޔާތަކީ ދަތުރެކެވެ.

ފަހުގެ ދީން

ޒުހުދުވެރި އަޅުވެރިއެއްގެ އަރިޔަހަށް ދަތުރުވެރިޔަކު ޒިޔާރަތް ކުރިއެވެ. އަޅުވެރިޔާ އިންނެވި މަކާނުގައި އެއްވެސް ފަރުނީޗަރެއް ނުވަތަ ހިފައި ގެންގުޅޭ ގެވެހި ކަންވާރު ފެހާމާނުގެ އެއްވެސް އެއްޗެއް ނެތެވެ. ދަތުރުވެރިޔާ ޙައިރާން ވެފައި ހުރެ ސުވާލު ކުރިއެވެ. “ތިބާގެ ގޭގައި ފަރުނީޗަރު ފަދަ އެއްޗެއް ނެތީ ކީއްވެގެން ހެއްޔެވެ؟” އަޅުވެރިޔާ ވިދާޅުވިއެވެ. “ތިޔަ އަޚާގެ ފަރުނީޗަރާއި ހިފައި ގެންގުޅޭ ތަކެތި ކޮބައި ހެއްޔެވެ؟” ދަތުރުވެރިޔާ ޖަވާބު އެރުވިއެވެ. “އަހަރެންނަކީ ދަތުރުވެރިޔަކީމެވެ.” އަޅުވެރިޔާ ވިދާޅުވިއެވެ. “އަހަރެންނަކީ ވެސް ދަތުރުވެރިޔަކީމެވެ.”

އޮޅުމެއް ނެތެވެ. އަޅުގަނޑުމެންނަކީ ދަތުރުވެރީންނެވެ. ދުނިޔަވީ ޙަޔާތާ މެދު އަޅުގަނޑުމެންނަށް އެންމެ ޔަޤީންކަމާ އެކު އެނގޭ އެއް ކަމަކީ މިއެވެ. އާދެ، މިއީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކުރާ ދަތުރެއް ކަމެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅާ ހަމަޔަށް ކުރާ ދަތުރެއް ކަމެވެ. މި ދަތުރުގައި އެންމެ ޔަޤީންކަން ބޮޑު ކަމަކީ މަރެވެ. ދުނިޔަވީ ޙަޔާތަށް އަލްވަދާޢު ކިޔާން ޖެހޭ ދުވަސް އަންނާނޭ ކަމުގެ ޙަޤީޤަތެވެ.

އިޝްތިހާރު
އިޝްތިހާރު

ދުނިޔެ ތަޢުމީރު ކުރުމަށް އިސްލާމް ދީން އަމުރު ކުރައްވައެވެ. ތާއަބަދު އުޅޭން އޮތް ތަނަކީ މި ދުނިޔެ ނަމަ، ޢަމަލު ކުރާނޭ ބީދައިން ދުނިޔޭގެ ޙަޔާތުގައި ތަމައްދުނާއި ތަރައްޤީގެ މަގުގައި ކުރިޔަށް ދިޔުމަށް އިރުޝާދު ދެއްވައެވެ. އެހެންކަމުން، އަޅުގަނޑުމެން މުސްލިމުންނަކީ ފިކުރާއި ޢިލްމާއި ޙަޟާރަތްތެރިކަމާއި ސައެންސާއި މަސައްކަތްތެރިކަމާއި ފަންނުތަކުގައި ކުރި އަރައިގެން ދާން ޖެހޭ ބައެކެވެ. ފާއިތު ވެދިޔަ ޒަމާންތަކުގައި މުސްލިމުން ދެއްކި މިސާލަކީ ވެސް މި ކަންކަމުގައި މުޅި ދުނިޔޭގެ އެންމެ ޝަރަފުވެރި އުއްމަތް ކަމުގައި ވުމުގެ މިސާލެވެ.

އެހެނަސް، އަޅުގަނޑުމެން އެންމެ ބޮޑު ޙަޤީޤަތް ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އާދެ، މިއީ އިމްތިޙާނެއް ކަމުގައި ވާ ދަތުރެއް ކަމާއި، މި ދަތުރުގެ އާޚިރީ މަންޒިލަކީ އިލާހީ ޙުޟޫރުކަމެވެ. ދުނިޔެއަށް މާ ބޮޑަށް ލޯބި ނުކުރާން ވީ ސަބަބަކީ މިއެވެ. ދުނިޔޭގެ އުފާތަކާއި މާއްދީ ތަކެއްޗާއި މުދަލާއި މާލާ ހެދި އަޅުގަނޑުމެން ނިވައްތައިނުގަންނާން ޖެހޭ ސަބަބަކީ މިއެވެ. ތިމާގެ އަޚާގެ ދަލާއި ލެއި ފޭރިގަނެގެން، ރޫޙާނިއްޔަތުގެ ލޯ މަރައިލައިގެން، ދުނިޔޭގެ މުދަލާއި ފައިސާ އަކީ އޭގެ ޒާތުގައި މަޤްޞަދެއް އަދި މަންޒިލެއް ކަމަށް ދެކެގެން، މާއްދިއްޔަތަކީ ދީނެއް ކަމަށް ހަދައިގެން، ޖެހުނު ގޮތަކުން މުދަލާއި ފައިސާ އެއް ކޮށް ބައް ކޮށްގެން، ބޭނުން ވާ ތަކެއްޗާ އެކު ތިމާއަށް އޭގެ އެއްވެސް ޙާޖަތެއް ނެތް އެތައް މުދާތަކެއް ވެސް ގަނެ ފުނި ޖަހައިގެން އިނުމުގެ ފައިދާއެއް އެބައޮތްތޯއެވެ؟ އޭގެ ސަބަބުން ތިމާގެ ޙަޤީޤީ ޙަޔާތް ބަރުބާދު ވުން ނޫން އެހެން އެއްވެސް ކަމެއް ވޭތޯއެވެ؟

ނޯޓް: މިއީ هــ ۱٤٤۳ އަހަރު مُحِرَّم މަހުގެ 19 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 34 ވަނަ ޢަދަދުގެ 3 ވަނަ ޞަފްޙާގައި الْأُسْتَاذ أَحْمَدُ مَاجِد ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ..

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ