ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހިތާރީޚުގައި މަޝްހޫރު “ދޮންބުޅާ ފާށަނާ” ގެ ދައިތާފުޅެވެ. ބުރަކި ރަނިންނަކީ އެ ކަމަނާގެ އެ ކޮއްކޯފުޅު އަވަހާރަކޮށްލި ޙަޤީޤީ ޤާތިލެވެ.
ބުރަކި ރަނިން އަކީ ދިވެހި ރަސްކަމުގެ ތަޚުތަށް ދައުވާ ކުރެއްވި ބޭފުޅެކެވެ. އެކަން ކާމިޔާބު ނުވުމުން އުފެދުނު ހަސަދަވެރިކަމުގައި ކޮއްކޯފުޅު އަވަހާރަކޮށްލެއްވުމަށްފަހު ފިރިކަލުންނަށް ރަސްކަން ހޯއްދަވައި ދެއްވިއެވެ.
ދޮން ބުޅާ ފާށަނާއަށް ދިވެހި ރަސްކަން ލިބިވަޑައިގެންނެވީ ސައުދިޢަރަބިއްޔާގެ މައްކާގެ ބޭފުޅެއް ކަމަށްވާ އައްސުލްޠާން އަޙްމަދު ޝަރީފުލް މައްކީ ސިރީ ސުއްދަ ބަވަނަ މަހާރަދުން އަވަހާރަވުމުންނެވެ. އެ މަނިކުފާނު ރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދުން 1511 އިން 1512 އަށެވެ.
ބުރަކި ރަނިންއާއި ދޮންބުޅާ ފާށަނާގެ ބޮޑު ދައިތާފުޅަކީ އައްސުލްޠާން އަބޫބަކުރު އިބްރާހީމްގެ ކޮއްކޯފުޅެކެވެ. މިއީ ފަހުން ރާއްޖޭގެ ރަސްކަންކުރެއްވި ކަޅު މުޙައްމަދު ރަސްގެފާނުގެ މަންމާފުޅެވެ. ރަސްކަމަށް އިސްވެވަޑައިގަތުގެ ކުރިން އެއީ ރަށްދެބައިމަގު ކަޅު މުޙައްމަދެވެ.
ބުރެކި ރަނިން ނާއި ކަޅު މުޙައްމަދާ ދެ ބޭފުޅުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. މި ދެ ބޭފުޅުންގެ ލޯބީގެ ގުޅުން ކައިވެނިފުޅަކަށް ފައްކާކުރެއްވިއެވެ. އެހެންނަމަވެސް ކަޅު މުޙައްމަދުގެ މަންމާފުޅު މިކަމާ ދެކޮޅު ހެއްދެވިއެވެ. އެ ކަމަނާގެ ނުފޫޒާއެކު މި ދެ ބޭފުޅުންގެ ގުޅުން ދުރުކުރެއްވުމަށް ރަސްގެފާނު ދޮންބުޅާ ފާށަނާ އެޅުއްވި ފިޔަވަޅަކީ ކަޅު މުޙައްމަދު ހުވަދު އަތޮޅު ވާދޫއަށް ފޮނުވާލެއްވުމެވެ.
މި ވަރަކުން މި ލޯބީގެ ގުޅުމަކަށް ހީނަރުކަމެއް ނައެވެ. އޭގެބަދަލުގައި އެކަންވީ ދޮންބުޅާ ފާށަނާގެ މައްޗަށް ބުރަކި ރަނިންގެ ހިތްޕުޅުގައި އޮތް ހަސަދަވެރިކަމާއި ނަފުރަތު އިތުރަށް ބޮޑުވި ކަމަކަށެވެ. ބުރަކި ރަނިންނާ ކަޅު މުޙައްމަދާ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ލޯބި ވަރުގަދަވި ކަމަކަށެވެ.
ބުރަކި ރަނިން ވަރުގަދަ ހޯލަތްތެރި ރޭވުމެއް ރާވާލެއްވިއެވެ. އެކަމަނާގެ ކޮއްކޯފުޅު އަދި ރަސްގެފާނު ދޮންބުޅާ ފާށަނާ އަށް ދަންނަވައިފިއެވެ. ދައިތާފުޅަށް ނަދުރުފުޅެއް ވިދާޅުވެވިއްޖެއެވެ. އެ ނަދުރުފުޅު ފުއްދަވައި ދެއްވޭނެ ގޮތެއް ހައްދަވައި ދެއްވާށެވެ. އެ ނަދުރުފުޅަކީ ހުވަދު އަތޮޅު ވާދޫ މިސްކިތުގައި ތިން ދުވަހު ރޯދަފުޅު ހިއްޕެވުމެވެ.
ރަސްގެފާނަށް މި ޖެހިވަޑައިގެންނެވީ ކިހާ ބޮޑުކަމެއްތޯއެވެ. ކަމަކީ ދީނީ ކަމެކެވެ. ދައިތާފުޅަށް މި ނަދުރުފުޅު ނުފުއްދެވުނީ ރަދުންގެ ސަބަބުންނޭ ބުނެވޭކަށް ބޭނުންފުޅެއް ނުވިއެވެ. ދައިތާފުޅު ވަޑައިގަންނަވަން މި އެދިވަޑައިގަންނަވަނީ ލޯބިވެރިޔާ ފޮނުވާލައްވާފައިވާ ރަށަށެވެ.
ކޮންމެއަކަސް އެކަމުގެ ހުއްދަދެއްވައި، އެ ބޭފުޅުންގެ ޢާއިލާއަށް ވަރަށް ވަފާތެރި ޒަމާންވީ ނޯރިކީއެއް ކަމަށްވާ ގާފަރު ކަޅު އިބްރާހީމް (ގާފަރު ކަޅުއުނބުށޭމު) އާއެކު ބުރަކި ރަނިން ވާދޫއަށް ފޮނުއްވުމަށް ނިންމެވިއެވެ.
ވާދޫއަށް ވަޑައިގެންނެވުމުގެ ބަދަލުގައި ގާފަރު ކަޅު އުނބުށޭމު ހައްލާލައްވައިގެން ބުރަކި ރަނިން ވަޑައިގެންނެވީ އަސޭކަރައަށެވެ. އަސޭކަރައިން ވަޑައިގެންނެވީ ގޯވާއަށެވެ. އޭރު ގޯވާގައި އޮތީ ޕޯޗްގީޒުން ބާރެވެ. އެ ކަމަނާ ޕޯޗްގީޒުންނާ ބައްދަލުކުރައްވައި އެ މީހުންގެ ހަތިޔާރުއެޅި ނަވެއްގައި ރާއްޖެ ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. ވަރުގަދަ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ ދިވެހި ރަސްކަމުގެ ބާރުތައް އެ ކަމަނާއަށް ލިބިވަޑައިގަތުމުން ރާއްޖެއިން ލިބޭ އާމުދަނީން ބައެއް ޕޯޗްގީޒުންގެ ވައިސްރޯއީއަށް ފޮނުވުމަށެވެ. އެއްބަސްވެވަޑައިގެން ގޮތުގެމަތިން ހަތިޔާރު ލާފައިވާ ނަވެއްގައި ބުރަކި ރަނިން ރާއްޖެ ފޮނުއްވިއެވެ. ބުރަކި ރަނިން އާއި ކަޅުއޮނބުށޭމާ ވަޑައިގެންނެވީ ގާފަރަށެވެ.
ގާފަރަށް ވަޑައިގެން ބުރަކި ރަނިން ފެށްޓެވި މަސައްކަތްޕުޅަކީ ކޮއްކޯފުޅު އަވަހާރަކޮށްލުމުގެ ރޭވުންތައް ރޭއްވެވުމެވެ. އެކަމުގައި އެކަމަނާއަށް އެންމެ އިތުބާރުކުރެވޭ މީހަކަށް ފެނުނީ ގާފަރު ކަޅު އުނބުށޭމެވެ. ހުށަހެޅި އަގަކީ ކަޅު އުނބުށޭމު ބޭނުންވާ ދައުލަތުގެ މަތީ މަގާމެއް ދެއްވުމެވެ. ބުރަކި ރަނިންގެ ވައުދުފުޅަކީ ފާށަނާކިލެގެކަން ދެއްވުމެވެ.
ކަޅުއުނބުށޭމު މިކަން ރާލާ އިންތިޒާމު ކުރިއެވެ. ރަސްގެފާނު އަވަހާރަކޮށްލެވޭނެ އެންމެ ފަސޭހަ ކުރު މަގު އޭނާ ހޯދިއެވެ. އެ ގޮތަކީ ރަސްގެފާނުގެ ކަނޑިކޮޅުން ރަސްގެފާނު އަވަހާރަކޮށްލިމެވެ. އޭރު ރަދުންގެ ކަނޑިކޮޅު ހިފާ މީހަކީ އޭނާގެ ދޮން ބައްޕަ ހުުޅުދެލީ ޔޫސުފެވެ. ދޮންބުޅާ ފާށަނާ ހަށިކޮޅަށް ކަޑިކޮޅު އަމުނާލީ އޭނާއެވެ. އޭރު ފަހަތުގައި ގާފަރު ކަޅު އުނބުށޭމު ހުއްޓެވެ.
ރަދުން އަވަހާވީއެވެ. ރަސްކަމުގެ ތަޚުތުގެ ޙައްޤުވެރިއަކަށް ހުންނެވީ ބުރަކި ރަނިންއެވެ. އެކަމަނާ ތަޚުތަށް އިސްވެވަޑައިގެން ފުރަތަމަ ވެސް ސިއްކަޖައްސަވައި ނެރުއްވި އަމުރުފުޅަކީ ކޮއްކޯފުޅުގެ ރަސްކަމުގައި ހުވަދު އަތޮޅު ވާދޫއަށް ފޮނުވާލައްވާފައި ހިންނެވި އެ ކަމަނާގެ ލޯބިވެރިޔާ ކަޅު މުޙައްމަދު މާލެގެންނެވުމުގެ އަމުރުފުޅެވެ. ކަޅު މުޙައްމަދު މާލެ ގެންނެވުމުން ބުރަކި ރަނިންއާ ކައިވެނި ބައްލަވައިގެންފިއެވެ. އަދި ލޯބިވާ ފިރިކަލުންނާ ރަސްކަން ހަވާލުކުރައްވައި ތަޚުތުން ފައިބާ ވަޑައިގެންފިއެވެ. މި ދެ ކަނބަލުންނަށް އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. ޭއެއީ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުން ކަނބާ ޢައިޝާއެވެ. ބޮޑުތަކުރުފާނު ދެވަނައަށް ކައިވެނި ބައްލަވައިގެންނެވި ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ.
ކަޅު މުޙައްމަދު ރަސްގެފާނަށް ރަސްކަމުގެ ބާރުތައް ލިބިވަޑައިގެންނެވުމުން ބަރަކި ރަނިން ތިލަދުންމައްޗަށް ފޮނުވާލެއްވިއެވެ. އަދި ސީރާޒީ ފާތިމާ ކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. މި ރަދުން ރާއްޖޭގައި ތިން ފަހަރެއްގެ މަތިން ރަސްކަން ކުރެއްވިއެވެ.
ނޯޓް: މިއީ ފޭސްބުކްގައި 09 ޖުލައި 2020 ވަނަދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.
ފޮޓޯ:Maldivian Art


