މަނަދޫ ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ޚަބަރު ފަހުގެ

ނ. މަނަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި މަނަދޫގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި ޕޮލިސް ސްްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ، މިއަދަކީ ފުލުހުންގެ މުއައްސަސާއަށް 17 އަހަރު ފުުރިގެންދާ ދުވަސްކަމަށްވާއިރު، މިއަދު ފުލުހުން އަމާޒު ހިފާފައިވަނީ ފުލުހުންގެ މުއައްސަސާއަކީ ގާނޫނީ ގޮތުން ފުރާ ފުރިހަމަވެ ގާނޫނީ ތަސައްރަފް ފުރިގެންވާ މުއައްސަސާއަކަށްވެ، ފުލުހުންގެ މުއައްސަސާއަކީ 21 ވަނަ ގަރުނުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަށް ލިބި، ރައްޔިތުންގެ ފުރިހަމަ ލޯބި ލިބިގެންވާ މުއައްސަސާއަކަށް ހެދުންކަމަށެވެ.

އެގޮތުން، ފުލުހުންގެ އައު ގާނޫނެއް ވުޖޫދުކޮށް، އޭގެ ދަށުން ގަވައިދުތަކެއް ހަދައި، އަތޮޅުތެރޭގައި ފުލުހުން އިންތިޒާމުވާނެ ގޮތް އިތުރަށް ތަރުތީބު ކުރެއްވި ކަމަށާއި، ފުލުހުންނަށް ފުރިހަމަ ތައުލީމާއި ތަމްރީނު ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އިތުރަށް އަމުނާ އެކުލެވި ހަރުނަދާ ނިޒާމެއްގެ ތެރެއަށް ފައްތައި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މިއަދު އަތޮޅުތެރޭގައި ފަސް ރީޖަނުގައި ފުލުހުން އެތުރިގެންދާއިރު، މި ސްޓޭޝަންތަކާ އެކުގައި ފުރިހަމަ ވަސީލަތްތައް ގާއިމުކުރެވި ފުލުހުން ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅިވިއެވެ.

ހަމައެއާއެކު ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއި އިހުތިރާމް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ގެންނަ ބަދަލުތައް ވަރަށް ލޯތްބާއި އިހުތިރާމާއެކު ބަލައިގަންނަ އޮފިސަރުންނަށް ފުލުހުން ވެވަޑައިގެންނެވުމަށް އެދިލެއްވިއެވެ. އަދި ފުލުހުންގެ އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކު ކުރާކަމަކުން މުޅި މުއައްސަސާ ބަދުނާމްވެ، މުއައްސަސާގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުުކުރުމަށް ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މަނަދޫގެ އިތުރުން ނ. އަތޮޅުގެ އިތުރު ތިން ރަށެއްގައި ދާއިމީ ޕޮލިސް ސްޓޭޝަންތަކެއް ގާއިމު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި  ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައެޅުނު ހަ ޕްރަޔަރަޓީގެ ތެރޭގައި ” ލޯކަލް ޕޮލިސިންގ” ކަނޑައަޅައި ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ އަވަށްޓެރި ފުލުހުންގެ މަސައްކަތްކަމަށާއި، އެ  މަސައްކަތް ނ. އަތޮޅުގައި ވެސް ފެށިގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މަނަދޫ ކައުންސިލް މެމްބަރުންނާއި މަނަދޫގައި ހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ