ގިންޏަށާއި ފިންޏަށާ، ހިންޏަކީ މިސާލެކޭ!

ފަހުގެ ދީން

ހިންޏަކީ މިސާލެކޭ، ހިންޏަކީ މިސާލެކޭ!
ގިންޏަށާއި ފިންޏަށާ، ހިންޏަކީ މިސާލެކޭ!

މި ޅެންބައިތަކީ ދިވެހިން ވަރަށް ބޮޑަށް ދަންނަ ޅެންބައިތެކެވެ. މީގެން ކިޔައިދެނީ ޢިބުރަތުން ފުރިގެންވާ ދަރެސްތަކެކެވެ. ހިންޏަކީ ޙަޤީޤަތުގައި ވެސް މިސާލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ހޫނު މޫސުމުގައި ހިނި އުޅެނީ އޭގެ ކާނާ ޖަމާ ކުރުމުގައެވެ. މޫސުމް ބަދަލުވެ، ތެތްކަން ބޮޑުވެ، ވިއްސާރައާއި ފިނީގެ ސަބަބުން ބޭރުގައި އުޅުން ދަތިވާ ދުވަސް އައުމުގެ ކުރިން ހުރިހާ ހިންޏަކަށް ބޭނުންވާ ކާނާ އޭގެ ހޮރަށް ޖަމާކޮށް، މޫސުމް ހެޔޮ ވަންދެން އެ ހޮރުތަކުން ނުނިކުމެ އެތެރޭގައި ތިބެއެވެ.

ހިނީގެ ހޮރުތައް ބިނާ ކުރުމުގައްޔާއި އެ ހޮރުތަކުގައި ކާނާ ރައްކައު ކުރުމުގެ ބުރަ މަސައްކަތް ކުރަމުން ގެންދަނީ ބެލެހެއްޓުންތެރިޔަކު ނުވަތަ އަމުރު ހިންގާނޭ މީހަކު އެ ހިނިތަކުގެ ފަސް ފަހަތުން އަބަދު ފާރަވެރި ވާތީއެއް ނޫނެވެ. އެހެނެއް ކަމަކު ކޮންމެ ހިންޏަކަށް ވެސް އޭގެ ފަރުދީ ޒިންމާ ފުރިހަމައަށް ވިސްނޭތީއެވެ. އެކަމަށް އެ ހިނިތަކަށް އިލްހާމު ކުރައްވަނީ، ޚާލިޤުލް ކައުނައިނިއެވެ. އެ އިލާހަކީ ކަޅު އަނދިރި ރޭރޭ ކަޅުހިލަ މަތީގައި، ކަޅުހިނި ހިރޭ ހިރުން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.

ހިނީގެ ކިބައިގައި އެކުވެރިކަމުގެ އެންމެ ރީތި ނަމޫނާ ވާތީ އަޅުގަނޑުމެންނަށް ފެންނާނެއެވެ. އޭގެ ބުރަ މަސައްކަތް ކާމިޔާބު ވުމުގެ ސިއްރަކީ އަމިއްލައެދުމެއް ނެތި، މުޖްތަމަޢުގެ މަޞްލަޙަތު އިސްކުރުމެވެ.

ކާއެއްޗެއް ފެނުމުން އެކަނިމާއެކަނި އޭގެ ބޭނުން ކުރުމުގެ ބަދަލުގައި އެހެން ހިނިތަކަށް އެ ޚަބަރު ދީގެން ހުރިހާ ހިންޏަކަށް އެއިން މަންފާ ކުރުމަށް އެދެއެވެ. އެއްވެސް ހިންޏެއްގެ ކިބައިގައި ދަހިވެތިކަމެއް ނޯވެއެވެ. ހަމަ އެހެންމެ ހިނިތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ ނަމަ، އެކަމަކުން ރައްކާތެރިވުމަށް ވެސް ހުރިހާ ހިނިތަކަށް ތަންބީހު ކުރެއެވެ. މިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާން ވެގެން އަންނަނީ މިފަދައިންނެވެ. ﴿حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ﴾ ‎( النمل:١٨)‏ މާނައީ: “(ދެން ސުލައިމާނުގެފާނު އެކަލޭގެފާނުގެ ލަޝްކަރާއިގެން) ހިނީގެ ވާދީއަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާނުގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.”

ހިނި ފަދަ ކުޑަ ސޫތްޕަކުން ލިބޭ މަތިވެރި ފިލާވަޅުތައް ވެސް ކިޔައިދެނީ އިލާހީ ރޭއްވުންތެރި ކަމާއި ޤުދުރަތުގެ މޮޅުކަމެވެ. އިންސާނުންނަށް އެކަމުން އޮތީ ޢިބުރަތްތެރި ފިލާވަޅެވެ.

ނޯޓް: މިއީ هــ ۱٤٤۳ އަހަރު مُحِرَّم މަހުގެ 19 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 34 ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ