ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނަށް ކާންދޭނީ ޒައްގޫމް, ފަނޑިޔާރު އަލީ ރަޝީދު އޮންނާނީ ޖަލުގައި: ޝުޖާއު

ޚަބަރު ފަހުގެ ސިޔާސީ

ޕީޕީއެމްގެ ވެރިކަމެއްގައި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ރަޝީދު އޮންނަންވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 28, 2019 ގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި, ޖަލަށް ލާން ހުކުމް ކުރީ ކުރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބެންޗުގައި ތިއްބެވީ އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒު ރަޝާދެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ, ފަނޑިޔާރުން “ގަޓުވާން“ ޖެހޭ ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތެރެއިން ކަންކަން ކުރަމުންދާ ގޮތާއި ފަނޑިޔާރުންނަށް ބިރު ދައްކާ މިންވަރު އެނގޭ ކަމަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ, ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ތެރެއިން އޯޑިއޯތަކެއް ލީކުވެފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރަން އުޅޭކަންވެސް އެނގިފައިވާ ކަމަށެވެ.

”އަޅުގަނޑުމެން ތިޔަ ފަނޑިޔާރުންނަށް (ރައީސް ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނަށް) ދޭނީ ހައިކޯޓުގެ މަގާމެއް ނޫން. ޒައްގޫމް ކާންދޭނީ. ހަރާން ހުކުމްކޮށްފައި, މާތް الله ގަންދީ ހުވާކޮށްފައި, ދިވެހިރާއްޖޭގެ އިދިކޮޅު ލީޑަރަށް ހުކުމް އިއްވާފައި ސަލާމަތަކުން ނުތިބެވޭނެ, މި އަންނަނީ ވެރިކަމަށް އިރާދަފުޅުކުރެއްވިއްޔާ,“ ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ, ފަނޑިޔާރު އަލީ ރަޝީދާ ގުޅޭ ގޮތުން ޖިންސީ ފުރައްސާރައިގެ މައްސަލައެއް, ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅިފައި އޮންނާނެ ކަމަށެވެ.

”އަޅުގަނޑުމެންނަށް އެބައުޅޭތަ ނޭނގިގެން އަލީ ރަޝީދު. އަލީ ރަޝީދެއް ނީންނާނެ އަޅުގަނޑުމެންގެ ވެރިކަމެއްގައި ސުޕްރީމް ކޯޓަކު. އޭނާ އޮންނާނީ ޖަލުގައި. އެއީ ގާނޫނީ އިމުގެ ތެރެއިން,“ ޝުޖާއު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ