ގްރޭޑް 12 ގެ އިސްލާމް ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް

ޚަބަރު ފަހުގެ

ގްރޭޑް 12 ގެ އިސްލާމް ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތް މައްސަލައެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ފެންމަތި ކުރައްވައިފިއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވަނީ ނުބައިކޮށް ކަމަށެވެ. އަދި އަވަސް ފުރުޞަތެއްގައި މިކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

(وَٱلَّذِینَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِی سَبِیلِ ٱللَّهِ وَٱلَّذِینَ ءَاوَوا۟ وَّنَصَرُوۤا۟ أُو۟لَـٰۤىِٕكَ هُمُ ٱلۡمُؤۡمِنُونَ حَقࣰّاۚ لَّهُم مَّغۡفِرَةࣱ وَرِزۡقࣱ كَرِیمࣱ) ސޫރަތުލް އަންފާލު 74

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް ފާހަގަކުރެވި އެކަން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.

ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ނުބައިކޮށް އޮތީ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެންނެވެ. އެ ހިސާބާ ގުޅިފައި އޮތީ ނާޒިއާތް ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތާ ހިސާބަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ފޮތް ތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެއްކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ