ޑަބްލިއު.ޑީ.ސީގެ ރައީސާ ސްކޫލް ބަދުނާމު ކުރަނީތަ!

ހަނިމާދޫ ރިޕޯޓް ފަހުގެ

ޑަބްލިއު.ޑީ.ސީގެ ރައީސާ، ސްކޫލް ބަދުނާމުކުރަނީ ހެއްޔެވެ؟ މިސުވާލު ނުއުފެދެންވީ ސަބަބެއް ނެތެވެ. ނިމިދިޔަ އޮގަސްޓް 30 ވަނަ ދުވަހު ޑަބްލިޔު.ޑީސީގެ ރައީސާ އަދި އެ ކޮމެޓީގެ މެންބަރުން ސްކޫލަށް ޒިޔާރަތްކޮށް ސްކޫލާއެކު އެ ކޮމިޓީއަށް ކުރިއަށްދެވޭނެ އަދި ކުރެވިދާނެ ކަންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ގޮށްކޮޅުގެ ކިޔުންތެރިންނަށް ރިޕޯރޓް ކޮށްފައި ވާނެއެވެ. އެ ދުވަހުގެ ބައްދަލުވުން ކުރިޔަށް ދިޔަގޮތާއި ދެކެވެނު ވާހަކަތަކާ ގުޅޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވީވެސް ޚުދް ރައީސާއެވެ. އެ މައުލޫމާތުގެ ތެރޭގައި ސްކޫލްގައި ކަމެއް އިސްލާހު ކުރަން ނުވަތަ ރަނގަޅު ކުރަން ޖެހޭ ވާހަކަ ދެއްކެވިކަމަކަށް ރައީސާ ބުނުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް ހިނގަމުން މިދާ ސެޕްޓެމްބަރ 3 ވީ ހުކުރު ދުވަހުގެރޭ ކައުންސިލުން އިންތިޒާމްކުރި ރައްޔިތުންގެ ފޯރަމެއްގެ ޕެނަލްގައި އިންނަވާ ތިމަންކަމަނާ މިވާހަކަ ދައްކަވަނީ ބެލެނިވެރިޔެއްގެ ހައިސިއްޔަތުންނޭބުނެ ސްކޫލް ބަދުނާމުވާ މޭރުމަކުން އެތައް ވާހަކައެއް ދެއްކެވިއަޑު އިވުމުން ހިޔާލުފާޅުކުރުމާއި ހަގީގަތް ހާމަކުރުމަށާއި ތައުލީމަށް ލޮބިކުރާ މިހެއްގެ ޙައިޞިއްޔަތުން އަދި ސްކޫލާއި ތަޢުލީމަށް ލޯބިކުރާ ފަރުދެއްގެ ޙައިޞިއްޔަތުން މިފަދަ ލިޔުމެއް ލިޔަން ވެއްޖެ ކަމަށް ދެކުނީމެވެ.

އާއެކެވެ!!. ރައީސާ ދެއްކެވި ވާހަކަތައް އަޑުއިވުމުން އަޅުގަނޑުގެ ގަލަން ހަމަހިމޭނުން ހަމަ ނުއޮތީއެވެ. އެނގިހުރި ހަގީގަތް ހާމަ ކުރަން އަމިއްލަ ޟަމީރު މަޖުބޫރު ކުރުވީއެވެ. މިލިޔުމުގައި ކޮމާ ކޯޅީގައި ލިޔެފައި އެވަނީ، ޑަބްލިއު.ޑީ.ސީގެ ރައީސާ އެރޭގެ ފޯރަމްގައި ދެއްކެވި ވާހަކައެވެ.

އިޝްތިހާރު
އިޝްތިހާރު

“އަޅުގަނޑު މި ވާހަކަތައް މިދައްކަނީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން” ރައީސާއެވެ! ތިޔަ ޕެނަލްގައި އިށީންނެވީ ނުވަތަ ތިޔަޕެނަލަކުން ޖާގަލިބިލެއްވީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ތޯއެވެ؟ އެހެން ކަމުގައިވާނަމަ މައްސަލައެއް ނެތެވެ. ނަމަވެސް ރައީސާއަށް ތިޔަޕެނަލުން ޖާގައެއް ލިބުނީ، ޑަބްލިއު.ޑީ.ސީގެ ރައީސާގެ ހަސިއްޔަތުން ކަމަށް ވާނަމަ މިވާހަކަ ދައްކަނީ އަމިއްލަ ހަސިއްޔަތުންނޭ ބުންޏަސް ބެލެނިވެރިއެއްގެ ހައިސިއްޔަތުންނޭ ބުންޏަސް ތިޔަވާހަކަ ދެއްކުނީ ޑަބްލިއު.ޑީ.ސީގެ ރައީސާގެ ހަސިއްޔަތުންނެވެ. ފޯރަމުގެ މަގުސަދަކީވެސް ޑަބްލިއު.ޑީ.ސީ އަދި ކައުންސިލުގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ހޯދުން ނޫންތޯއެވެ. އެހެންކަމުން، މި ފޯރަމުގައި ކަމަނާ ތަމްސީލުކުރައްވާނީ އެ ކޮމެޓީ ނޫންތޯއެވެ.

“އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ ސައިންސް ކުދިންނަށް ކުލާސްރޫމެއް ނެތުން، އެއްހަޓުގެ ދަށުން އަނެއް ހަޓުގެ ދަށުން ހިނގާ މަންޒަރު ފެނޭ ހަމަ، އަޅުގަނޑަށް އެކަން އިނގޭތީ މިބުނީ.” ރައީސާއެވެ! އެކުދިންނަށް ކުލާސްރޫމް ހަމަ ނެތީހެއްޔެވެ؟! ނޫނެކެވެ. މި އަހަރަށް ބަލާއިރު ކުލާސްރޫމްތައް އެބަހުއްޓެވެ. ފާއިތުވި އަހަރުގައި އެކުދިންނަށް ކުލާހެއް ދެކުލާހެއް ތިޔަ ދެންނެވި ގޮތަށް ނަގައި ނުދޭވާހަކަ އަޅުގަނޑު ނުދަންނަވަމެވެ. އެހެން ކަންތައްކުރާ ސަބަބު ބެލެނިވެރިނަށްވެސް ތަފާތު އެތައް ފަހަރަކު ހިއްސާކުރިއެވެ. ދަރިވަރުން އިތުރު މާއްދާ ޚިޔާރުކުރާ ގޮތުން ކުލާސްރޫމްތައް މަދުވާ ވާހަކަ އެޑިކޭޝަނަށްވެސް ތަފާތު އެތައް ފަހަރަކު ދަންނަވާފައިވާކަން އަޅުގަނޑު ދެނަހުރީމެވެ. ނަމަވެސް 2016 ވަނަ އަހަރުގައި ސްކޫލުގެ ކިޔެވުން ފެށުނީއްސުރެން 24 ކުލާސްރޫމާއި އެއް ހޯލް ސަރުކާރުގެ ބަޖެޓުގައި ޖެހުން ނޫންކަމެއްނެތެވެ. ކުދިންނަށް ކިޔަވައިދޭން ސްކޫލްގައި ލިބެންހުރިއްޔާ ހުރި، ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން އުޅޭއިރުވެސް އެތަން ތިޔަބުނާ ހައިސިއްޔަތަކުން ހަމަ ނުފެންނަ ކަހަލައެވެ. ކުލާސްރޫމް މަދުވެ، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީއާއި، މަލްޓީޕާޕަސްރޫމްވެސް ބޭނުން ކޮށްގެން ކުލާސްތައް ކުރިޔަށް ގެންދިޔަކަން ދެނަހުރީމު ހެއްޔެވެ؟ އެހެންކަމުން، އާއްމު ފޯރަމެއްގައި ތިޔަފަދައިން ވާހަކަ ދައްކަންޖެހޭވަރަށް މިއަހަރު ހަމަ އެކުދިން މަގުމަތިވީ ތޯއެވެ؟؟

“ސައިންސް ލެބެއްގެ ވާހަކަ އިންނާނީ ކުރިން ބައްދަލުވުމެއްގަ ބުނެލާފަ… މިހާރުން މިހާރަށް ވެސް ބޭނުން ވާކަމަށް.”

ރައީސާއެވެ. ފެށުނީއްސުރެ، ސައިންސް ލެބުގެ ދަތިކަން މިނިސްޓިރީއާ ހިއްސާކުރާކަށް އެނގޭ ހެއްޔެވެ؟ ކޮންމެ އަހަރެއްގެ ޕީއެސްއައިޕީގައި ޖަހަމުންގެންދާކަން އެނގޭ ހެއްޔެވެ؟ ނޭނގި އޮތިއްޔާ މިހާރު މިބުނެދެވުނީ ކަމަށް ބެއްލެވުން އެންމެ ރަނގަޅެވެ. ސައިންސްލެބެއްގެ ގޮތުގައިހުރިތަނާއި އެތަނުގެ ހާލަތު ނޭނގޭ ވެރިއެއް މިގައުމުގައި ނުހުންނާނެއެވެ. އެކަމަށް ހައްލު ބޭނުންވާ ވާހަކަ އެތައް ފަހަރަކު ދައްކާފައި ވާކަން އަޅުގަނޑަށް އެނގެއެވެ. ރައްޔިތުންނަށް ހައްގު މިންވަރު ހޯދާދޭން އައި ކަމަނާމެންގެ ޖަޒީރާ ސަރުކާރަށްވެސް އެތައް ފަހަރަކު ދެންނެވިއްޖެއެވެ. ވީކަމެއް ހަމަނެތެވެ. އެމީހުންވެސް ބަޖެޓްގައި ޖަހަނީ އިމާރާތް ކުރެވިފައިވާ 24 ރޫމާ ނުނިމި ހުރި ހޯލްގެ ވާހަކައެވެ. ކަމާނާ ތިހުންނެވި މަގާމުގެ ގޮތުން މިހާރު އެވާހަކަތައް ދައްކަންވީ އެކަހަލަ ފޯރަމްތަކުގައިތޯއެވެ؟ ނޫނެކެވެ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ކަމަނާވީ އަޑުއަހާށެވެ. އަދި ހައްލު ގެނެސްދޭން ކަމާބެހޭ މޭޒުތަކަށް އެ ވާހަކަތައް ގެންގޮސްދޭށެވެ.

“2019 އިން ފެށިގެން ހިސާބު ޓީޗަރަކަށް އެދިފައި ވާނި އަޅުގަނޑުމެން، އަދި ހިސާބު ޓީޗަރ ބަދަލުކޮށް ދިނުމަށްވާނީ ސްކޫލް އިސް ވެރިންކައިރީ އެދިފައި” ރައީސާއެވެ. ހިސާބު ކިޔަވައިދޭން މިހާރުވެސް 4 ޓީޗަރުން ހަރަކާތްތެރި އެބަވެއެވެ. އެ ޓީޗަރުން ފުލް ގިޔަރުގައި ކިޔަވައިދޭން އުޅޭއިރު ކުރިމަތިވާ ދަތިތައް އެއްފަހަރުވެސް ބައްލަވައިލެއްވިންތޯއެވެ؟ އިތުރު ގަޑިތަކަށް ޙާޟިރުވުމާ ކިޔަވައިދޭއިރު އެކަމަށްދޭ ސަމާލުކަންފަދަ އެތައްކަމެއް އެބަހުއްޓެވެ. ޓީޗަރ ބަދަލު ކުރުން އެއީ ހަމައެކަނި ހައްލެއް ނޫނެވެ. އެގޮތަށް ބަދަލުކުރަން ވެއްޖެނަމަ އަބަދުވެސް ވާނީ ބަދަލު ކުރާށެވެ. އެކަމުގެ ފަންނީ މީހުންނަށް އެކަންދޫކޮށް އަޅުގަނޑުމެންގެ ޒިންމާ އަޅުގަނޑުމެންނަށް އުފުލޭތޯ ބެލުން ކިހިނެއް ވާނެތޯއެވެ؟ ގަބޫލުކުރަމެވެ. ޓީޗަރުންގެ ފެންވަރާއި ދަރިވަރުންނަށް އަންނަ ކުރިއެރުމާމެދު ބެލެނިވެރިން އަދި ސްކޫލުންވެސް ފާރަވެރި ވާންޖެހެއެވެ. ނަމަވެސް ތިކަހަލަ ފޯރަމެއްގައި އެވާހަކަ ދެއްކުމަކީ އެކަން ކުރަން އޮތް، އެންމެ ރަނގަޅުގޮތް ހެއްޔެވެ؟ ކަމަނާ މިހާރު ތިހުންނެވީ މައްސަލަތައް ދެނެގަނެ، ހައްލުނުކުރެވޭ ސަބަބުތައް ނައްތާލައި، މުވައްސަސާތަކާއެކު މަސައްކަތްކުރަންޖެހޭ މަގާމެއްގަނޫންތޯއެވެ؟ އެކަން އެމަގަށް ދީލާލުން ކިހިނެއް ވާނެ ހެއްޔެވެ؟

އަދިވެސް އެއްވާހަކައެވެ. ކަމަނާ ދެ ޓީޗަރެއްގެ ނަން ކިޔައި އެމީހުންގެ ހައްގަށް އަރައި ގަތީ ވަރަވެސް ހުތުރު ކޮށެވެ. އެއީ އެ ފޯރަމްގެ މަޤުޞަދާ މުޅިން ޚިލާފުކަމެއްކަމަށް ފެންނާތީ އެވާހަކަވެސް ހަމަ ފާހަގަ ކޮށްލީއެވެ. ދޭސީއެއްވިޔަސް ބިދޭސީއެއްވިޔަސް އަބުރަކާއި އިއްޒަތެއް އޮންނާނެއެވެ. ވާހަކަ ދެއްކެވުމުގައި މިކަންކަމަށް ސަމާލުކަން ދެއްވުންއެއީ ކޮންމެހެން ބޭނުން ކަމެކެވެ.

” ދެން ބިޒުނަސް ކުދިން އެކައުންޓް ޓިޗަރެއް ނެތި އެކުދިން ކިޔެވީ.. އާޓް ޑިޒައިން ދޫ ކޮށްލުމުގެ ފުރުސަތެއް ނުލިބުން… މިއަހަރު 9 ގެ ކުދިނަން އެފުރުސަތު ދެވުނު.. އަޅުގަނޑުގެ ދަރިން 9، 10 ގައި އުޅޭތީ އެ ތަފާތު ފާހަގަވީމަ މި ފާހަގަ ކޮށްލީ… ފާއިތުވި އަހަރު އިކޮނޮމިކްސް ކިޔަވައިދޭނެ ޓީޗަރަކު ނެތޭކިޔާފަ އެމާއްދާ ކިޔަވައި ނުދިން… މެރިން ސައިންސް ނެގީމަ ވެސް ބުނީ އެކިޔަވައި ދޭނެ ޓީޗަރަކު ނެތޭ.. އަޅުގަނޑު މިހިތަށް އަރަނީ އިތުރު މާއްދާތަކެއް ނަގަށް ކުދިންނަށް ފުރުސަތު މިދެނީ… ސުކޫލުން ބުނަން ވީނުންހޭ މިވެނި މާއްދާ ތަކެކޭ ކިޔަވައި ދެވޭނީ… މަޖުބޫރު މާއްދާތައް ފިޔަވާ… އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއް ކުއްޖަކު ހުއްޓަސް އެމާއްދާ ކިޔަވައިދޭން ޖެހޭ… މިދިޔަ އަހަރު 9 ގެ ދަރިވަރުންނަށް އެކްސްޓެންޑެޑް ކިޔަވައިނުދޭ ހިސާބު ޓީޗަރ… އެކަން އަޅުގަނޑު ފާހަގަ ކުރީމަ ބުނީ ކުދިން ތިބީ ނިންމައިގެންނޭ ކޯ ހަދަން… ކުދިން ބުނޭ ނުނިންމަމޭ…10 އެބަތިބި އެކްސެޓެންޑެޑް ހެދޭވަރު ކުދިން”

ރައީސާއެވެ. އޭރު ހޯދައި އަތްމަތިކޮށްފައިހުރި ޓީޗަރ ފިލައިގެން ދިއުމުން ސްކޫލުން ކުރާނީ ކީއްހެއްޔެވެ؟ ކޮވިޑް 19 ގެ ސަބަބުން ޓީޗަރަކު އަލުން ނުގެނެވުމުން އެ މާއްދާ ކިޔަވައިދޭން ވެސް ސްކޫލުން ބުރަ މަސައްކަތްތަކެއް ކުރިކަން އަޅުގަނޑު ދެނެހުރީމެވެ. އެގޮތުން މާލޭގެ މަޝްހޫރު ސްކޫލެއްގެ އެކައުންޓް ޓީޗަރަކާއި ނޮޅިވަރަމް ސްކޫލްގެ އެކައުންޓް ޓީޗަރަކާ ގުޅިގެން އޮންލައިން ކުލާސްތައް ނަގައި ދިނެވެ. ކުދިންގެ ފެންވަރު ވަޒަންކުރީ އެކުދިންނަށް ކިޔަވައިދިން ނޮޅިވަރަމް ޓީޗަރުލައްވާ ތައްޔާރުކުރި އިމްތިހާނަކުންނެވެ.

ކުދިން އިހުތިޔާރުކުރާ އިތުރު މާއްދާތައް ކިޔަވައިދޭނެ އުސޫލު ކަނޑައަޅަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޕޮލިސީ ޑިޕާޓްމަންޓުންނެވެ. އެކަމަށް އެދި ހުށައެޅުމަށް އެ މިނިސްޓްރީން ތައްޔާރުކޮށް ސްކޫލްތަކަށް ފޮނުވާފައިވާ ފޯމް ދަރިވަރުން ފުރުމުން އެ ފޯމުތައް މިނިސްޓްރީއަށް ފޮނުވީމާ އެ އަހަރަކު އެ ސްކޫލެއްގައި ކިޔަވައިދެވޭނީ ކޮން މާއްދާ ތަކެއްކަން ކަނޑައަޅަނީ އެ މިނިސްޓްރީންނެވެ. އެކަން ކުރަނީ ގްރޭޑް އަށެއްނިންމައި ނުވައެއް ފެށުމުގެ ކުރިންނެވެ. ދަރިވަރުން ހަދާނީ އެމާއްދާއެއްގެ ކޯ ނުވަތަ އެކްސްޓެންޑެޑްކަން ކަނޑައަޅަނީ ބައެއް ފަހަރު ބައެއް ސްކޫލްތަކުގަ ގްރޭޑް ނުވައެއްގައި ކިޔަވައި ދެމުން ހަދާ އިމްތިހާން ތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. އަނެއްބައި ފަހަރު ގްރޭޑް 9 ނިންމާ އިމްތިޙާނުގެ ނަތީޖާއަށް ބަލާފައެވެ. އެކަމަކު ވިސްނާލާށެވެ. ފައިބި އަހަރަކީ ތަފާތު އެތައްގޮތަކުން ވަރަށް ތަފާތު އަދި އެހާމެ ގޮންޖެހުންބޮޑު އަހަރެކެވެ. އެކި ސްކޫލްތަކުން މިކަންކަމަށް އެކިއުކުޅު ބޭނުންކޮށްފައި އެބަހުއްޓެވެ.

އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ގިނަ މާއްދާތަކެއް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބުމަކީ އެންމެންވެސް އެދޭނެ ގޮތެވެ. ނަމަވެސް އެކަންކަމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަނޑައެޅިގެން އަމަލުކުރެވޭ ކަންކަމެވެ. ކަމަނާއަށް ގަބޫލުކުރަން ދަތިނަމަވެސް ކަމަނާ މިހާރު ތިޔަހުންނެވެނީ އެ ސިޔާސަތުތަކުގެ ތެރޭގައި ކަންކަން ހިމެނުމަށް މަސައްކަތްކުރެވޭ ހިސާބުގައެވެ. ސުކޫލާއެކު ކުރިއަށް ވަޑައިގަތުން ކިހިނެއްތޯއެވެ؟ ޓީޗަރުން ހަމަކުރެއްވުމަށްވެސް މިހާރަށްވުރެ އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކޮށްދެއްވާށެވެ. ބޭނުން މާއްދާއެއް އުނގެނުމުގެ ފުރުސަތު ހޯދައިދެއްވުމަށް ސަރުކާރާ އެކުވެސް މަސައްކަތް ކޮށްދެއްވާށެވެ.

ރައީސާއެވެ. މައްދާ ދޫކޮށްލުމަށް ބޭނުންނަމަ ސިޓީއެއް މެދުވެރިކޮށް ސްކޫލުގައި އެދެންވީއެވެ. އޭރުން އެފަދައިން ދަރިވަރުގެ ބެލެނިވެރިޔާ އެދޭކަން، ސްކޫލުން އެޑިއުކޭޝަނަށް އަންގާނެއެވެ. އެކަންކުރަން ހުއްދަ ދެއްވައިފިނަމަ އެކަން ސްކޫލުން ކުރާނެއެވެ. ނުދެއްވައިފި ނަމަ އެކަމެއް ސްކޫލަށް ކުރެވިދާނެކަމަކަށް ނުފެނެއެވެ.

ރައިސާއެވެ. ބެލެނެވެރިއެއްގެ ހައިސިއްޔަތުންވެސް ކަންކަން ރަނގަޅުކުރަން އުޅުމަކީ ވަރަށްވެސް ރަނގަޅުކަމެކެވެ. ނަމަވެސް އެ ހައިސިއްޔަތު މިފަހަރު ބޭނުން ތިޔަ ކުރެއްވުނީ ނުބައި މަހައްލެއްގައެވެ. ކަމާނާއަކީ ކަންކަން އިސްލާހުކޮށް ދެއްވުމުގައި ޒިންމާ އުފަލަންވީ މީހެއް ނޫންތޯއެވެ؟ އެހެންކަމުން ކަންކަން އޮޅުވާލަން އުޅުމުގެ ބަދަލުގައި އެއް މޭޒެއްގައި އިށީނދެ، ރީތިކޮށް ވާހަކަ ދެއްކެން އޮއްވައި ތިޔަތެޅީ ހިކިފަސްތާ ބަކައެވެ. ރަށް ތަރައްގީކުރެވެން އޮތީ މިމަގުންނޭ ބުނެ މިފަހަރު ތިޔަ ދެއްކުނީ ވަރަށްގޯސް ނަމޫނާއެކެވެ. މުސްތަގުބަލުގައިވެސް ރަށް ތަރައްގީ ކުރުމުގައި ކަމަނާ ގެންގުޅުއްވާނެ ގޮތަކީ ތިޔައީ ކަމަށް ވާނަމަ، އަޅުގަނޑުމެންނަށް އަބަދުވެސް ޖެހޭނީ މިފަދަ ގޮތަކަށް ނަޞޭޙަތްތެރި ވާށެވެ. އެހެން ނުހައްދަވައި ރަނގަޅު މަގުން ކުރިޔަށް ދުރުވާށެވެ. ކާމިޔާބު ވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ