އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އެމެރިކާއަށް ވަޑައިގަންނަވަނީ

ޚަބަރު ފަހުގެ

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ މި އަހަރުގެ އާންމު މަޖިލިސް ރަސްމީކޮށް ހުޅުވޭނީ މިއަދު އެވެ. މިއަދުން ފެށިގެން އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ރާއްޖޭގެ ދާހިލީ ވަޒީރު އަބްދުالله ޝާހިދު އެވެ. މިއާއި އެކު މިމަހުގެ 21 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ތަގުރީރުކުރައްވާއިރު، ރިޔާސަތުގައި ޝާހިދު އިންނަވާނެތީ، އެ ވަގުތު ވެގެންދާނީ ރާއްޖެއަށް ތާރީހީ ވަގުތު ކޮޅަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

މެމްބަރުތަކުގެ އާންމު ބަހުސް ފެށުމަށް ހަމަހެޖިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް މިވަގުތު ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ. އޭގެ ކުރިއަށް ތަގްރީރު ކުރާނީ ބްރެޒިލްގެ ރައީސް އާއި އެމެރިކާގެ ރައީސް އެވެ.

މެމްބަރުތަކުގެ އާންމު ބަހުސް 21 ވަނަ ދުވަހު ފެށިގެން 25 އާ ހަމައަށް ކުރިއަށްދާނެ އެވެ.

މިއީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ.ގައި ތަގުރީރުކުރައްވާ ދެވަނަ ފަހަރެވެ. އެމަނިކުފާނު 2019 ވަނަ އަހަރު އދ.ގައި ތަގުރީރުކުރައްވާފައިވަނީ، ރާއްޖޭގެ އެންމެ އިސްވެރިޔާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ