މޫސުމީ މައްސަލައަކީ މި ޖީލަށް އޮތް އެންމެ ބޮޑު މައްސަލަ: ރައީސް

ޚަބަރު ފަހުގެ

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަކަމަށާއި، އެމައްސަލައަކީ ބައިނަލްއަޤްވާމީގޮތުން އެންމެ އިސްކަމެއްދެވޭ މައްސަލައެއްގެ ގޮތުގައި ދެމިއޮތުން މުހިއްމު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އ.ދ.ގެ މައި އިދާރާގައި ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ “ކްލައިމެޓް މޮމެންޓް”ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

“ކްލައިމެޓް މޮމެންޓް” ބައްދަލުކުރެއްވުމަކީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޚާއްޞަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުން އޮތީ އ.ދ.ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމާއި، ވިލުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުންފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށްދިއުމުގައި ހުރި ހުރަސްތައް ފަދަ މަޢުޟޫޢުތަކުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ މުހިންމުކަން ކުދި ޖަޒީރާ ޤައުމުތަކުން އެންމެ ފުރަތަމަ ވަކާލާތު ކުރަންފެށިއިރު، އެއީ ހާސިލު ކުރެވިދާނެ ވަރުގެ ލަނޑުދަނޑިއެއްކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން މިހާރުވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވުމާއި، ކުރިއަށް އޮތްތާނގައި ދުނިޔެ އިތުރަށް ހޫނުވަމުން ދިއުމުގެ ސަބަބުން 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމުގެ ފުރުޞަތު މިހާރު ހަނިވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވައިލައްވާފައެވެ. މިގޮތުން، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަޤުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި ޕެރިސް އެގްރިމެންޓް ބިނާވެފައި އޮތީ އަމިއްލައަށް ޒިންމާދާރު ފިޔަވަޅު އަޅަމުން ގެންދިއުމަށް ކަމުގައިވިޔަސް، އެކަން އަމަލުން ނުފެންނަ ކަމަށާއި، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަމާޒާ ގާތަށްވެސް ވާސިލްވެވިފައި ނުވާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މިހާރާ އަޅައިބަލާއިރު ހަތަރު ބައިކުޅަ އެއްބަޔަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކަނޑައަޅާފައިވާ ގޮތުގެމަތިން ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. ކަން މިހެން އޮތް ނަމަވެސް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ