ރާއްޖެއިން ބޭރުގައި ތަމްރީން ހައްދަވަމުން ގެންދެވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ރާއްޖެއިން ބޭރުގައި ތަމްރީންތައް ފުރިހަމަ ކުރައްވަމުން ގެންދެވި ދިވެހި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅުއްވަނިކޮށް މިއަދު މެންދުރުފަހު ނިޔާވީ އއ. ހިމަންދޫ، ރޯޒްމީޑް ލާންސް، ކޯޕްރަލް މުޙައްމަދު ސުލްޠާނު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޢުމުރުން 22 އަހަރުގެ ސުލްޠާން ނިޔާވެފައި ވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރައްވާން އުޅުއްވަނިކޮށްކަމަށް އެމްއެންޑީއެފުން ބުންޏެވެ.

”މިއަދު މެންދުރުފަހު އޮތް މި ދުވުމުގެތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައި.“ އެމްއެންޑީއެފުން ބުންޏެވެ.

ސުލްޠާން ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 2018 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 8 ވަނަ ދުވަހުގައެވެ. ސުލްޠާން ފުރިހަމަކުރައްވަމުން ގެންދެވީ، މި އަހަރުގެ މާރިޗްމަހުގެ 15 އިން ފެށިގެން 2024 މާރިޗްމަހުގެ 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.

މި ކޯހުގެ ކުރިން ސުލްޠާން މަސައްކަތް ކުރައްވަމުން ގެންދެވީ އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒް (ޖޭ-1) ގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހަމައެހެންނެ ސުލްޠާނަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިލެއްވީ، މި ކޯސް ފުރިހަމަ ކުރައްވަމުން ގެންދަަވަނިކޮށްކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އަންނަނީ ސުލްޠާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ