ޕޯޓޯ އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޕޯޓޯ އަތުން ފަސޭހަކަމާއެކު ލިވަޕޫލް މޮޅުވެއްޖެއެވެ.

ގްރޫޕް ބީގައި ހިމެނޭ ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޭމްސް މިލްނާ ހުރަސްކޮށްދިން ބޯޅައަކުން ލިވަޕޫލުގެ ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ސަޑިއޯ މާނޭއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ކާޓިސް ޖޯންސް ދިން ބޯޅައަކުން ސަލާހު ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އެކަމަކު އޭގެ 15 މިނެޓު ފަހުން މެހެދީ ތަރޭމީ ވަނީ ލަނޑެއް ޖަހައި، ޕޯޓޯއަށް ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން ލިވަޕޫލުން ވަނީ މި މެޗުގައި އަލުން ލީޑު ފުޅާކޮށްފައެވެ. ޖޯންސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯއެވެ. އަދި މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ފިރްމީނޯ ވަނީ ލިވަޕޫލުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުން ފަސޭހަކަމާއެކު ލިވަޕޫލް މޮޅުވިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި އަންގާރަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ ރަށުން ބޭރުގައި ކުޅެ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޕޯޓޯއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް މިލާނަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ