ބާރުގަދަ މަސްތުވާތަކެތި

ފަހުގެ ދީން

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން މި ދުވަސްވަރު އަޅުގަނޑުމެންގެ މުޖްތަމަޢުގައި، ވަރަށް ވެސް ގިނަވެއްޖެއެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމާއި، އޭގެ ވިޔަފާރިކުރުން ވެސް އިތުރުވެއްޖެއެވެ. އަދި ބާރުގަދަ މަސްތުވާތަކެއްޗާއި ބާރުދަށް މަސްތުވާތަކެތީގެ ވާހަކަ ދެކެވޭލެއް ގިނަ ވެއްޖެއެވެ. ބައެއް ބާވަތްބާވަތުގެ މަސްތުވާތަކެއްޗަށްވުރެ އަނެއް ބައި ބާވަތްތަކުގެ މަސްތުވާތަކެތީގެ ނުރައްކާތެރިކަން ބޮޑުކަމުގައި ޒަމާނީ ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި އެނގެއެވެ. ނަމަވެސް މަސްތުވާތަކެތީގެ ޙުކުމް މާތްވެގެންވާ އިސްލާމްދީނުގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ﴾ (المائدة: ٩٠) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.”

އިޝްތިހާރު
އިޝްތިހާރު

މަސްތުވާތަކެއްޗަކީ އޭގެ ޒާތުގައި ޙަރާމް އެއްޗެކެވެ. އެއީ އޭގެން ކިތަންމެ މަދު މިންވަރެއް ބޭނުން ކުރިޔަސް މެއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވާފައި ވެއެވެ. “مَا أَسْكَرَ كَثِيرُهُ، فَقَلِيلُهُ حَرَامٌ” މާނައީ: “އެ އެއްޗެއްގެ ގިނަ މިންވަރެއް ބޭނުން ކުރުމުން މަސްތުވާ އެތީގެ މަދު މިންވަރު ބޭނުން ކުރުން ވެސް ޙަރާމް ވެގެންވެއެވެ.” (رواه أبوداود والنسائي والترمذي)

މި ޙަދީޘުން އެނގޭ ގޮތުގައި އެއްޗެއްގެ މަދު މިންވަރު ބޭނުންކޮށްގެން މަސްތު ނުވިއެއްކަމަކު، އެ އެއްޗަކީ (ގިނަ މިންވަރުން) މަސްތުކުރުވާ އެއްޗެއް ކަމުގައި ވާ ނަމަ އެއީ ޙަރާމް އެއްޗެކެވެ.

ހަމަ އެފަދައިން، އެއީ ކިތަންމެ ބާރުގަދަ މަސްތުވާ އެއްޗެއް ކަމުގައިވިޔަސް އަދި ކިތަންމެ ބާރުދަށް މަސްތުވާ އެއްޗެއް ކަމުގައިވިޔަސް، އެ ބޭނުން ކުރުމުން މަސްތުވާ ކަމުގައިވާ ނަމަ އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ވީމާ، މަސްތުވާ އެއްޗެއް ބޭނުން ކުރުން ޙަރާމްވެފައި ވުމުގެ ސަބަބަކީ މަސްތުވުމެވެ. އޭގެ ބާރު ގަދަވުމާއި ދަށްވުމެއް ނޫނެވެ.

ދަންނާށެވެ! ޤިޔާމަތް ދުވަހު ތިބާގެ ފައި ހުރިތަނުން ގުޑުވައިލެވޭނީ ހަތަރު ކަމަކާ މެދު ސުވާލު ކުރެއްވުމަށް ފަހުގައެވެ. އެއީ ތިބާގެ ޢުމުރާ މެދު، ޢުމުރު ހޭދަކުރީ ކޮން ކަމެއްގައިތޯއެވެ! އަދި ތިބާއަށް ދެއްވި ޢިލްމުން ކުރީ ކޮން ކަމެއްތޯއެވެ! އަދި ތިބާގެ މުދާ ހޯދީ ކޮން ގޮތަކަށްތޯއެވެ! އަދި އެ މުދާ ހޭދަކުރީ ކޮން ކަމެއްގައިތޯއެވެ!

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! ޤިޔާމަތް ދުވަހަށް ބިރުވެތިވެ މާތް ﷲ ޙަރާމް ކުރައްވާފައިވާ ޢަމަލުތަކުން އެއްކިބާވާށެވެ.

ނޯޓް: މިއީ هــ ۱٤٤۳ އަހަރު صَفَر މަހުގެ 17 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 38 ވަނަ ޢަދަދުގެ 2 ވަނަ ޞަފްޙާގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ