އެއް ސަހަރެއްގައި މުއްސަނދި ސައުދާގަރަކު (ވިޔަފާރިވެރިއަކު) އުޅުނެވެ. އޭނާގެ ހުންނަނީ އެންމެ ފިރިހެން ކުއްޖެކެވެ. ސައުދާގަރުގެ ދެމަފިރިން އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިއެވެ. އެކަމަކު ސައުދާގަރުގެ އުންމީދެއް އޮވެއެވެ. އެއީ އޭނާ ނެތް ދުވަހަކުން ވެސް އޭނާގެ ދަރިފުޅަކީ އޭނާގެ ވިޔަފާރިތައް ކުރިއަށް ގެންދެވޭފަދަ ކުއްޖަކަށް ހެދުމެވެ. އެހެންވެ ކިޔެވުމުގެ އިތުރުން ސައުދާގަރުގެ މަސައްކަތުގައި ބައިވެރިކޮށް ގެންގުޅެން ބޭނުންވެއެވެ. އެކަމަކު ހެނދުނު ސައުދާގަރު މަސައްކަތަށް ނިކުންނައިރު ގިނަ ދުވަސްދުވަހު އެ ދަރިފުޅަށް އޭނާއެކު ދެވޭގޮތެއް ނުވެއެވެ. ފަތިހުގެ އަރާމު ދިނިކޮޅު މާ މުހިންމުވަނީއެވެ. އެހެންވެ ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން ނިދަން އޮންނަނީއެވެ. ބައެއް ދުވަސް ދުވަހު ބޮލެއްގައި ރިހޭތީއެވެ. އަނެއްބައި ދުވަސްދުވަހު އަތެއްގައި ރިހޭތީއެވެ. އަނެއްބައި ދުވަސްދުވަހު ފައެއްގައި ރިހޭތީއެވެ.
ދުވަސްކޮޅަކު ބަލިވެ އުޅެފައި ސައުދާގަރު ނިޔާވެއްޖެއެވެ. އޭރު އެ ދަރިފުޅު ގުނަމުންދަނީ ޒުވާންކަމުގެ ދައުރެވެ.
ސައުދާގަރު ނިޔާވުމުން މިހާރު ފަތިހު މަސައްތަށް ގޮވާނެ މީހަކު ނުހުންނާތީ އެ ޒުވާނާ ކޮންމެ ދުވަހަކު އޮންނަނީ ނިދާފައެވެ. މަންމަ އައިސް ގޮވީމާ ފަތިސް ނަމާދު ކޮށްފީމޭ ބުނެއެވެ. ގިނަ ދުވަހު ހަދަނީ ދޮގެވެ.
ސައުދާގަރު ނިޔާވުމުން އެ އާއިލާއިން އެކަމުގެ އަސަރުތައް ފެންނަން ފަށައިފިއެވެ. ފަގީރުވާން ފަށައިފިއެވެ. ބޭނުންހާ އެއްޗެއް ގަނެ އުޅޭނެ ފައިސާ ސައުދާގަރުގެ ދަރިފުޅަށް ނުލިބޭން ފަށައިފިއެވެ. ވިޔަފާރިތަކާއި ދަނޑުތަކުން ލިބޭ އާމުދަނީ ވަރަށް ބޮޑުތަން ދަށަށް ހިގައްޖެއެވެ. މިކަމާ ސައުދާގަރުގެ ދަރިފުޅު ކަންބޮޑުވިއެވެ. އަދި މަންމައާ ވާހަކަ ދެއްކިއެވެ. މަންމަ ބުންޏެވެ. ދަރިފުޅުގެ ކާފަ ކައިރިއަށް ދާށެވެ. އެއީ ވަރަށް ބޮޑު ބުއްދިވެރިއެކެވެ. ރަނގަޅު ޚިޔާލެއް ލިބިދާނެއެވެ.
ސައުދާގަރުގެ ދަރިފުޅު ކާފަކައިރިއަށް ދިޔައެވެ. އަދި ވިޔަފާރިއަށް ވާގޮތް ކިޔައިދިނެވެ. ތިމަންނައަކީ ބައްޕަ ދުނިޔޭގައި މަސައްކަތްކޮށް މަސައްކަތެއް ދަސްވެފައިވާ މީހަކީމެއް ނޫނޭ ބުނެ އިސް ޖަހާލިއެވެ. ކާފަ ބުންޏެވެ. ދަރިފުޅާއެވެ. އަޅާނުލާށެވެ. ކާފަބުނާގޮތެއް ހަދާށެވެ. ދަރިފުޅުގެ ބައްޕަ ފަތިހު ހޭލާ ގަޑިއަށް ހޭލާށެވެ. މަންމަކުރެން އަހައިގެން ފަތިހު ބައްޕަ ދާ ތަންތަނަށް އެ ގަޑިގަޑިއަށް ދަރިފުޅު ވެސް ދާށެވެ. ކާފައަށް އިތުބާރުކުރާށެވެ.
ކާފަބުނިގޮތަށް ސައުދާގަރުގެ ދަރިފުޅު ކޮންމެ ރެއަކު ފަތިހު ހޭލަން ފަށައިފިއެވެ. މަންމަ ބުނިގޮތަށް ބައްޕައެކޭ އެއްފަދައިން ފުރަތަމަ ދަނީ މިސްކިތަށް ފަތިސްނަމާދުގެ ޖަމާޢަތަށެވެ. އެއަށްފަހު ދަނީ ދަނޑުތައް ބަލާލާށެވެ. ހެނދުނު ނާސްތާ ކުރަން އަންނަނީ ހުރިހާ ފިހާރަތަކަކަށް ގޮސްފައެވެ.
މިހެން ކޮންމެ ދުވަހަކު ޢަމަލުކުރަން ފެށުމާއެކު ދަނޑުވެރިން ވެސް ކުރިއެކޭ އެއްގޮތަށް ފަތިހު ހޭލާ މަސައްކަތަށް ނިކުންނަން ފަށައިފިއެވެ. ފިހާރަތައް ވެސް ގަޑިންގަޑިއަށް ހުޅުވަން ފަށައިފިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރި ރަނގަޅުވެ އިހުއޮތް މުއްސަނދިކަން އެ އާއިލާއަށް ލިބިއްޖެއެވެ.
ސައުދާގަރުގެ ދަރިފުޅު ވީ އުފަލުން ކާފައާ ބައްދަލުކުރިއެވެ. އަދި ވަރަށް ބޮޑަށް ޝުކުރުއަދާ ކޮށްފައި ބުންޏެވެ. ކާފާއެވެ. ކާފައަކީ ހާދަހާމޮޅު މީހެކެވެ. ހީލާފައި ކާފަ ބުންޏެވެ. ދަރިފުޅާއެވެ. ކާފަ ހަމަ އެއްވެސް ކަމެއް ނުކުރަމެވެ. ކުރިކަމެއް ނަމަ ތިޔަކުރީ ހަމަ ދަރިފުޅެވެ. ދަރިފުޅަށް ތިޔަކުރެވުނު ކަންތައް ވެސް ދަރިފުޅަށް ނޭނގެނީތާއެވެ. ދަރިފުޅުގެ ކަންނެތްކަން ދަރިފުޅު ދޫކޮށްލީއެވެ. ދަރިފުޅަކީ ވެސް ދަރިފުޅުގެ ބައްޕަ ކަހަލަ މުރާލި މީހަކަށް ވީއެވެ. ކަންނެތް ކަމަކީ ދިރިއުޅުމުގެ ހަޔާތް ބަރުބާދުކޮށްފާނެ ދުޝްމިނެކެވެ. (ނިމުނީ)
ނޯޓް: މިއީ ފޭސްބުކްގައި 17 ޖުލައި 2020 ވަނަދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.


