ވައުދުތަކާ އެއްގޮތަށް ފެށިފައިވާ މަޝްރޫއުތައް ދެ އަހަރުތެރޭ ނިންމަނީ

ޚަބަރު ފަހުގެ

ސަރުކާރުގެ ވަޢުދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަޝްރޫޢެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރަސްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ހަވީރު ރަސްދޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ޙައްލެއް ވަގުތީ ގޮތުން ވިޔަސް ލިބޭނެކަމަށާއި ދިގު ރާސްތާއަށް ވިސްނައިގެން މިކަމަށް ދާއިމީ ޙައްލެއް ހޯއްދެވުމަަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ވަޢުދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަޝްރޫޢެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަސްދޫގައި ފަށާ މަޝްރޫޢުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ޔުޓިލީޓީޒްގެ ޚިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ފެސިލިޓީސްތައް މަދުވުމުން ހުރި ކަންބޮޑުވުންތައް އަދި މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ