އިސްލާމީ މަރުކަޒު ބުނެއެވެ!

ރަންގަލަން އަދަބިއްޔާތު އިޖުތިމާޢީ ފަހުގެ

ފެނުމާއެކު ހިތް މަޑުމޮޅިވެ ހިމޭންވާނެއެވެ. ބުނެދެން ނޭނގޭ ޝުޢޫރުތަކަކުން ވަށާލާނެއެވެ. ފެންނަ ފެނުމަށް ހުދު ސާފު ބޯކިރުފޮދެއް ފަދައެވެ. އެއްވެސް ކުލައެއް މިލައެއްނެތް ރީތިކަމާއި ސާފުކަމެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނަނީ ރަންކުލައިގެ ބޮޑު ގުއްބެވެ. ހިތް ބުނާނެއެވެ. އެއީ ހާލިސް ރަނެވެ. އެހާވެސް ރަނާ އެއްކުލަވާނެވެ. އޮމާންކަމުގެ ސަބަބުން އަރާފައި ހުންނަ އޮފާއި ދަޅައިން ތިބާގެ ދެ ލޯ އަޖައިބުވާނެއެވެ.

އެ އަޖައިބުކަމުގައި ހުއްޓާ ދެން ފެންނަނީ އޮލަނބަށް ހިމޭން ކަމާއެކު ތެދަށް ހުންނަ އުސް މުންނާރެވެ. ހީވަނީ ގުއްބަށް ބަލަހައްޓައިގެން ހުންނަ ވަފާތެރި ފާރަވެރިއެއް ހެންނެވެ. އެ މުންނާރުގެ ތިރީގައި ވާތީ ފެންނާނީ އިރުއިރުކޮޅާ އެކިއެކި ކުލަތަކުން ދިއްލޭ ފެންއާރެކެވެ. ނޫކުލައާއި ވިލުކުލައެވެ. ފެހިކުލައާއި ދަނބު ކުލައެވެ. ފިޔާތޮށިކުލައާއި ލޭގެ ރީތި ރަތްކުލައެވެ. ގޮތްގަނޑު ބޮޑެއް ނުވާނެއެވެ. ދަނޑިއަކަށް މައްޗަށް އަރާފައި ލުއިލުއި މިއުޒިކަކާއެކު ތިރިއަށް އޮހެމުންދާނެއެވެ. ފެން އޮހެމުންދާގޮތާއި އަރަމުންދާ ކުލަތަކާއެކު ހިތަށް އަރާފައިބާ އުފާވެރި ޝުޢޫރުތައް ވެސް ލުއިލުއި ހީލުމަކުން ހީލާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކައިރިވި ވަރަކަށް ހިތަށް ވައްދައިދޭނީ ދީނުގެ ހައިބަތާއި ޤަދަރާއި އިހުތިރާމެވެ. ނުބައި ޚިޔާލުތަކާއި ވަސްވާސްތަކުން ހީވާނީ ދުރުކޮށްދޭ ހެންނެވެ. އިމާންތެރިކަން އިތުރުވާ ހެންނެވެ. ނަސީބާއި ފަލާޙާ ކައިރިއަށް ދެވޭ ހެންނެވެ.

ސަންގުމަރުމަރު ހިލައިގެ ސިޑިމައްޗަށް އަރާތަނުން ބަލާލެވޭނީ މަތިން ފެންނަ ނަން ބޯޑަށެވެ. މަސްޖިދިލް ސުލްޠާން މުޙައްމަދު ތަކުރުފާލް އަޢުޡަމެވެ. އެއީ އިސްލާމީ މަރުކަޒުގައި ހުންނަ ރީތި ހިތްގައިމު މިސްކިތުގެ ނަމެވެ.
އެ ނަން ލިޔުއްވާފައި ވަނީ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. އެ މަނިކުފާނުގެ ފަންނުވެރިކަމުގެ އިތުރުން އެ މަނިކުފާނުގެ ޝަޚްޞިއްތު ވެސް އެ ނަންބޯޑާއި އެ މަނިކުފާނުގެ ޒަޢާމަތުގައި ބިނާކުރެއްވި އެ އަގުހުރި ބިނާ ކިޔައިދެއެވެ. ނަންބޯޑުގެ ތިރިން ފެންނަ މައި ދޮރުގެ ފަރުމާއިން ދައްކައިދޭނީ އިރުގެ ދޯދިތަކެކެވެ. މިސްކިތުގެ ދޮރުން އަރައިގެން އެ ދާ ދޯދިތަކާއި މިސްކިތުގެ ނަމާ މައުނަވީ ގޮތުން ގުޅިފައިވާ ގުޅުމަކީ އިއްތިފާޤެއް ނޫނެވެ.

ހިތްގައިމު އަދި އެހާ ފުރިހަމަ އެ މިސްކިތަށް ޣާޒީ ރަދުންގެ ނަންފުޅުން ނަން ދެއްވީ ކީއްވެގެންކަން ދިވެއްސެއްގެ ހިތަކު ސުވާލެއް ނޫފެދޭނެއެވެ. އެ ރަދުންނަކީ ދިވެހިންގެ ޤައުމީ ބަޠަލަށް ވީތީއެވެ. ޕޯޗްގީޗުންގެ އަނިޔާވެރި އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށް ދެއްވި ޒަޢީމަށް ވީތީއެވެ. މި ލޮބުވެތި ވަޠަނުގެ އިސްލާމީ ވަހުދަތުގެ ދިދަ ވެއްޓިފައި ވަނިކޮށް ކޮޅަށް ނަންގަވައި މިނިވަން ވައިގެ ތެރޭގައި ވިހުރުވާލަ ދެއްވި ލީޑަރަށް ވީތީއެވެ.

ތިބާގެ ކުރިމަތިން ތިޔަ ފެންނަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތެވެ. އަޅުގަނޑަށް، އަދިވެސް ރާއްޖޭގައި ހުރި އެންމެ ހިތްގައިމު ބިނާއެވެ. ދިވެހިރާއްޖޭގެއަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތެއް ކަން ބަޔާންކޮށްދޭތީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ވެރިރަށުގެ މަލަމަތިން އިސްލާމީ ވަރުގަދަ ޝަޚްޞިއްޔަތު ދައްކައިދޭތީއެއް ވެސް ނޫނެވެ. ދީނާއި ދިވެހި ޤައުމިއްޔަތާއޮތް ގުޅުން ކިޔައިދޭތީއެއް ވެސް ނޫނެވެ. އެކަމަކު، އެހުރިހާ ކަމެއް ލާމެހޭހެން ފޯރުކޮށްދޭ ވަރުގަދަ މެސެޖާއި ފެންނަ ފުރިހަމަ އަދި އެހާމެ ސާދާ ފަރުމާގެ ސަބަބުންނެވެ. އެތައް އަހަރެއް ފާއިތުވީ އިރުވެސް އެ ކުލަތަކާއި އެ އަސަރުތައް ވައްޓާނުލެވޭތީއެވެ. ފަޑުކޮށް ނުލެވޭތީއެވެ. އެތައް ބައެއްގެ ހިތުގައި ލޯތްބާއި އިހުތިރާމު ބިންވަޅު ނަގާފައި އޮތީތީއެވެ. އެތައްއެތައް ތަސްވީރެއްގައި އެ ސޫރަ ކުރެހިފައިވާތީއެވެ. އަދި މިއަދުވެސް މި ހަގީގަތް ބަދަލު ނުވާތީއެވެ.

ސިޑިން މައްޗަށް އެރިވަރަކަށް މިސްކިތުގެ އެތެރެ ދާނީ ފެންނަމުންނެވެ. މިސްކިތުގެ މިހުރާބުގެއާއެކު ޚަތީބު އަރުއްވާ މިންބަރާއި މިސްކިތުގެ އެތެރެ ފެނުމުން އިސްލާމު ދީނުގެ މައްޗަށް އޮންނަ ލޯތްބާއި ހައިބަތު އުތުރިއަރާނެއެވެ. ހިތުގެ އެންމެ ހިމަ ނާރު ވެސް އެކަމަށް އިޢުތިރާފު ވާނެއެވެ. މަޑުމަޑު ކާޕެޓްގައި ފައިތިލަ ބީހިކުމާއެކު މުޅި ހަށިގަނޑުގައި ރޫޙީ އުފަލެއް ދައުވާނެއެވެ. މިސްކިތުގެ އެތެރޭގައި ލަކުޑީގައި ކަނޑާ ނަގާފައިވާ އިސްލާމީ ކުރެހުންގަނޑުތަކާއި ލިޔެފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ނަޒަރު ހުއްޓޭނެއެވެ. ކޮންމެ ލިޔުމެއް ވަކިވަކިން ހިމޭނުން އޮވެގެން ހިތް ކިޔާނެއެވެ. ލޮލަށް ފެންނަ މަންޒަރާއި ހިތަށް އަރާފައިބާ ޝުޢޫރުތަކުން އިތުރަށް ހިތް ހިމޭންވާނެއެވެ. ކަނޑުގެ ސަތަހައިގައި ބޮސްމުން އަންނަ ސާފު ވައިރޯޅި ތިބާގެ ގައިގައި ވެސް ބީހިލާނެއެވެ. އެއް ފަރާތުން ވަދެގެން އަނެއް ފަރާތުން ނިކުމެގެންދާ ވައިރޯޅިއަށް އިސްލާމީ ފަރުމާ ދައްކައިދޭގޮތަށް ހައިވަކަރުން ހަދާފައިވާ ޖާލި ދޮރުތައް ހުރަހެއް ނާޅާނެއެވެ. މިސްކިތުގެ އެތެރޭގައި އެލުވާފައިވާ ޗާންދަލިޔާ ތަކުގައި އެ ވައިރޯޅި ބީހިލުމުން އޭގެ ކުދިކުދި ބިއްލޫރިކޮޅުތައް އެކިއެކި ކުލަކުލައަށް ބަދަލުވާނެއެވެ. ވަޔާ ހެލިލާހިރު ހީވާނީ މިއުޒިކަކަށް ތިބެ ނަށާލާ ހެންނެވެ.

މިސްކިތުން ތިބާއަށް ފެންނާނީ ދީނީ ލޯތްބާއި ދީނީ ރޫޙެވެ. ﷲ އަށް ރުކޫޢުކޮށް ސަޖިދަކުރާ އިޚްލާޞްތެރި ހިތްތަކެވެ. ކީރިތި ޤުރުއާން ތިލާވަތުކުރާ ވަފާތެރި ދޫތަކެވެ. އެ ކަލާނގެއަށް ދުޢާ ދެންނެވުމަށް އުފުލާލެވިފައިވާ ކިޔަމަންތެރިކަމުގެ އަތްތަކެވެ. އެ ކަލާނގެއަށް ކުއްތަންވެފައިވާ އަޅުވެތި ނިތްތަކެވެ. އެ ކަލާނގެ ކުޅަދުންވަންތަކަމަށް އިޢުތިރާފުވެ ކަރުނަ އޮހޮރަމުންދާ ތެދުވެރި ލޯތަކެވެ.

ނަމާދަށް އަރާފައިބާ މީހުން ތިބާއަށް ފެންނާނެއެވެ. އެއީ ފަލާޙާ ކާމިޔާބަށް އެދިގެން އަންނަ މީހުންނެވެ. އެކި ފެންވަރުގެ އެކި ގިންތީގެ މީހުންނެވެ. އެ އެންމެންގެ މޫނުތައް މަތިން ވެސް ފެންނާނީ އުފާވެރިކަމާ ހިތްހަމަ ޖެހުމެވެ. އުޖާލާކަމާއި ތާޒާކަމެވެ. ބުނާހެން ހީވާނެއެވެ. އަހުރެމެންނަށް އަހުރެމެންގެ ވެރި ރައްބު ފުދެއެވެ. އެހެން ފަރާތަކަށް ސަޖިދައެއް ނުޖަހާނަމެވެ. އަދި އެހެން ފަރާތަކަށް ދަންނަވާނެ ޝަކުވާއެއް ޝިކާޔަތެއް ނެތެވެ. އަހުރެމެން ބޭނުމީ މިގޮތުގައި މި ރާއްޖެ ތާ އަބަދު އޮންނާށެވެ. މި ބިނާ ވެސް ބުނާހެން އަޅުގަނޑަށް ހީވާނީ އެހެންނެވެ.

ނޯޓް: މިއީ ފޭސްބުކްގައި 18 ޖުލައި 2020 ވަނަދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ