ތިލަމާލެ ބްރިޖުގެ ސާވޭ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

މާލެ، ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ ސާވޭ މަސައްކަތް ފަށައިފިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޯންސް ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޓްރާންސްޕޯޓް ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިއްޔެ އިން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ގެ ނިޔަލަށް، މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިމާލެ އާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާ ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގައި ސާވޭގެ މަސައްކަތް ކުރިއަށް ގެންދާނެކަން ޕްލޭނިން މިނިސްޓްރީން އަންގާފައިވާކަމަށެވެ.

advertisement

މި ސާރވޭ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާރވޭ ބޯޓަށާއި އެސަރަހއްދުގައި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި، އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދީގެން ދަތުރުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ.

މާލެއިން ތިލަފުއްޓާ ހަމައަށް އަޅާ ބުރިޖަކީ 140 މީޓަރުގެ ނެވިގޭޝަނަލް ބުރިޖެކެވެ. އަދި ބުރިޖުގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ ވިއަޑަކްޓާއި، ތިލަ ހިސާބުތަކާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އަދި 2.9 ކިލޯމީޓަރުގެ މެރިން މަގުތައް ހިމެނޭނެއެވެ.

މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދީފައިވެއެވެ.

މި މަޝްރޫއު ޑިޒައިންކޮށްފައިވަނީ، މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެގޮތަށެވެ. އަދި ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނަކާއި، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. މީގެއިތުރުން ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އީޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމުވެސް ގާއިމްކުރަން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ