މުސްލިމުންގެ މިޢުރާޖަކީ ނަމާދެވެ. ކޮންމެ ދުވަހަކު ކުރާ ފަރުޟު ފަސް ނަމާދަކީ އިޖްބާރީ މިންވަރެވެ. ފަސް ނަމާދު ނުކުރާ ނަމަ އެ މީހަކު އިސްލާމްކަމުގެ އިމުން ބޭރުވެ ހިނގައިދާނެއެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާކުރަންވާނެއެވެ.
އޭގެ އިތުރަށް ސުންނަތް ނަމާދުތަކަކީ އަޅާއާއި ރައްބާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރަންވީ ނަމާދުތަކެކެވެ. ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށާއި، ހިސާބާއި ކިތާބުގެ ދުވަހު، މީޒާނުގެ ވަޒަން ބަރުކުރުމަށް ދުނިޔޭގައި ކުރެވޭނެ އެންމެ ހެޔޮކަމަކީ ނަމާދު ކުރުން ގިނަކުރުމެވެ. ކަންބޮޑުވެ އުނދަގޫވާ ކަމެއް އިހްސާސް ކުރެވޭ ކޮންމެ ފަހަރަކު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އާއި އިތުރު އެކަލޭގެފާނުގެ ޞަޙާބީން އަވަސްވެ ވަޑައިގަންނަނީ ކެތްތެރިކަމާއި ނަމާދުން ވާގިއެދޭށެވެ.
ނަމާދުގެ އެންމެ އަސާސީ ރުކުނަކީ ސޫރަތުލް ފާތިޙާއެވެ. ފަރުޟު ނަމާދުތަކަށް އެކަނި ބަލައިލި ނަމަވެސް ކޮންމެ ދުވަހަކު 17 ފަހަރު އަޅުގަނޑުމެން އެ ސޫރަތް ކިޔަވަމުއެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުޢަތެއްގައެވެ. އެ ސޫރަތާ ނުލައި ނަމާދު ޞައްޙަ ވެގެން ނުވެއެވެ. އެ ސޫރަތުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އާޔަތަކީ ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ (سورة الفاتحة: ٥) މާނައީ: “އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.”
މި އާޔަތުގެ މާނަޔަށް ވިސްނައިލަމާތޯއެވެ! “އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ.” (އެބަހީ: އަޅަމެން އަޅުކަން ކުރަނީ އެނޫން އެހެން ފަރާތަކަށް ނޫންނެވެ.) އަދި “އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.” (އެބަހީ: އަޅަމެން ވާގިއެދެނީ ވެސް ﷲ ނޫން އެހެން ފަރާތަކުން ނޫންކަމެވެ.) އަޅުގަނޑުމެން އީމާންވެ ޔަޤީންކޮށް މި އިޤުރާރުވަނީ، ދުނިޔޭގެ ބިމުގައި އެއްވެސް ކަމެއް ﷲ ގެ ތައުފީޤާ ލައިގެން ނޫނީ މިންވަރު ނުވާނެކަމަށެވެ. އެހެނީ މި އާޔަތުގެ އަޞްލު މާނައިގައި އެ އޮތީ ތިމަންމެން އިޤުރާރު މި ވަނީ، ﷲ ގެ ތައުފީޤާއި ވާގިފުޅާ ލައިގެން މެނުނީ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.
ﷲ އަށް އީމާންވާ އެއްވެސް މުއުމިނަކު އޭނާގެ ޢަމަލުތައް އަމިއްލައަށް ފެނި ފަޚުރުވެ ކިބުރުވެރި ނުވާނެއެވެ. ހެޔޮކަމުގައި ދެމިހުރެވެނީ އަމިއްލަ މޮޅުކަމުންނޭ ހީނުކުރާނެއެވެ. އޭނާ އެކަންކަން ދެކޭނީ އިލާހީ ފަޟުލުވަންތަ ކަމެއްގެ ގޮތުގައެވެ.
ﷲ ގެ ވާގިފުޅާއި ރަޙްމަތުން އަޅަކަށް ހެވެއް އިރާދަ ކުރައްވައިފި ނަމަ، އެ މީހަކަށް ހެޔޮޢަމަލު ކުރުމުގެ ތައުފީޤު ދެއްވާނެކަމަށް ޞައްޙަ ޙަދީޘުގައި ވެއެވެ. އެންމެ ހެޔޮ ޢަމަލަކީ ނަމާދެވެ. ނަމާދު ކުރުމުގެ ތައުފީޤު ލިބިގެންވާ ނަމަ އެއީ ހާދަ ބޮޑު ހެވެކެވެ. ކޮންމެ ދުވަހަކު ﷲ ގެ ޙަޟުރަތުން ވާގިއެދުމަށް ލިބޭ ފުރުޞަތުތަކެކެވެ. ފަހެ، އެކަން ނުކުރެވޭ ނަމަ، ދަންނާށެވެ! އެ މީހަކަށް ދެ ދުނިޔޭގައި ވެސް ހެވެއް ނެތެވެ.
ނޯޓް : މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْأَوّل މަހުގެ 30 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 44ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނު.


