މިނިމަމް ވޭޖް ގުނާނީ އެލަވެންސްތައްވެސް ހިމަނައިގެން

ޚަބަރު ފަހުގެ

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ގުނާނީ މުވައްޒަފަށް ލިބޭ އެލަވެންސްތައްވެސް ހިމަނައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް އެހެން ވިދާޅުވީ މިނިމަމް ވޭޖް އިއުލާން ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް ގުނުމުގައި ވަޒީފާގެ ގޮތުން މުވައްޒަފަށް ލިބެން ޖެހޭ އިންކައިންޑް ބެނިފިޓްތައް ނުހިމެނޭނެ ކަމަށެވެ. އިންކައިންޑް ބެނިފިޓް ތަކަކީ ވަޒީފާއާ ގުޅިގެން ފައިސާ ނޫން ގޮތްގޮތަށް ލިބެން ޖެހޭ އެލަވެންސް ތަކެވެ. އެގޮތުން، ބައެއް ކުންފުނިތަކުން ދޭ ކެއުން ބުއިމުގެ ހަރަދު ހިމެނޭނީ އޭގެ ތެރޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެން ނަމަވެސް، މިނިމަމް ވޭޖް ގުނާނީ ވަޒީފާއާ ގުޅިގެން ލިބޭ ފިކްސްޑް އެލަވެންސްތައް ހިމަނައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ކަނޑައެޅިގެން ކޮންޓްރެކްޓުގައި ލިޔެވިގެން ދެވޭ ފިކްސްޑް އެލަވެންސްތައް އެއީ އަޅުގަނޑުމެން މުސާރަ، މިނިމަމް ވޭޖް ގުމުގައި ބަލާނެ އެއްޗެއްގެ ގޮތުގައި ކަނޑަމިއަޅަނީ. އޭގެ މާނައަކީ ވަޒީފާ އަދާކުރާ ފަރާތްތައްވެސް ކުރިއަށް ކޮންމެ މަހަކު މިއީ ފިކްސްޑްކޮށް ތިމަންނައަށް ލިބޭނެ އަދަދެއް ކަމަށް ކަނޑައެޅިގައިވާ އަދަދެއްކަމަށް ވެއްޖެއްޔާމު އެއީ މިނިމަމް ވޭޖެ ގުނުމުގަ ބެލޭނެ އެއްޗެއް” މިނިސްޓަރު ވިދާޅުވިއެވެ.

އަމިއްލަ ކުދި ވިޔަފާރިތަކަށް ދިނުމަށް މިނިމަމް ވޭޖު ބޯޑުން ލަފާދީފައިވާ އަދަދު ވަނީ ކުޑަކޮށްފަ އެވެ. އަމިއްލަ ކުދި ވިޔަފާރިތަކަށް ބޯޑުން ލަފާދީފައި އޮތީ ގަޑިއިރަކަށް 24.04 ރުފިޔާގެ މަގުން މަހަކަށް 5،000 ރުފިޔާ އެވެ. ނަމަވެސް މިނިސްޓަރު މިއަދު އިއުލާން ކުރެއްވި ވޭޖަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާ އެވެ. އެއީ 500 ރުފިޔާގެ ދަށްވުމެކެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމަފައި ވަނީ، އެ އަދަދު ފަސްހާސް ރުފިޔާގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް، މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ހެދި ދިރާސާތަކުން ދައްކާތީ ކަމަށެވެ. އަދި އެ އަދަދުތައް ކަނޑައެޅުމުގައި ކޮވިޑިގެ ހާލަތަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ