ޑޯނިއާ އަދި ހެލްކަޕްޓަރުގެ ކަންކަމަށް އިންޑިއާގެ 75 މީހުން ރާއްޖޭގައި

ޚަބަރު ފަހުގެ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ އަދި ހެލިކަޕްޓަރުގެ ކަންކަމުގައި އިންޑިއާގެ 75 ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޓީއަށް ޑިފެންސް މިނިސްޓްރީއާއި އެމްއެެންޑީއެފްގެ އިސްވެރިން ހާޒިރުކުރުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭ ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ހުޅުވާލައިގެން ކުރިއަށްގެންދިޔަ ބައިގައިވަނީ ހައިގްރޮޕީއާ ބެހޭ އެގްރިމެންޓްއާއި ޑޯނިއާ މަތިންދާބޯޓްގެ އެގްރީމެންޓްއާ ގުޅޭ މައުލޫމާތު ތައް ހިއްސާކޮށްފައެވެ. އަދި ސިއްރުން ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ވަނީ އެ އެގްރީމެންޓްތައްވެސް ދައްކާފައެވެ.

ޑޯނިއާ އެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ، އެއްބަސްވުމުގައިވާގޮތުން ޑޯނިއާ އެއާކްރާފްޓް އެއްވެސް ކަމެއްގައި ރާއްޖެ ސަރަހައްދުގައި އުދުހެން ބޭނުން ކަމުގައި ވާނަމަ އެކަން ކުރެވޭނީ، އެމްއެންޑީއެފްގެ ފަރާތުން ހުއްދަ ލިބިގެން، ޗީފް އޮފް ޑިފެންސް ފޯސްގެ އޮތަރައިޒޭޝަންއާ އެކު އަދި ކޯސްޓްގާޑް ކޮމާންޑުގެ ޓާސްކިން އޯޑަރަކާ އެކުކަމަށެވެ.

އެމްއެންޑީއެފްއިން ކޮމިޓީގައި މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ޑޯނިއާގެ ކަންކަމުގައި އިންޑިއާގެ 25 ސިފައިން ގާއިމުވެ ތިބޭނެކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ތިން ޕައިލެޓުންނާއި، އެއް އޮބްޒާވަރަކާއި 21 ޓެކްނިކަލް މީހުންނެވެ. މީގެއިތުރުން ދެ ހެލިކަޕްޓަރު އޮންނަ ދެ ސަރަހައްދުގެ ކޮންމެ ތަނެއްގައި އިންޑިއާގެ 25 މީހުން ރާއްޖޭގައި ތިބޭނެ ކަމަށެވެ.

މިފަހުން ޑޯނިއާ ދުއްވުމަށް އެމްއެންޑީއެފްގެ ތިން ޕައިލެޓުން ތަމްރީނުކޮށް ދެ ޕައިލެޓުންނަށް ބެޖު ހަވާލުކުރިއިރު، ބޯޓު ދުއްވުމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާނެތޯ ސުވާލު ކުރުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ އެއްބަސްވުމުގައި އޮތީ ދެ ގައުމު ގުޅިގެން ބޯޓު ދުއްވާ ގޮތަށް ކަމަށާއި، ކުރީގެ ސަރުކާރުން އޭރުވެސް މަޝްވަރާކޮށްފައި އޮތީ އެގޮތަށްކަމަށެވެ.

ޑޯނިއާ ބޯޓަށް އެމްއެންޑީއެފްގެ ޕައިލެޓުން އިންޑިއާ އިން ތަމްރީނުކުރާ ގޮތަށް އެއްބަސްވުމުގައި ހިމެނާފައިވަޏީ 2020 ގައި ކަމަށާއި 2016ގެ މަޝްވަރާތަކުގައި އެބައި ނުހިމެނޭ ކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.

ޑޯނިއާ އެއްބަސްވުމުގައި ހުރި ފާހަގަކޮށްލެވޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ފްލައިޓް މަރާމާތު ކުރުމާއި ތެލަށް ކުރާ ހަރަދުތައް އިންޑިއާ ސަރުކާރުން ކުރަންޖެހޭގޮތަށް އޮތުމާއި، ފްލައިޓް އޮޕަރޭޝަންގައި އުޅޭ އިންޑިއާ މީހުންގެ ހުރުމާއި ކެއުން ފަދަ ލޮޖިސްޓިކް ހުރިހާ ކަމެއް ވެސް އިންޑިއާއިން ބަލަހައްޓާގޮތަށް ހަމަޖައްސާފައި އޮތުން ހިމެނެއެވެ. މީގެއިތުރުން ޑޯނިއާ ފްލައިޓު އޮޕަރޭޝަންތަކުގައި އުޅޭ އިންޑިއާގެ ސިފައިންނާއި ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދިނުން ހިމެނެއެވެ. އަދި ފްލައިޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ މީހުން އަދި ވަސީލަތްތަކަށް ރެސްޕޮންސިބަލް ވާން ޖެހޭނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކަމަށާއި، ފްލައިޓު ދުއްވާ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުން އަދި ފްލައިޓުގެ އެއްވެސް ވަސީލަތެއް ވެސް ބަދަލުކުރެވޭނީ ރާއްޖޭގެ ހުއްދައާ އެކުކަން ފާހަގަކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ