ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރުމުގެ ހުއްދައަށް އެދިއްޖެ

ޚަބަރު ފަހުގެ

ފައިސާ ޗާޕުކުރުން ނުވަތަ ދައުލަތުގެ ޕަބްލިކް އެކައުންޓް (ޕީބީއޭ) އޯވަރ ޑްރޯކުުރުމުގެ މުއްދަތު އެއް އަހަރަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ، ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު 7/2013 ގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލަތަކަށް އަމަލުކުރުމަށް 01 އަހަރު ދުވަހުގެ އިސްތިސްނާއެއް ދެއްވިކަމަށެވެ. މި އިސްތިސްނާއަށް އެދިފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު 36 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އިސްތިސްނާތަކުގެތެެރެއިން އެ މާއްދާގެ (ހ) ގެ 01 ގައި ބަޔާންކޮށްފައިވާފަދަ ގުދުރަތީ ކާރިސާއެއް މެދުވެރިވުމުންކަމަށް އަމީރު ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރުގެ އޭޕްރީލްމަހު ވެސް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވި ހީނަރުކަން ފިލައި ގޮސްފައިނުވާތީ އިިތުރު 01 އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމެވިކަން ވެސް އަމީރުގެ ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

”ވޭތުވެދިޔަ 18 މަހެއްހައި ދުވަސްތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫއެރިޔަ ނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެންދިޔަ. މީގެ އިތުރުން އިގުތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކަށާއި، ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށާއި، ކޮވިޑު 19 އާއި ގުޅިގެން ކުރަންޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަންޖެހުނު ޚަަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެންދިޔަ.“ މި މަހުގެ 14 ގައި ފޮނުއްވި ސިޓީގައި އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ވެކްސިނާއެކު ކޮވިޑުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރު ހުޅުވައިލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި، އިގުތިސާދީ ދުވެލި ބާރުވަމުންދިޔަ ނަމަވެސް، މިހާތަނަށް ވެސް މި ބަލިމަޑުކަމުން ދުނިޔެއަށް އަރައިގަނެވިފައި ނުވުމާއި، އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެތެރޭގައި ޕަބްލިކް ބޭންކް އެކައުންޓުގެ އޯވަރ ޑްރޯކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމުގައްޔާއި، ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާއި ކުރިމަތިވެދާނެކަމެއް ކަމުންނާއި، ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު 2022 ވަނަ އަހަރުގެ އޭޕްރީލްމަހުން ފެށިގެން ވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރ ޑްރޯނުކޮށް ކުރިއަށް ދިއުމަކީ އިގުތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.

”ވީމާ މަތީގައި ދެންނެވިފައިވާ ސަބަބުތަކަށްޓަކައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ 26 އޭޕްރީލް 2022 އިން ފެށިގެން އިތުރު 01 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އެދި ދެންނެވިން“ އަމީރުގެ ސިޓީގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ