ރާއްޖެ އާއި އިންޑިއާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފި

ޚަބަރު ފަހުގެ

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު “އެކްސަސައިޒް އެކުވެރިން 2021” މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ “އެކްސަސައިޒް އެކުވެރިން” އަކީ ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އެކްސަސައިޒް އެކުވެރިން 2021” ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައެވެ. މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީއެވެ.

މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި އުގަންނައިދެވޭނީ ރާއްޖޭގައި ވޯޓަރ ބޯން އޮޕަރޭޝަންތަކާއި އެއާ ގުޅުންހުރި އިތުރު އަސްކަރީ ތަމްރީނުތައް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ލ.ކައްދޫގެ އިތުރުން ލ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 11 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 43 ސިފައިންނެވެ. ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސްއެވެ. މި އެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންގެންދާ މި އެކްސަސައިޒް، އިންޑިއާ އަދި ރާއްޖޭގައި ބާއްވަމުން ދާއިރު، އެންމެ ފަހުން ބޭއްވި “އެކްސަސައިޒް އެކުވެރިން 2019” އިގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ޕޫނޭގައެވެ. ކޮވިޑް-19 ގެ ސަބަބުން “އެކްސަސައިޒް އެކުވެރިން 2020” ބާއްވާފައެއް ނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ