މަސްވެރިންގެ ކަންބޮޑުވުން އަހާނަން، ސިޔާސަތު ކަނޑައަޅާނީ އެކުގައި- ރައީސް

ޚަބަރު ފަހުގެ

ބޮޑު ކަންނެލީގެ މަސްވެރިންނަށް ހަމަ އަގު ހޯދާދިނުމަށް އައު މާކެޓްތައް މަސްވިއްކޭނެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މިއަދު ގުޅީ ފަޅު ސަރަހައްދުގައި ބޭއްވި ޝުއޫރު ފާޅުކުރުމުގެ ހަރަކާތުގައި ބައިވެރިވެޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންގެ ދުވަހާއި ދިމާކޮށް ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ގިނަ ދޯނިތަކެއް މިއަދު ވަނީ ގުޅީފަޅު ސަރަހައްދަށް އެއްވެ އެމީހުންގެ ހުރި ކަންބޮޑުވުންތަކުގެ ޝުއޫރު ފާޅުކޮށްފައެވެ. މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ކ. ގާފަރަށް ވަޑައިގަތުމުގެ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ކަންނެލި މަސްވަރިންގެ ބޭއްވި ހަރަކާތުގައި ބައިވެރިވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބޮޑު ކަންނެލީގެ މަސްވެރިންވަނީ އެމީހުންނަށް ދިމާވަމުން އަންނަ ދަތިތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށައަޅާފައެވެ. މިގޮތުން މަހަށް ހަމަ އަގު ނުލިބުމާއި މާލެ ބަނދަރުން ޖާގަ ނުލިބުމާއި ބޭރުގެ މަސްބޯޓްތަކުން ރާއްޖޭ ސަރަހަދުގައި ދާ އެޅުން، މަސްވެރިން ފާހަގަކުރިއެވެ. އަދި ސެޓްލައިން ފޯންގެ ހިދުމަތް މަސްވެރިންނަށް ދިނުމާއި ޓްރެކް ޑިވައިޒްގެ ހިދުމަތް ރަނގަޅަށް ނުލިބުންވެސް މަސްވެރިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ބޮޑު ކަންނެލީގެ މަސްވެރިންނަށް އައިސް ވިއްކުމުގައި ގެންގުޅު ތަފާތު ނައްތާލާ ފަސޭހަކަމާއި ހެޔޮ އަގުގައި އައިސް ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާ ދީފައިވާތީ އެކަމަށް މަސްވެރިން ވަނީ ރައީސާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

ބޮޑު ކަންނަނެލީގެ މަސްވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލުކޮށްދެވެން ހުރިކަންކަން ކޮށްދެއްވާނެކަމަށެވެ. މި ގޮތުން މާލޭގެ ބަނދަރުން ޖާގަ ނުލިބުމުގެ ދަތިތަކަށް ހައްލު ހޯއްދަވާ ދެއްވުމުގެ މަސައްކަތް ފައްޓަވާނެކަމާއި މިހާރު ބޮޑު ކަންނެލީގެ މަސްވެރިން ބަނދަރުކުރާ ހުޅުމާލެ ސަރަހައްދުން އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް އެޗްޑީސީއާއި މަޝްވަރާކޮށް ހައްލުކޮށްދެވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މަހަށް ހަމަ އަގު ހޯދާދިނުމަށް ޑިއުޓީއާއި ޓެކްސް ނުލާ މަސް ވިއްކޭނެ ޤައުމުތަތައް އެބަހުރިކަން ފާހަގަކުރައްވާ އެ މާކެޓްތައް ހޯދާދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދާދި އަވަހަށް އެކަމުގެ ތަފްސީލުތައް މަސްވެރިންނާއި ހިއްސާކުރައްވާނެކަންވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދަށް ދިމާވި ލޮޅުންތަކުން އަރައިގަތުމަށް މަސްވެރިން ކޮށްދެވި ބުރަ މަސައްކަތް ފާހަގަކުރައްވާ ހުރިހާ މަސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ތެރޭގައި މަސްވެރިން މަހަށް ނުނިކުތްނަމަ ރާއްޖޭ މީގެކުރިން ނުދެކޭހާ ބޮޑު ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓި އެތައް ދަތިތަތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުންވެސް އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ އަޑުއަހާ މަސްވެރިންނާއި އެކުގައިކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅަމުން ގެންދާނީ މަސްވެރިންގެ ހިޔާލާއި ލަފާ ހޯދާ މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎”މަސްވެރިކަމާ ބެހޭގޮތުން ކުރިއަށްއޮތް ސިޔާސަތުތައް އަޅުގަނޑުމެން ކަނޑައަޅަމުންގެންދާނީ ތިބޭފުޅުންގެވެސް އަޑުއަހައިގެން، ތިބޭފުޅުންނަށްވެސް އެންމެ ފައިދާހުރި ގޮތަކަށް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިން ފާހަގަކުރެއްވި ދެ ޤާނޫނުގެ ބިލް މިހާރު ޑްރާފް ކުރެވިފައިވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި މަޖިލީހުން އެ ބިލްތައް ފާސްކުރުމަށް ބާރުއަޅުއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ލިސްޓުގައި ހުރި ކަންތައްތަކާ ކުރިމަތިލައްވައި، ލަސްނުވެ އެއަށް ހައްލު ހޯދައިދެއްވައި، އެކަމުގެ މައުލޫމާތުތައް ހިއްސާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ