ގާފަރުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ހުޅުވައިފި

ޚަބަރު ފަހުގެ

ކ.ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފިއެވެ.

އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.

އިޝްތިހާރު
އިޝްތިހާރު

އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ގާފަރުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވާފައެވެ. މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ގާފަރު މޮނިއުމެންޓް ވެސް ހުޅުއްވައިދެއްވާފައެވެ. މި މޮނިއުމެންޓުން ރަމްޒުކޮށްދެނީ ގާފަރަކީ މަސްވެރި ރަށެއްކަމާއި، އެކުވެރި ރައްޔިތެއް އުޅޭ މެހެމާންދާރީ ރަށެއްކަމެވެ.

މީގެ އިތުރުން ރައީސް ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ގާފަރުގައި އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

މި އެކްސްޕޯގައި މަސްވެރިކަމާގުޅޭ ވިޔަފާރިތަކުގެ 8 ސްޓޯލެއް ޤާއިމުކޮށްފައިވާއިރު ރައީސް ވަނީ މިފްކޯ ސްޓޯލަށް ޒިޔާރަތްކުރައްވައި ފަސް އައު ޕްރޮޑަކްޓެއް ލޯންޗް ކޮށްދެއްވާފައެވެ. މިފްކޯ ސްޓޯލްގެ އިތުރުން، އެންސިސް ގެ ސްޓޯލަކާއި، ހޮރައިޒަން ފިޝަރީޒްގެ ސްޓޯލަކާއި، މައިޒާން އިލެކްޓްރޯނިކްސް ގެ ސްޓޯލަކާއި، ޓަރމޯޑިޒޭން މޯލްޑިވްސްގެ ސްޓޯލަކާއި، ނޫ ރާއްޖެ ޕްރޮގްރާމްގެ ސްޓޯލަކާއި، އޫރިދޫގެ ސްޓޯލެއްގެ އިތުރުން ގާފަރުގެ ފަންނުވެރިންގެ ސްޓޯލެއް ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ