ޖަލަށް ގެންދިޔަސް އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވޭނެ: ޔާމީން

ފަހުގެ ސިޔާސީ

އެމަނިކުފާނު ޖަލަށް ގެންދިޔަސް އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ފަށާފައިވާ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކ.ތުލުސްދޫ އަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މީހުން ހައްޔަރުކޮށް ޖަލަށް ވެސް ގެންދެވިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ހިތްތަކުގައި އޮތް ޝުއޫރެއް ހުއްޓިގެން ނުދާނެ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ބޭރުކުރުމަށް ޒުވާނުން ހިންގާ ހަރަކާތް ނުހުއްޓުވޭނެ ކަމަށާއި ޒުވާނުންގެ ހިތުގައި އޮތް ގައުމީ ޝުއޫރާއި ގައުމީ ލޯބި ނުހުއްޓުވޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

“ރައީސް ޔާމީން ޖަލަށް ގެންދޭ. އެކަމަކު މި ފެށިފައި މިއޮތް ހަރަކާތެއް، ދިވެހިންގެ ފަސްގަނޑު، ދިވެހިންގެ ބިން، ދިވެހިންގެ ސިޔާދަތު ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް ހުއްޓުވޭނެ ގޮތެއް ނޯންނާނެ. މިއީ ލެޔާއި ވިންދާއި ގުޅިފައި ހުރި ކަންކަން” ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބޭރުކުރުމަށް ޒުވާނުން މިއަދު ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވުމުން އެކަމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ ފުލުހުން މިއަދު ހަމައެކަނި ބޭނުން ކުރަނީ ޕީޕީއެމުން ހިންގާ މުޒާހަރާތަކާއި ހަރަކާތްތައް ހުއްޓުވަން ކަމަށެވެ. އަދި ފުލުހުން ކުރަންޖެހޭ އަސްލު މަސައްކަތް ކުރުމުގެ ގާބިލުކަމެއް ނެތް ކަމަށާއި ގާނޫނާއި ހިލާފު އަމުރުތައް ކުރާ ދައުލަތެއް ހިމާޔަތް ކުރަން ފުލުހުން ނުޖެހޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

“އެކަމަކު ކިހިނެތް މިކަން ހުއްޓުވާނީ، ޅިޔަން ހުރިހާ ތަނެއްގައި ވެސް މިތިބީ. ޅިޔަނުންނާއި ފަހަރިންނާއި ތިބީމަ މިކަން ހުއްޓުވޭނެ ގޮތެއް ނޭނގޭ. އެކަމަކު ފުލުހުންގެ މުއައްސަސާ ވެސް ގަބޫލުކުރަންޖެހޭ އެއްވެސް ކަހަލަ ރައްޔިތުންގެ ވޯޓެއް، ރައްޔިތުންގެ މެންޑޭޓެއް ނެތް ބަޔަކު ގާނޫނާ ހިލާފަށް ކުރާ އަމުރުތަކަށް ތަބާވާކަށް ނުޖެހޭ” ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ ފުލުހުންނާއި ވެސް ގާނޫނު އަރާ ހަމަކުރާނެކަން އެނގެންވާނެ ކަމަށާއި މިގޮތަށް ކުރެވޭ ކަންކަމަކީ ގާނޫނާ ހިލާފަށް ކުރެވޭ ކަންތައްތަކެއްކަން ވެސް އެނގެން ވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ