ނާދީ ހުރި ބިން ދޭން އެދުމުން އިންޑިއާ ޑިމާންޑްކުރީ 34 މިލިއަން ޑޮލަރު: ޔާމީން

ފަހުގެ ސިޔާސީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް ފްލެޓު އެޅުމަށް ދިން ކުރީގެ ނާދީ ހުރި ބިން އަތުލަން ކުރީގެ ސަރުކާރުން އުޅުމުން އިންޑިއާ އިން 34 މިލިއަން ޑޮލަރު ދިނުމަށް ޝަރުތު ކުރި ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޖެހުނެވެ. އަދި ނާދީ ހުރި ބިން ދިނީ އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް މަސައްކަތެއް ނުހިނގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެންމެ ފަހުން، ޓާޓާއާ އެކު ވި އެއްބަސްވުން ބާތިލް ކުރީ ޔާމީންގެ ވެރިކަމުގައި 2017 ގައެވެ. އެއްބަސްވުން އުވާލަން ނިންމީ އެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވެ، އިތުރަށް ދިން މުއްދަތު ހަމަވިއިރު ވެސް އެ މަސައްކަތް ފަށާފައިނުވާތީއެވެ.

އޭރުގައި ޓާޓާ އިން ނިންމީ ނާދީ ހުރި ބިމުގައި 73 އެޕާޓްމަންޓް އަޅާށެވެ. އެ ތަނުގައި ހަދާ ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ސައިޒު އުޅެނީ 1،200 އަކަފޫޓާއި 14،00 އަކަފޫޓާ ދެމެދުގައެވެ. އޭގެ ކޮންމެ އެޕާޓްމަންޓެއްގެ އަގު އޭރު އުޅުނީ ފަސް މިލިއަނާއި ހަތް މިލިއަނާ ދެމެދުގެ އަގެއްގައެވެ.

ފ. ނިލަންދު އަށް ރައީސް ޔާމީން ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ދިވެހިންގެ ބިމުން އެންމެ ތަންކޮޅެއް ދޫކޮށްލިޔަސް، އެ ތަންކޮޅު ނުހޯދޭނެ ކަމުގެ ހެއްކަކަށް ނާދީ ހުރި ބިން ވާނެ ކަމަށެވެ. މަޖީދިއްޔާ ސްކޫލްގެ އިރުން އޮތް ބްލޮކް، ޓާޓާ އަށް ދޫކޮށްލިތާ ނުވަ ވަރަކަށް އަހަރުވެގެން ދިޔަ އިރު އެތަނުގައި މިހާތަނަށް އައިއިރު އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.

“އަދި އެ ތަނުގައި ކުރި އެއްވެސް މަސައްކަތެއް ނެތް،” ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި ޓާޓާ ކުންފުނީގެ އަތުން އެ ބިން އަތުލުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްޕުޅު ކުރެއްވި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.

“އެހެން މި ދެންނެވީ ދޫކޮށްލައިފި ބިންކޮޅެއް، އަޅުގަނޑުމެން އަތުން ގެއްލިއްޖެ ބިންކޮޅެއް އަނބުރާ ނުލިބޭނެއޭ ދަންނަވަން މި ވާހަކަ މި ދަންނަވަނީ،” ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި މަޖީދިއްޔާ އިރުން އޮތް ބްލޮކް ހޯދަން ވެގެން، މާލޭގެ ދެކުނު ފަރާތު ބަނދަރުން ބިން ދޭން ޓާޓާ ކުންފުންޏަށް ހުށަހެޅި ނަމަވެސް އެ ކުންފުނިން އެކަމަށް އެއްބަހެއް ނުވިއެވެ. އަދި އެ ބިން ދޭނީ 34 މިލިއަން ޑޮލަރު ދީގެން ކަން ޓާޓާ ކުންފުނިން ބުނެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

“އެއްވެސް މަސައްކަތެއް ނުކޮށް އޮތް ރާއްޖޭގެ ދިވެހިންގެ، ފުރަ މާލޭގައި އޮތް ބިން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި އެމީހުންގެ އަގަކީ 34 މިލިއަން ޑޮލަރު،” ޔާމީން ވިދާޅުވިއެވެ.

އެހެންވެ، ދިވެހިންގެ ބިމުން އެންމެ އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ދޭން ބޭނުން ނުވާ ސަބަބަކީ އެއީ ކަމަށާއި ޓާޓާ އަށް ދިން ކުރީގެ ނާދީ ހުރި ބިން ދެން ނުހޯދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ކިހިނެއްތޯ މިހެން ދީފައި ހުރި ހުރިހާ އެއްޗެއް، 34 މިލިއަން، 200 މިލިއަން، 300 މިލިއަން ޑޮލަރު ދީފައި ގަންނާނީ؟ މިކަމެއް ނުވާނެ. އެކަމަކު އެއް އިރެއްގައި ސަރުކާރަކަށް ރަނގަޅުވެގެން އެކަން ކުރި.” ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް އިންޑިއާއެކު އެއްބަސްވުންތައް ހަދާފައި ހުރީ ހަމަ މިކަހަލަ ގޮތަކަށް ކަމަށެވެ. އެހެންވެ، ރައްޔިތުން ފާރަވެރިވެ، ރައްޔިތުންގެ ޝުއޫރުތައް މިހާރަށް ވުރެ ބޮޑަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ބޮޑު ފާޑު ކިޔުމެއް އަމާޒުވެފައި ވަނީ މި ސަރުކާރުން މާލެ އަތޮޅު އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑެކްޔާޑެއް ގާއިމް ކުރުމުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމާއި، ހައިޑްރޯގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުމުގައި އިންޑިއާއެކު ސޮއިކުރުމުންނެވެ.

އެކަމަކު، ސަރުކާރުން ބުނެފައި ވަނީ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ