ތިހުރީ ހުދުކުލަ ތުރުކުރައްވައިގެންނެވެ. ޖެހޭ ލައްގަނޑު ސާފުކޮށް ފާޅުވާނެއެވެ.

ހަނިމާދޫ ރިޕޯޓް ފަހުގެ

ހަމަ ބުއްދި ހުރި ކޮންމެ އިންސާނަކުވެސް ގަބޫލުކުރާނެ ފަދައިން ހުދު ކުލައިގެ އެއްޗެއްގައި ޖެހޭ ލަށްގަނޑު ފަސޭހައިން ފާޅުވާނެއެވެ. އެއީ ކިތަންމެ ކުޑަ ލައްގަނޑެއް ނަމަވެސް މެއެވެ.

ހަމަ މިބީދައިން ކަންކަން ހަވާލުކުރެވި މަސްއޫލިއްޔަތުތައް ހަވާލު ކުރެވިފައިވާ މީހުންނަށް ބަލައިލާށެވެ. ތަފާތު އެތަކެއް ކަންތައް ފެނިގެންދާނެއެވެ. ސީދާ ރައްޔިތުންނާ ގުޅުންހުރި ދާއިރާއެއް ވެއްޖެއްޔާ ރައްޔިތުން އޭތިމީތި ކިޔާނެކަން ދަންނަން ވާނެއެވެ. އެ ކިޔާތަކެތި ހަޖަމުކުރަން ވެސް ދަންނަންވާނެއެވެ. ކަމެއް ގޯހުން ކުރެވުނު ނަމަ އެކަންވެސް ގަބޫލުކުރަންވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ތިމާއަށް ހުދު  ހެދުމެއް ލެވިގެން  ތިމާ ނޫން މީހަކަށް އެއްޗެއް ނޭނގޭނެކަމަށް ދެކުން މިއީ ކިހާ ހުތުރު ކަމެއް ހެއްޔެވެ. ތިމާ ހިތް ނުރުހޭ މީހަކަށް ހިދުމަތް ދޭން ޖެހުމުން އެ މީހަކާ ދިމާއަށް އަޑުން އަޑުލާ ހިތު ހުރިހާ އެއްޗެއް ގޮވުމަކީ ވެސް ހާދަހާވާ  ބުއްދި ހަމަނުޖެހޭ ކަމެކެވެ.

ސަރުކާރުގެ އިދާރާތައް ގާއިމުކޮށް މުވައްޒަފުން ނަގަނީ ރައްޔިތުންނަށް ހިދުމަތްދިނުމަށެވެ. އެތަންތަނަށް ރައްޔިތުން ދަނީ ޚިދުމަތް ހޯދާށެވެ. އެތަނުގައި ތިބޭ މުވައްޒަފުން ރީތިކަމުން ނުވަތަ އިމާރާތުގެ ފުރިހަމަކަމަކުން ނޫނެވެ. އެ ފަރުދެއް ބޭނުންޖެހިފައި ހިދުމަތެއް އަވަސް ކަމާއި ފަސޭހަކަމާއިއެކު ލިބިގަތުމުގެ އުއްމީދުގައެވެ.

ހަމަ މިބީދައިން ސަރުކާރުގެ މުވައްސަސާއަކުން ނުވަތަ އެ އިދާރާއެއްގެ ބެލެނިވެރި ފަރާތަކުން ކަޅާއި  ހުދުން ގަވާއިދުތަކެއް ހަދާ އާއްމުކޮށްފައި ވަނިކޮށް އެއަށް އިހްތިރާމެއް ނުކޮށް ބޮލައިލާޖަހާ، އެކަން ތަންފީޒުކުރަން މަސައްކަތްކުރާ މީހުންނަށް ހޭ އަރުވާނަމޭ އަދި ބަވާނަމޭ ގޮވަމުން ދުވުމަކީ ހާދަހާ ވާ ހަޑި ހުތުރު ކަމެކެވެ. އެއީ ހަމަ ހުދު ހެދުމުގައި އިތުރަށް ލައްޖެހި ހަޑިވުން އިތުރުވާނެ  ކަމެއް ނޫންހެއްޔެވެ.

ރައްޔިތުން ހިދުމަތް ހޯދަން ދާއިރު މިނެޓެއް ލަސްވިޔަސް އަޑުލާއިރު ތިމާމެންގެ ސަބަބުން އެތައް ވަގުތެއް ހިދުމަތް ނުލިބި ތިބެން ޖެހުމަކީ ރައްޔިތުން މަޑުން ތިބޭނެ ކަމެއް ހެއްޔެވެ. ޖަވާބު ދޭން ކިޔުންތެރިނަން ދޫކޮށްލާނަމެވެ. ހަމަގައިމުވެސް މިއީ ވެސް ހުދު ފޮތީގައި ޖެހޭނެ ކަޅު ލައްގަނޑެ ނޫންހެއްޔެވެ.

ސަރުކާރަށް ޚިދުމަތް ކުރުމުގައި 30 އަހަރު ނުވަތަ 40 އަހަރު ވިޔަސް، އެ މުވައްޒަފެއްގެ ސުލޫކާއި އަޚްލާގެއް ނެތްނަމަ އެމުވައްޒަފެއްގެ ކިބައިން ރައްޔިތުންނަށް އޮތީ ކޮން ފައިދާ އެއްތޯއެވެ. ތަޖުރިބާކާރުން ސިކުނޑިން ދިޔަ ފެލައިގެން ކަންކަން ރަނގަޅުކުރާ ވާހަކަ އަޑުއަހަމެވެ. އެހެނަސް ޒިންމާދާރުކަން ކުޑަ، ރައްޔިތުންނަށް އިހުތިރާމް ނުކުރާކަމުގައި ވާނަމަ ތަޖުރިބާގެ ފައިދާއެއް ނެތެވެ. މަ ބޮޑުވެފައި ހުރުމަކުން ރައްޔިތުންނަށް ފައިދާއެއް އެބަ އޮތްތޯއެވެ. އިރެއްގައި ރައްޔިތުން ހައްޕު  ކިޔައިގެން ތިއްބަސް ބަވަނަ ވެފައިވާ މިދުނިޔޭގައި މަޑުން ތިބޭނެކަމަށް އުއްމީދު ނުކުރާށެވެ. ހުދު ފޮތީގައި ޖެހޭ ލަށް ފިލުވާނެ ގޮތްތައް މިހާރު އީޖާދުކޮށްފައި އެބަހުއްޓެވެ. އެހެނެއްކަމަކު ތާރީޚުގައި ލިޔެ، ރައްޔިތުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ޝަކުވާތައް ފިލުވާލާނީ ކިހިނެއްހެއްޔެވެ. ޝަކުވާކުރާނެ އިދާރާތައް އެބަހުއްޓެވެ. ނުފޫޒުން އެއްކިބާވާން އެބަޖެހެއެވެ. ގޯސް ގޯހަށްވެ އާއްމު ރައްޔިތުންގެ ލޭ ކައްކުވާ ނުލާށެވެ. ނުފޫޒުން އެއްކިބާވާށެވެ. ވެރިކަން ލިބުމުން ބޮޑާ ނުވާށެވެ. މިހާރު، އަޑުގަދަ މިހާގެ ރުއްގިނަވާނީ ރައްޔިތުން ބޭނުންވެއްޖެނަމައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ