ބިން ބޭނުން ކުރަންވާނީ ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް: ރައީސް

ޚަބަރު ފަހުގެ

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާފައިވާއިރު، ބިން ބޭނުންކުރުމުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާގޮތަށް ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު، ހިންގުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ ބޭނުން ކުރުމުގައި ހަދާ ލޭންޑް ޔޫޒް ޕްލޭނަށް މާފުށީ ރައްޔިތުންގެ ލަފާ ހޯދައި އެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސް ވަނީ ރިޔާސީއިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު މާފުށްޓަށް ވަޑައިގަތުމުން އެދުވަހު އަޑު އިވިވަޑައިގަތީ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ޝަކުވާ ކަމަށާއި އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބިން އިތުރުކުރުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވި ފަދައިން ލޯކަލް ޓޫރިޒަމަށް ބޭނުންވާ ބިން މިއަދު އިތުރުކުރެވިފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން އެ މަސައްކަތުގައި، މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިމާ އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތަށް ސަރުކާރުން 128 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރައްވާފައެވެ. އަދި ރަސްމިއްޔާތަށްފަހު ރައީސް ވަނީ މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ބައްލަވާލައްވާ، އެ ބިން ފެހިކުރުމަށް ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރުކެއް އިންދަވައިދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ