އެކަލާނގެއަށް ދަރިކަލަކު ނުވެއެވެ.

ފަހުގެ ދީން


الله سبحانه وتعالى އީ ހުރިހާ އުނިސިފައަކުން ހުސްޠާހިރުވެވޮޑިގެންވާ، އަމިއްލަ ޒާތުފުޅައިގެން ފުދިވޮޑިގެންވާ، ޙަމްދު ލިބިވޮޑިގެންވާ ޢާލަމްތަކުގެ ވެރި އިލާހެވެ. އެކަލާނގެއަށް ދަރިކަލަކު ވާކަމަށް ބުނެ ބޮޑުވެގެންވާ ބުހުތާނެއް ހެދީ ނަޞާރާއިންނެވެ. އެބައިމީހުން ބުނަނީ މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަކީ ﷲ ގެ ދަރިކަލެއް ކަމަށެވެ. نعوذ بالله އެވެ!

އަދި ހަމަ އެފަދައިން ޔަހޫދީން ވެސް ބުންޏެވެ. ޢުޒައިރުގެފާނަކީ ﷲ ގެ ދަރިކަލެކެވެ. އެހެނަކުން ނޫނެވެ. އެކަލާނގެއަށް ދަރިކަލަކު ނުވެއެވެ. އަދި އެއްވެސް ބައިވެރިއަކު ވެސް ނުމެވޭމެއެވެ. މިކަން އަންގަވައި މާތް ﷲ ވަޙީކުރައްވަނީ: “ޔަހޫދީން ބުނޫއެވެ. ޢުޒައިރުގެފާނަކީ، اللَّه ގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން ބުނޫއެވެ. އަލްމަސީޙު (ޢީސާގެފާނަކީ)، اللَّه ގެ ދަރިކަލުންނެވެ. … اللَّه، އެއުރެންނަށް ލަޢްނަތް ލައްވާހުށްޓެވެ. …” (التوبة: 30)

އިޝްތިހާރު
އިޝްތިހާރު

ނެތުމުގެ ތެރެއިން އިންސާނުން އުފައްދަވައި އޭނާއަށް ބޭނުންވާ ހުރިހާ އެއްޗެއް މި ބިންމަތީ ލައްވަވައި އެ ތަކެއްޗަށް ވާޞިލުވެވޭނެ މަގު ފަހިކޮށްދެއްވެވީ އިތުރު އެއްވެސް ބައިވެރިއެއްގެ އެހީތެރިކަމާ ނުލައި ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.

އިންސާނުން ބަލިވެއްޖެ ނަމަ އެ ބައްޔަކަށް ކުރާނެ ފަރުވާ ބިންމަތީ ލައްވަވައި އެ ފަރުވާ ހޯދާނެ މަގު ދައްކަވައިދެއްވައި އެ ފަރުވާއެއް މެދުވެރިކޮށް ބައްޔަށް ޝިފާ ދެއްވަނީ އިތުރު އެއްވެސް ބައިވެރިއެއްގެ އެހީތެރިކަމާ ނުލައި ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.

އިންސާނުންގެ ވަށައިގެންވާ މާޙައުލުގައި ހުރި ހުރިހާ ނުރައްކަލަކުން އޭނާ ސަލާމަތް ކުރައްވަވައި ރައްކާތެރިކަމުގެ މަގަށް މަގުދައްކަވައި ޙަޔާތުގެ އަމަންއަމާންކަން ޤާއިމުކޮށް ދެއްވަވަނީ އިތުރު އެއްވެސް ބައިވެރިއެއްގެ އެހީތެރިކަމާ ނުލައި ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.

އެ އިލާހު ދަރިކަލަކު ހިތްޕެވުމުގެ އޮތީ ކޮން ބޭނުމެއްތޯއެވެ؟ ދަރިން ހޯދުމާއި އެ ދަރިންގެ ސަބަބުން ފަޚުރުވެރިވުން އެއީ އިންސާނުންގެ ކިބައިގައި އޮތް ކަމެކެވެ. ގައިބާރު ދެރަވެ އެހީތެރިކަމަށް ބޭނުންވާ ހިނދު އޭނާގެ ޚިދުމަތުގައި ހުރުމަށް، ނުވަތަ އޭނާގެ މުދާ ވާރުތަކުރުމަށް، ނޫން ނަމަ އޭނާގެ ދަރިފަސްކޮޅާއި ޚާންދާނުގެ ލަޤަބު މަތިކުރުމަށެވެ. މިފަދަ ހުރިހާ އުނި ސިފައަކުން ގަދަކީރިތިވަންތަ މާތް ﷲ ހުސްޠާހިރުވެވޮޑިގެންވެތެވެ.

ހަތް އުޑާއި ހަތް ބިމާއި އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ މިލްކުވެރިކަން އެ ފަރާތަކަށްވާ الغني އަށް ދަރިކަލެއްގެ ހާޖަތެއް ޖެހިވޮޑިގަންނަވާނެ އެއްވެސް ސަބަބެއް އެބަ އޮތްތޯއެވެ؟ އެއިލާހު ދަރިކަލަކު ހިތްޕެވިކަމަށް ބުނާ މީހުންނަކީ އަނިޔާވެރިންނެވެ. ދޮގުވެރިންނެވެ. މަކަރުވެރި ހީލަތްތެރިންނެވެ. އެބައިމީހުންނާ މުސްލިމުންނާ އެއްވެސް ގުޅުމެއް ނެތެވެ. އެ މީހުންގެ ކަންކަމާ މެދު އަޖާޢިބުވެ ޙައިރާން އަންތަރީސް ވާ ބަޔަކު ކަމުގައި މުސްލިމުން ވެގެން ނުވާނެއެވެ. އެކަލާނގެ ދަރިކަލަކު ނުހިތްޕަވަތެވެ.

ނޯޓް : މިއީ هــ ۱٤٤۳ އަހަރު جُمَادَى الْأُوْلَى މަހުގެ 20 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 51ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ