ރައީސް ނ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު މާލެ ވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާކެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނ އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތް ކުރައްވައި، އެ ރަށްރަށުގެ ކައުންސިލް ތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކާއި އަދި ރައްޔިތުންނާ ބައްދަލު ކުރެއްވިއެވެ. އަދި ނ އަތޮޅުގެ އަތޮޅު ކައުންސިލްގެ މެމްބަރުންނާވެސް ރައީސް ބައްދަލު ކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވީ، ނ.މާފަރު، ނ.ލަންދޫ، ނ.މަނަދޫ، ނ.މަގޫދޫ އަދި ނ.ހޮޅުދޫއަށެވެ.

އިޝްތިހާރު
އިޝްތިހާރު

ދަތުރުުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގެ ސިއްހީ މަރުކަޒުން ލިބެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް، ޚިދުމަތް ދެމުން އަންނަ ގަޑި އިތުރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވިއެވެ.

ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ނ.ލަންދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވިއެވެ. އެ ބަނދަރަކީ ކުރިން 300 ފޫޓުގެ ބަނދަރެކެވެ. އެހެންނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން ބަނދަރު ވަނީ 700 ފޫޓަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން ލަންދޫގައި ސަރުކާރުން އިމާރާތްކުރި 500 މީހުންގެ ޖާގައިގެ މިސްކިތްވެސް ރައީސްވަނީ ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ. ލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް 3 ހަފުތާއަކީ ކޮވިޑްގެ ވަރަށް ނުރައްކާތެރި ދުވަސްތަކެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މެނުވީ، ރާއްޖޭގެ ވިޔަފާރިތައް ބަންދު ނުކޮށް އިގުތިސާދު ކޮޅަށް ޖެހުމުގައި ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް، ހުރިހާ ފަރާތެއްގެ އެހީތެރިކަން ހޯއްދަވައިގެންވެސް އެކަން ކުރައްވާނެ ކަމަށެވެ.

ދަތުރުފުޅުގެ ތިންވަނަ މަންޒިލެއްގެ ގޮތުގައި މަނަދޫއަށް ވަޑައިގެން މަނަދޫގައި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލާ ބައްދަލު ކުރެއްވިއެވެ. އަތޮޅު ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ކަރުދާހެއް ހުށަހަޅާފައެވެ. އެ ކަރުދާހުގައި، ބޯހިޔާވަހިކަމުގެ މައްސަލައާއި މަނަދޫ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުުމަށް ރާވާފައިވާ ކަންކަން ވަނީ ހިމަނާފައެވެ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، މަނަދޫގެ ލަފާފުރުމަށް މިހާރު ދިމާވަމުން އަންނަ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ހަތަރުވަނަ މަންޒިލެއްގެ ގޮތުން މަގޫދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ރައީސް ހުޅުއްވައިދެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދޭ ކަރަންޓުގެ މިންވަރު ދެގުނައަށް އިތުރުކޮށްދެއްވާފައިވާ ކަަމަށެވެ. މަގޫދޫގެ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޚިދުމަތްތައް ރައީސް ބައްލަވާލެއްވިއެވެ.

ފަސްވަނަ ރަށަކަށް ވަޑައިގެންނެވީ ހޮޅުދޫ އަށެވެ. ރައީސް ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލް އެއް ކެމްޕަހަކަށް ބަދަލުކޮށް، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށެވެ. ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައި ދެއްވުމަށް ހޮޅުދޫ ތަރައްގީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް

ފަސްވަނަ ރަށަކަށް ވަޑައިގެންނެވީ ހޮޅުދޫ އަށެވެ. ރައީސް ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލް އެއް ކެމްޕަހަކަށް ބަދަލުކޮށް، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށެވެ. ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައި ދެއްވުމަށް ހޮޅުދޫ ތަރައްގީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށްދާ، ހޮޅުދޫ ހެލްތު ސެންޓަރަށް އިތުރުކުރާ އިމާރާތުގެ މަސައްކަތްވެސް ރައީސް ބައްލަވާލެއްވިއެވެ.

ރަށުގައި ޒުވާނުންނަަށް އެކި ކުޅިވަރުތައް ކުޅެވޭނެހެން ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ހޮޅުދޫގައި ތަރައްގީކުރި ފުޓުބޯޅަދަނޑުވެސް ރައީސް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ދަނޑުގައި ކުރިއަށްދިޔަ އެކުވެރިކަމުގެ މެޗެއް އެމަނިކުފާނު ބައްލަވާލެއްވެވިއެވެ.

ރައީސް ނ އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ދެދުވަހުގެ ދަތުރުފުޅެކެވެ. އަރިހުގައި ކެބިނެޓްގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ