މަތިކޮމަންޑުއާއި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފަށާނެ: ރައީސް

ޚަބަރު ފަހުގެ

ށ. ކޮމަންޑުއާއި އެރަށާއި އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑުއާއި ފޯކައިދުއާއި މަރޮއްޓަށް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކޮށްދެމުން އަންނަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވިދާޅުވީ، ކޮމަންޑުއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫގެ ހިއްކި ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރަން ފަށައި، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް މަތިކޮމަންޑުއާއި ކޮމަންޑު ގުޅާލާނެ ކަމަށެވެ.

“އެކަމުގެ ޕްލޭން މިހާރު އޮތީ ނިމިފައި، އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި އެމަންޒަރުވެސް ފެނިގެންދާނެ،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ފޯކައިދޫގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމަށް އެރަށުގެ ޗަކަބިމަށް ފަސް އަޅައި އެތަނުން ގޯތި ދޫކުރެވޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މަރޮށީގެ ބަނދަރުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ