ބަދަލުވަމުންދާ އީދުގެ ސަގާފަތް

ރަންގަލަން އަދަބިއްޔާތު ފަހުގެ

އީދު ފާހަގަކުރަން ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ސަގާފީ ކުޅިވަރުތައް ވަރަށް ގިނައެވެ. އަދި އީދުގެ އާދަކާދައިގެ ގޮތުގައި ވާރުތަވެގެން ކުރަމުން އައި ކަންތައްތައް ވެސް އެހާގިނައެވެ. ދީނީ ގޮތުން ކުރާ ކަންތައްތައް ވެސް އޭގެތެރޭގައި ހިމެނެއެވެ.

ސަގާފަތަކީ އިންސާނުން ދިރިއުޅޭ ގޮތެވެ. އެއީ އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާ މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަތަކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދިވެހީންގެ އީދުގެ ސަގާފަތުގައި ހިމެނެނީ ކުޅިވަރުތަކާއި މަޖާކުރުމާއި ކެއިންބުއިމާ ގުޅޭ ކަންތައްތަކެކެވެ. އަދި ދީނީ އަޅުކަންތައްކަމަށް ދެކިގެން ކުރަމުން އައި ކަންތައްތަކެއް ވެސް ހިމެނެއެވެ. އީދުގައި ކުޅެއުޅޭ ކުޅިވަރުތަކާއި ކޮށްއުޅޭ ގިނަ ކަންތައްތަކީ ގިނަ ބަޔަކު އެކުވެގެން ކުރާ ކަންތައްތަކެކެވެ. އެ ކަންތައްތަކުން އިޖުތިމާޢީ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށްދެއެވެ.

އެކި ރަށްރަށުގައި އީދު ކުޅިވަރުގެ ގޮތުގައި ކުޅެނީ މައިގަނޑު އެއް ކުޅިވަރު ތަކެކެވެ. އެކަމަކު ބައެއް ރަށްރަށަށް ޚާއްޞަ ކުޅިވަރުތައް ވެސް ހުރެއެވެ. އިސްކަންދޭ އަދި ފޯރިގަދަ ކުޅިވަރުތައް ވެސއ ހުރެއެވެ.

އީދު ތަކުގައި ދިވެހިންކުޅޭ ކުޅިވަރު ތަކުގެ ތެރޭގައި ދަނޑިޖެހުމާއި ބޮޑުމަސް ދުއްވުމާއި ފަންކުޅުމާއި ބައިބަލާ ކުޅުމާއި ފެންކުޅިއާއި އީދު ދޯނިޖެހުމާއި މާލި ހެދުމާއި އީދު ހުޅު ޖެހުމާ ބެރުޖެހުމާއި ތާރަޖެހުމާއި ކުރުފަލި ޖެހުމާއި ބަނޑިޔާ ޖެހުމާއި ކޯޑިކެނޑުމާއި ނެށުމާއި ލަވަކިޔުމެވެ. އީދު ސަލާން ކުރުމާއި ޢާއިލާ ގޭގެއަށް ޒިޔާރަތްކުރުމާއި އީދު ސައި ބުއިމާއި ބަތްކެއުމާއި އީދަށް ކުޅިކާޖާއާއި ފޮނިކާޖާ ހެދުމާއި، އާރުސް ހޮލުމާއި، ހަވާދު ދެވުމަކީ ވެސް އީދުގެ ސަގާފަތުގެ ބައެކެވެ. އެކިއެކި ރަށްރަށުގައި ކުޅިވަރު ކުޅޭ ގޮތުގައާއި ކަންތައް ކުރާ ގޮތުގައި ކުދިކުދި ތަފާތުތައް ހުއްޓަސް މައިގަނޑު ވައްޓަފާޅި ދާދި އެއްގޮތެވެ.

އީދުގައި ދީނީ ގޮތުން ކުރަމުން އައި ކަންކަމުގެ ތެރޭގައި ހިމެނެނީ އީދަށް ހިނައިގަތުމާއި އީދު ޞަލަވާތްފުޅު ކިޔެވުމާއި މައުލޫދު ކިޔުމާއި ގަބުރުސްތާނަށް ޒިޔާރަތްކޮށް މަރުވެފައިވާ މީހުންގެ މައްޗަށް
ފާތިހާ ކިޔެވުމާއި ރަށުތެރޭގައި ތަކުބީރު ގޮވުންފަދަ ކަންތައްތަކެވެ.

ދީނީ ކަންކަން ކަމުގައި ދެކިގެން ދިވެހީން ކުރަމުންއައި ޚުރާފާތާއި ބިދުޢަވެރި ކަންތައްތައް ދިވެހީން ދޫކޮށްލީ ދީނީ ތަޢުލީމު އާންމުވެ ދީނީ ހޭލުންތެރިކަން ފެތުރުމުންނެވެ. ހަމައެއާއެކު ދީނީ ގޮތުން ރަނގަޅު ގޮތްތަކާއި ކަންކަން އެނގެމުން ދިޔަވަރަކަށް އީދު ފާހަގަ ކުރުމަށް ވެސް އަންނަނީ ބަދަލުތައް އަންނަމުންނެވެ. މިގޮތުން ބަލާއިރު ހާމަ މައިދާންތަކުގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުމާއި އުޟްޙިޔާ ކަތިލުން ފާހަގަ ކުރެވެއެވެ.

ބަދަލުވަމުންދާ އީދުގެ ސަގާފަތުން ވަރަށް ގިނަ ކަންތައްތައް ފާހަގަވެއެވެ. އީދަށް އައު ހެދުމެއް ހޯދައި އީދު ހެދިގެން އީދު ނަމާދަށް ދިއުމުގެ އާދަ ދަނީ ފަނޑުވަމުންނެވެ. މިހާރު އީދު ހެދޭތަން ފެންނަނީ ކުޑަކުދިންނެވެ. ދެން އޮތީ އީދު ކުޅިވަރުތަކަށް އަންނަ ބަދަލުތަކެވެ. މީހުންގެ ވިސްނުމާ ފިކުރަށް އައިސްފައިވާ އަދި އަންނަމުންދާ ބަދަލުތަކުން ކުރަމުން އަސަރުތަކެވެ. އެ ފެންނަނީ ދިވެހީން ދިވެހީންގެ އަމިއްލަ ސަގާފަތާމެދު ދެކޭގޮތެވެ.

ފުރަތަމަ ވެސް ގަބޫލުރަންޖެހޭ ހަގީގަތަކީ ސަގާފަތަކީ އިންސާނުން ދިރިއުޅޭ ގޮތްކަމެވެ. އެކިއެކި ޤައުމުތަކާއި ޙަޟާރަތްތަކާއި ދީންތަކުގެ މީހުންގެ މެދުގައި ދިރިއުޅުމުގައި އެއްގޮތް ކަންތައްތަކެއް ހުންނާނެއެވެ. ދެވަނަ ކަމަކީ ދިވެހީންނަކީ ބުދު ދީނުގައި އެތައް ޒަމާންތަކެއް ވަންދެން އުޅެފައިވާ ބަޔަކަށްވާތީ އެ ދީނުގެ އަސަރު ދިވެހީންގެ ސަގާފަތުން ނުފެނިނުދާނެ ކަމެވެ. ތިންވަނަ ކަމަކީ ބޭރުގެ ސަގާފަތްތަކުގެ އަސަރުތަކުން ސަލާމަތް ނުވެވޭނެކަމެވެ. ކުރީގައި ވެސް އަދި މިހާރު ވެސް އެ ނުފޫޒުތައް އޮންނާނެއެވެ.

އީދުވިލޭރޭ ރޭގަނޑު އަންހެން ކުދިން ހީނާފަތް އެޅުމަކީ ދިވެހީންގެ ސަގާފަތުގައި އޮތް ެއާދައެކެވެ. ހީނާފަތް އެޅުމަކީ އެހެން ދީންތަކުގެ މީހުން ވެސް އެކިއެކި މުނާސަބަތު ތަކަށް ކުރާ ކަމެކެވެ. އީދު ނަމާދުގެ ކުރިން ހިނައިގަންނަން މޫދަށް އެރުމާއި ހީނާފަތް އަތްފައިން ދޮވުމަށް މޫދަށްއެރި އުޅޭ މަންޒަރާ ވައްތަރު އެތައް މަންޒަރެއް ބުދުދީނާއި ހިންދޫ ދީނުގެ އަޅުކަންތަކުން ފެނެއެވެ.

އީދު ހުޅުޖެހުން ނުވަތަ އީދު މަޅިއަކީ އަލިފާން ޖަހައިގެން މޫދުގައި ނޫނީ އަތިރިމަތީގައި އީދު ދުވަހު ފަތިހު ކުޅޭ ކުޅިވަރެކެވެ. އީދަށް ހަނދު ފެނިއްޖެކަން އިޢުލާންކުރަން ޖަހާ އީދު ހުޅާއި އީދު މަޅި ކިޔާ ކުޅިވަރާ ވައްތަރު ދީނީ އާދަކާދަ ތައް ވެސް ހިންދީ ފިލްމުތަކުން ފެނެއެވެ. ކުލަ ޖެހުމާއި ފެންޖެހުމުގެ ކަންތައްތައް އެންމެން ވައްތަރީ ހިންދޫންގެ ހޯލީއާއެވެ. ބުދުދީނުގައި ފެންކުޅި އޮންނަނީ ބުއްދާ ފެންވެރުވުމާ ގުޅިފައެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި އެކަމުން ފާފަތައް ދޮވެވި ސާފުވެއެވެ. ދިވެހިން އެ ކުޅިވަރުތައް ކުޅެނީ އެ ނިޔަތަކު ނޫނެވެ. އެކަމެއް ނުވެސް ދެނެހުއްޓެވެ. ދިވެހީން ކާޖާ ހަދާ ހެން ހިންދީން ވެސް ލުއިކާނާ ހޯލީއަށް ތައްޔާރުކުރެއެވެ. ދިވެހީން އެކަން ކުރަނީ ބަޔަކު އެކަން ކުރާތީއެއް ނޫނެވެ.

ބޮޑުތަކުރުފާނު ވާހަކައިގައި އީދުވެދުމައިގެން އުތީމު ތިންބެއިން ވިޔަޒޯރު އަތޮޅުވެރިންގެ އަރިހަށް ބާރަށަށް ވަޑައިގަންނަވައެވެ. އީދު ބޮލަށް ގޮންޖެހުމާއި ތެލަބަގުޑި ކުޅުމާ އެ ބޭފުޅުންނާ ކުރިމަތިވެވަޑައި ގަންނަވައެވެ. އިންޑިއާގެ ކަބައްޑިއާއި ދިވެހީންކުޅޭ ތެލަބަގުޑިއާއި މިހާރުގެ ބައިބަލާއާ ވަރަށް އެއްގޮތެވެ. މިހެން ކިޔަންވެއްޖެނަމަ ނޫން ހަމަ އެއްކަމެއް ވެސް ނުފެންނާނެއެވެ. ބޮޑުމަސް ދުއްވާގޮތަށް ޑްރެގަން ފާޑުގެ ތަކެތި ހަދައިގެ ދުއްވާތީ ވެސް ފެންނާނެއެވެ. މި ކުޅިވަރުތަކާ އެ މީހުންގެ އަގީދާއާ އޮތީ ކޮން ގުޅުމެއް ކަމެއްނޭނގެއެވެ. އެއް ކުޅިވަރެއް އެކި ރަށްރަށުގައި ކުޅޭއިރު އަމިއްލަ ކުލައެއް ޖައްސާލާފައި ހުރެއެވެ. ހަމައެހެންމެ އެއްކުޅިވަރެއް ތަފާތު އަގީދާތަކުގެ މީހުން ކުޅޭއިރު ވެސް އެބައެއްގެ އަގީދާގެ ކުލަ އެ ކުޅިވަރަކުން ފެންނާނެއެވެ.

މައްސަލައަކީ އަޅުގަނޑު ހިތުން މިއެއް ނޫނެވެ. މައްސަލައަކީ އީދު ކުޅިވަރު ކުޅުމުގެ ނަމުގައި ދީނުގެ ހައްދުތަކުން ބޭރުވުމެވެ. ޝަހުވަތްތަކުގެ ފަހަތުން ދުވުމެވެ. ދީނީ ކަންކަމާއި ސަގާފީ ކަންކަން ވަކި ކުރަން ނޭނގުމެވެ. އިސްލާމީ މިންގަނޑުގެ ތެރޭގައި ކުޅިވަރުތައްކުޅެ، އުފާވެރިކަން ފާޅުކޮށް މުނިފޫހި ފިލުވަން ނޭނގުމެވެ.

ނޯޓް: މިއީ ފޭސްބުކްގައި 31 ޖުލައި 2020 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

nasir photography📸

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ