ބީއެމްއެލް އިން ސްޓާޓްއަޕް ފަންޑެއް މިއަދު ތައާރަފުކޮށްފި

ޚަބަރު ފަހުގެ

އަލަށް ފަށާ ވިޔަފާރިތަކަށް ހިލޭ އެހީ ދޭން ބީއެމްއެލް އިން ސްޓާޓްއަޕް ފަންޑެއް މިއަދު ތައާރަފުކޮށްފި އެވެ.

މި ފަންޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހަތަރު ވިޔަފާރިއެއް ފެށުމަށް ދެ މިލިއަން ރުފިޔާ ބޭންކުން ދޭނެ އެވެ. އެއީ ވިޔަފާރިއަކަށް 500،000ރ. އެވެ. މިއީ ބޭންކަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޭ އެހީއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލް އިން ބުނި ގޮތުގައި މި ގްރާންޓަކީ އުފެއްދުންތެރި ވިޔަފާރިތަކަށް ހާއްސަކޮށްގެން، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރެ، އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފެށި ގްރާންޓެކެވެ. މި ގްރާންޓް ތައާރަފު ކޮށްފައި ވަނީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

މި ގްރާންޓަށް އެދި މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުށަހެޅޭނެ އެވެ. ގްރާންޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ އެޕްލިކޭޝަން startupgrant@bml.com.mv އަށް މެއިލް ކުރަން ޖެހޭނެ އެވެ.

އާ ވިޔަފާރިއެއް ފެށުމުގެ އިތުރުން އެއް އަހަރު ނުވާ ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރިއެރުވުމަށް ބިޒްނަސް ޕްލޭން ހުށަހެޅޭނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ގްރާންޓުގެ ސަބަބުން ރާއްޖޭގައި އަލަށް ފަށާ ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އަދި މިީގެ ސަބަބުން އާ ވިޔަފާރިތައް ފަށައި އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ސްޓާޓްއަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓްއަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް. އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުން ހިފައި ރާއްޖޭގެ ސްޓާޓްއަޕް ކަލްޗާ އަށް އެހީވުން،” ޓިމް ވިދާޅުވި އެވެ.

ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތައް ދެ ބަޔަކަށް ބަހާލައިގެން އިވެލުއޭޓް ކުރާނެ އެވެ. އެއީ ބިޒްނަސް ޕްލޭނަށް ބަލައިގެންނާއި އޭގެ ތެރެއިން އެންމެ ރަނގަޅު 10 ޕްލޭނެއް ހުށަހަޅާ ފަރާތްތަކުގެ ޕްރެޒެންޓޭޝަނަށް ބަލައިގެންނެވެ. އެންމެ ރަނގަޅު ޕްރެޒެންޓޭޝަން ހުށަހަޅާ ހަތަރު ވިޔަފާރިއަށް ބޭންކުގެ ހިލޭ އެހީގެ އިތުރުން ވިޔަފާރިއާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ގްރާންޓާ ގުޅޭ އިތުރު މައުލޫމާތާއި ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ