މީލާދީން 19 މޭ 1558 އެވެ. އެއީ ހިޖުރައިން 1 ޝައުބާން 965 އެވެ. އެއީ އަލިރަސްގެފާނު ޕޯޗްގީޒުންނާ ހަނގުރާމަކޮށް ޝަހީދުވެވަޑައިގެން ދުވަހެވެ. އެއީ ދިވެހިންގެ މައްޗަށް ޕޯޗްގީޒުންގެ އަނިޔާވެރިކަމުގެ 15 އަހަރާއި 6 މަަސް ދުވަހުގެ އަޅުވެތިކަން ފެށުނު ދުވަހެވެ. ދިވެހިރާއްޖޭގެ ކަނޑުތައް ދިވެހިންގެ ލެއިން ރަތްވެގެން ދިޔަ ދުވަސްތަކެއްގެ ގޮތުގައި ލިޔުންތެރިން ސިފަކޮށްފައިވަނީ އެ ދުވަސްތަކެވެ.
ޕޯޗްގީޒުން މާލެއަށް ވެރިވެގަތުމަށްފަހު އެ އަޅުވެތިކަމުގެ ކަޅު، ބަނަ ވިލާގަނޑު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މަތީގައި ބޭއްވުމަށްޓަކައި އިސްތިރާޖީ ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. އޭގެތެރެއިން އެއް ފިޔަވަޅަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އަތޮޅުވެރިން މާލެ ގެނެސް ހުރިހާ އަތޮޅުވެރިންގެ އަތޮޅުވެރިކަން އިހު އޮތްގޮތަށް އޮންނާނެކަމަށް ދިން ޔަގީންކަމެވެ. އޭރު އެއީ ވާރުވެރިންނެވެ. ވާރުވެރިންނަކީ ވާރު ނެގި ޒަމާނުގައި އަތޮޅުތަކުގައި ވާރާ ހަވާލުވެ ތިއްބެވި އިސްވެރިންނެވެ. އެ ބޭަކަލުން މާލެ ގެންނަވައި އެންގީ އަތޮޅުތަކުގައި އޮންނާނީ އަތޮޅުވެރިންގެ ބާރުކަމަށެވެ. އެ ބޭކަލުންގެ އަތޮޅުވެރިކަން ދެމި އޮންނާނެކަމަށެވެ. ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަޔަސް އެ ބޭކަލުންނަށް އެއްވެސް އުނދަގުލެއް ނުޖެހޭނެކަމަށެވެ. އެކަމަކު ޝަރުތަކީ ޕޯޗްގީޒުންގެ ވެރިކަން ގަބޫލުކުރައްވައިގެން ކިޔަމަންތެރިކަމުގައި އުޅުއްވުމެވެ. ޕޯޗްގީޒުންގެ ވެރިޔާ އަންގާ ގޮތަކަށް ޖިޒީ އަދާކުރަމުން ގެންދެވުމެވެ. މި އެންގުމާ އެއްގޮތަށް އަތޮޅުވެރިން ރުހިލެއްވީއެވެ. ނުރުހި ވަކިން ކުރާނެ ކަމެއް ވެސް ނެތެވެ.
އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި މާލެ އަތޮޅު އަތޮޅުވެރިޔާ ބެހެއްޓީ މާލޭގައެވެ. އެއީ ވެސް އިސްތިރާޖީ ވަރަށް ބޮޑު ރޭވުމެކެވެ. އެ ބޭކަލެއްގެ މަސައްކަތަކަށް އޮތީ ޕޯޗްގީޒުންގެ ފަރާތުން ހުންނަ ވެރިޔަކާއެކު ދައުލަތް ހިންގުމުގައި އެހީވެލެއްވުމެވެ. އެ ބޭކަލަކަށް އޮތީ ޕޯޗްގީޒުން އެންގި ގޮތަކަށް ކަންތައްތައް ކުރެއްވުމެވެ. ސިޔާސީ އެއްވެސް ކަމެއް ނުކުރެއްވެއެވެ. އެެހެން އެއްވެސް އަތޮޅުވެރިޔަކާ ގުޅުމެއް ނުބޭއްވެވެއެވެ.
އެހެން ހުންނަވާ ބޭކަލަކު ބޮޑު ހެދުން ކޮޅުގައި ފެންނައިރު ހީވާނީ ރަސްކަމުގެ ބޮޑެއްހެން ނޫންތޯއެވެ. އެ މަޤާމަށް އޭރު ރާއްޖޭގައި އޮތް ސިޔާސީ މަޝްރަހަށް ބަލާއިރު ދަހިވެތި އެތައް ބޮޑުންނެއް ތިއްބޭނެއެވެ. މާލޭގެ ބޮޑުންގެ ތެރޭގައި ގިނައިން ތިއްބެވީ އައްޔަސް އަނދިރިއަސް ވަރިހަމަ ބޭފުޅުންނެވެ. ރާއްޖޭގެ އަޅުވެތިކަމާ ދެކޮޅަށް އަލިރަސްގެފާނު ގިނިކަންޏާ ކަހަލަ ގޮތަކަށް ހަނގުރާމަކުރައްވަން ޖެހިވަޑައިގެންނެވީ އެހެންވެއެވެ.
އެ ރަދުން ޝަހީދުވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެއެވެ. ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ބޮޑުންގެ ތެރެއިން ބަޔަކު ޕޯޗްގީޒުންނާ ގުޅި ޤައުމަށް ޚިޔާނާތްތެރިވެ އެ މީހުން ބަތްތަށްޓަށް ވެއްޓިގަތީއެވެ. ރައްޔިތުންނަށް ޣައްދާރުވީއެވެ. މީގެ އިސް އެކަކަށް ހުރީ ވަލުމައިޒާންދޮށުގޭ ދަލޭކާފުޅުގެ ޙަސަން ފާށަނާތަކުރެވެ. އާދެ! މަޝްހޫރު ތުއްފާށަނާ ތަކުރެވެ.
ޕޯޗްގީޒުން ރާއްޖެ އަޅުވެތިކުރުމަށްފަހު އެ މީހުން އިސްތިރާޖީގޮތުން ކުރި އަނެއް ކަމަކީ ހއ. ބާރަށުގައި އެ މީހުންގެ އިސްވެރިއަކު ބަހައްޓަައި މާލޭގެ އުތުރު ކޮންޓްރޯލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އިންޑިއާ ކަނޑުގައި ހަރަކާތްތެރިވި އެހެން ބާރަކާ ގުޅިގެން ނޫން ގޮތަކަށް ދިވެހިންނަށް ޕޯޗްގީޒުން އަސްކަރީ ގޮތުން ބަލިނުކުރެވޭނެކަމަށް އެ މީހުން ތިބީ ނިންމައިގެންނެވެ. އެފަދަ ބާރުތަކާ ގާތީ ރާއްޖޭގެ އުތުރެވެ. ޖޯގްރަފީ ގޮތުންނެވެ.
ޝަހީދުވި އަލިރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުންނާއި ޔަތީމު ދަރިކަނބަލުން ދޫނުކޮށް ޕޯޗްގީޒުންގެ ބާރުގެ ދަށުގައި ބޭތިއްބުމަކީ ވެސް އިސްތިރާޖީ ނިންމުމެކެވެ. އަދި އެ ދެމައިކަނބަލުންނަށް ދިން އެހީތެރިކަމާއި އަޅާލި މިންވަރަކީ ވެސް ބޮޑު ރޭވުމެކެވެ. ބޮޑުތަކުރުފާނު ވާހަކައިގައި ކިޔާއިރު ހީވާނީ އަލިރަސްގެފާނުގެ އަނބިކަނބަލުން ކަނބާ ޢައިޝާއަކީ ބާރަށުގައި ހުރި ޕޯޗްގީޒުންގެ ވެރިޔާ، ވިޔަޒޯރުގެ އަނބިކަނބަލުން ހެންނެވެ. އަދި އަލިރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނަކީ ވިޔަޒޯރުގެ ދަރިކަނބަލެއް ހެންނެވެ. ފެންނަ ފެނުމަށް ލޯތްބާއި އޯގާތެރިކަމާއި ޙަމްދަރުދީގެ އިންތިހާއެވެ. އެކަމަކު ޕޯޗްގީޒުން އެގޮތަށް އެކަން ކުރި އިސްތިރާޖީ ވިސްނުމަށް ބަލާއިރު އެއީ ރައްޔިތުންގެ ސިކުނޑިއަށް ލައިފައިވާ ވިހަ އޮށެކެވެ. އެ ވިސްނުން ދިވެހިންނަށް ވިސްނިފައި އޮތްވަރު ބައްލަވާށެވެ. ތުންތުންމަތިން އައިސްފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިގައި ވިޔަޒޯރަކީ ދުރުވިސްނޭ ހިކުމަތްތެރި ބުއްދިވެރި ވަރަށް މާތް ބޭކަލެކެވެ. ދިވެހިންނަށްވުރެ ވެސް ދިވެހިވަންތަކަން އެނގިވަޑައިގަނަވައެވެ. އާދެ! އިއްޒަތްތެރި އަތޮޅުވެރިޔާއެވެ.
ޕޯޗްގީޒުންގެ މި ހީލަތްތެރި ރޭވުންގަނޑުގެ ދަށުގައި 10 އަހަރު ވަންދެން އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ކުރިއެވެ. ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ހޯއްދަވައިދެއްވަން އުތީމު މަހާރަދުން ނިކުމެވަޑައިގެންނެވީ އޭގެފަހުންނެވެ. އެ ތަކުރުފާނާއި ބައިވެރިން އެ ޖިހާދުގައި 5 އަހަރެއްހާ ދުވަސް ހޭދަކުރެއްވިއެވެ.
ދިވެހިރާއްޖެ ޕޯޗްގީޒުންނަށް “ވިއްކަވާލެއްވި” 9 ވަނަ ޙަސަން ރަސްގެފާނު އެ ދުވަސްވަރު ހުންނެވީ ޕޯޗްގީޒުންގެ ބެލުމުގެ ދަށުގައި އިންޑިއާގެ ގޯވާ ގައެވެ. އެ ރަދުންނާއި އިންޑިއާގައި ތިބި ޕޯޗްގީޒުން އެއްބަސްވީ ރާއްޖެއިން ޕޯޗުގީޒުންނަށް 500 ބަހަރުގެ ރޯނު ކޮންމެ އަހަރަކު ހޯއްދަވައި ދެއްވުމަށެވެ. އޭގެ ބަދަލުގައި ޕޯޗްގީޒުންގެ ގަވަރުނަރު ކޮންމެ އަހަރަކު ޙަސަން ރަސްގެފާނަށް 3000 ޕަރުދައުސް ދެއްވުމަށެވެ. ބަހަރަކީ އިންޑިއާގައި ބަރުދަން ބަލަން ގެންގުޅުނު މިންގަނޑެކެވެ. މިއީ ޕޯޗްގީޒުންގެ މިންގަނޑުން 3 ނުވަތަ 4 ކީންތާލެވެ. ކީންތާލަކީ ގާތްގަނޑަކަށް 51.40 ކިލޯ ގްރާމެވެ. ޕަރުދައުސް އަކީ ހުޅަނގު އިންޑިއާގައި އެ ޒަމާނުގައި ގެންގުޅުނު ރަނުގެ ފައިސާއެކެވެ.
ޕޯޗްގީޒުން ގަބޫލުކޮށްގެން ތިބީ ރާއްޖޭގެ ވެރިއަކީ 9 ވަނަ ޙަސަން ރަސްގެފާނު ކަމަށެވެ. އެއީ އެ މީހުންނަށް ”ޑޮމް މެނުއަލް (1ވަނަ)“ އެވެ. ޕޯޗްގީޒުން ކިޔަނީ “އެގާރަހާސް ޖަޒީރާގެ ރަސްގެފާނު” އެވެ.
އެ ރަދުން ރާއްޖެ ދޫކުރައްވައި ފުރަތަމަ ވަަޑައިގެންނެވީ ކޮއްޗޭއަށެވެ. އޭރު ވިއްސަކަށް، ބާވިހަކަށް އަހަރުގެ ޒުވާނެކެވެ. އެ ރަދުން ހުންނެވީ ޕޯޗްގީޒުން ބޭނުންވި ގޮތަށް އެ މީހުންގެ ދީން ޤަބޫލުކުރައްވައިގެން އެ މީހުންގެ އަންހެނަކާ ކައިވެނި ބައްލަވައިގަނެގެންނެވެ. އިންޑިއާގައި ހުންނެވި ޕޯޗްގީޒުންގެ ގަވަރުނަރު ޙަސަން ރަސްގެފާނު ރާއްޖެ ވަޑައިގެންނެވުމަށް ގެންދެވީ ދެކޮޅު ހައްދަވަމުންނެވެ. ކައިވެނިފުޅު ހަމަޖެއްސި މައިގަނޑު މަޤްޞަދަކީ ވެސް އެއީއެވެ. ދެތިން އަހަރު ރަސްކަން ހޯއްދަވަން ރާއްޖެ ވަޑައިގަންނަވަން ޙަސަން ރަސްގެފާނު އުޅުއްވިއެވެ.
އެކަން އެ ހިނދަށް ކާމިޔާބު ނުވުމުން، ފަހުން އެ ރަސްގެފާނު ވެސް ރާއްޖެ ވަޑައިގަންނަވާކަށް ނޫޅުއްވައެވެ. ލިބެންވާ އެއްޗެއް ލިބިވަޑައިގަންނަވާތީ އަރާމުގައި އުޅުއްވަމުން ގެންދެވީއެވެ.
އެންރީކް ޑި ސޫޒާ 1562 ވަނަ އަހަރު ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުން ރާއްޖެ ހިފުމަށްފަހުގައި ނުވަވަނަ ޙަސަން ރަސްގެފާނު ރޯޖް ޑީ ސޫޒާ ޕެރޭރާ ކިޔާ މީހަކަށް ދިވެހިރާއްޖެ ކުއްޔަށް ވެސް ދެއްވިއެވެ. ކުލީގެ އަގެއް ކަމުގައި ވެސް ލިޔުއްވާފައި އޮތީ ހަމަ 3000 ޕަރުދައުސް އެވެ.
އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިއީ ތެދު ވާހަކައަކަށް ވެދާނެއެވެ. ޕޯޗްގީޒުންގެ އަތްދަށުގައި މާބޮޑު ދެކޮޅުވެރިކަމެއް ނެތި 10 ވަރަކަށް އަހަރު ފާއިތުވެ ދިއުމަށްފަހު ބޮޑު ތަކުރުފާނު ޖިހާދަށް ނިކުމެވަޑައިގެންނެވިއެވެ. އެ ހިނދު ޕޯޗްގީޒުންނަށް ރާއްޖެއަކީ ވެސް އަމާން ތަނަކަށް ނުވާނެއެވެ. އެ ހާލަތުގައި ޙަސަން ރަސްގެފާނަށް ލިބިވަޑައިގަންނަވާ ފައިސާ ހޯއްދެވުމަށް ހެއްދެވޭނެ އެއް ގޮަތަކަށް އެގޮތް ވެދާނެއެވެ.
ގޯވާއަށް ޙަސަން ރަސްގެފާނަށް ދިވެހިން ފޮނުވަމުން ގެންދެވި ޖިޒީގެ ތާރީޚު ޙަސަން ރަސްގެފާނަށް ކާފަ ވިދާޅުވާ ބޭފުޅުންނާ ހަމައަށް ދިގު ދެމިގެން ދިޔައެވެ. އެ ޖިޒީ ހުއްޓާލެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ. މިކަމާ ހިތްޕުޅާ ނުވެގެން ނުވަނަ ޙަސަން ރަސްގެފާނުގެ ދެ ކާފަ ދަރިކަލުން ކަމަށްވާ ދޮންލަވީޒާއި ދޮންމާލަވީޒާ ދެ ބޭފުޅުން ޕޯޗްގީޒުންނާއެކު ދިވެހިރާއްޖެއަށް ހަނގުރާމައަށް ވެސް އައެވެ. ވީ ބައްޔެވެ. ދިވެހިރާއްޖެ ޕޯޗްގީޒުން އަޅުވެތިކުރުމާއި އިސްކަންދަރު ރަސްގެފާނުގެ ރަސްކަމާ ދެމެދު 90 އަހަރު ވެއެވެ. މާނައަކީ އެ ހުރިހާ ދުވަހަކު ރާއްޖޭގައި ރަސްކަންކުރަމުން ދިޔަ ހުރިހާ ބޭފުޅުން ވެސް ގެންދެވީ އެ ޖިޒީ ދެއްވަމުންނެވެ. އިސްކަންދަރު ރަސްގެފާނު ކަޑުއްވާލެއްވީ ހަމައެކަނި ޕޯޗްގީޒުންނަށް ދިވެހިން ދެމުންދިޔަ ޖިޒީ އެކަންޏެއް ނޫނެވެ. ކަންކަންނޫރު އަލީ ރާޖާއަށް ފޮނުވަމުން ގެންދެވި ޖިޒީ ވެސް ކަނޑުއްވާލެއްވިއެވެ. ޖިޒީ އަކީ މަޖާޒީ ގޮތުން ހަދިޔާއެވެ. އެ ކަމަކު ހަގީގަތުގައި އެއީ ދައުލަތެއްގެ ދަށުގައިވާ ސަރުކާރަކުން އެދައުލަތަކަށް ދައްކާ ފައިސާ ނުވަތަ ތަކެއްޗެވެ. އެއިން ދައްކައިދެނީ އެބައެއްގެ ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު އޮތް މިންވަރެވެ.
ނޯޓް: މިއީ ފޭސްބުކްގައި 12 ޖުލައި 2020 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.


