ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ މާދަމާ ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ އާ ރަންވޭ މާދަމާ އިން ފެށިގެން ބޭނުން ކުރަން ފަށާނީ ޓެކްސީ ވޭއެއްގެ ގޮތުގައި ކަމަށެވެ.
އެމްއޭސީއެލްއިން ބުނީ މި ބަދަލާއެކު ވީއައިއޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އާރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފެށުމުން މިހާރު ގަޑިއަކު އަށް ބޯޓް ޖެއްސޭ ރަންވޭގައި 16 ބޯޓް ޖެއްސޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދައިފައެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރަށް އަރައެވެ. މީގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް ވަނީ އަޅާފައެވެ.