މިއީ މުސްލިމުންގެ ތެރޭގައި ވަރަށް ވެސް އާންމު ގިނަ ބަޔަކު ދަންނަހެން ހީވާ ހަދީސްއެކެވެ. އާދެ، ބުޚާރީ އަދި މުސްލިމުގައި ވެސް ރިވާވެގެންވާ އޭގެ ސައްހަ ކަމާ މެދު ޝައްކު ނުއުފެދޭ ހަދީސެކެވެ. ޖަނަވާރުންނަށް ވެސް އޯގާތެރިކޮށް ހިތައި ރަހުމުކުރަންވާނޭކަން އުގަންނައިދީ އެކަމަށް އިރުޝާދު ދިނުމުގެ ގޮތުން އިސްލާމީ މަދަރުސާތަކުގައި ކުޑަކުދިންނަށް ކިޔައިދެވޭ ކީރިތި ރަސޫލާ (ސ) ގެ ބަސްފުޅެކެވެ.
އެ ބަސްފުޅުގުޅެނީ ކުރު ވާހަކައަކާއެވެ. އެއްދުވަހަކު މީހަކު، އަނެއް ރިވާޔަތެއްގައި، މުސާފިރަކު، އާދެ، ދަތުރުވެރިޔަކު، ދަތުރުކުރަމުން ދަނިކޮށް ކަރު ހިއްކައިގަތެވެ. ދެން، އޭނާއަށް ވަޅެއް ކައިރިއަށް ދެވުނެވެ. އަދި، އެ ވަޅަށް ފައިބައި ވަޅުން ފެންބޮއި އޭނާގެ ކަރު ހިއްކުން ފިލުވާލިއެވެ. އެއަށް ފަހު، ވަޅުން އޭނާ އެރި އިރު އެ ވަޅު ކައިރީގައި ކުއްތާއެއް އޮތެވެ. އޭރު އޭތިވެސް އޮތީ ކަރުހިއްކައިގަނެގެން ދޫ ނިކުމެފައެވެ. އަދި އެހެން އޮވެ، ވެލިގަނޑުގައި ދޫލަމުން ދެއެވެ! މާނައަކީ، ވަޅު ކައިރީ ތެތްވެފައި އޮތް ފަސްގަނޑުން ތެތްކަމެއް ހޯދައި ކަރު ހިއްކޭތޯ ބަލަމުން އޭތި ދިޔައެވެ.
އެ ވަގުތު އެ ދަތުރުވެރިޔާ ހިތަށް އެރިއެވެ. މި އެއްޗަށް ވެސް އެއޮތީ ހަމަ އަހަންނަށް މެދުވެރިވި ކަންތައް، އާދެ، ކަރުހިއްކައިގަތުން ލައިގެންފައެވެ. ދެން، އަނެއްކާ ވެސް އޭނާ ވަޅަށް ފައިބައި އޭނާގެ ޚުއްފު – ހަމުން ހަދައިފައި ހުންނަ އިސްޓާކީނު ފަދަ ފައިގެ އުރައެއް – ބާލައި އެއަށް ފެން އަޅައިގެން އައިސް ކުއްތާއަށް ފެންދީ އޭތިގެ ކަރުހިއްކުން ފިލުވައި ދިނެވެ. އެކަމުގެ ސަބަބުން މާތްﷲ އޭނާއަށް ޝުކުރުއަދާ ކުރައްވައި އޭނާގެ ފާފަތައް ފުއްސެވިއެވެ.
އެހިނދު މިވާހަކަ އަޑުއައްސަވަން ތިއްބެވެ އަސްހާބު ބޭކަލުން ކީރިތި ރަސޫލާއާ ސުއާލު ދެންނެވިއެވެ. “ޖަނަވާރުންގެ ސަބަބުން ވެސް އަޅުގަނޑުމެންނަށް ސަވާބު ލިބޭ ހެއްޔެވެ؟” ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ކޮންމެ ތެތް މެއެއްގެ ވެރިއެއްގެ ފަރާތުން ސަވާބު ލިބޭ ހުއްޓެވެ.” މާނައަކީ ކޮންމެ ދިރޭ އެއްޗަކަށް ވެސް އެހީތެރިކަން ފޯރުވައި ދިނުމުން އެކަމުން ސަވާބު ލިބޭ ހުއްޓެވެ.”
ޖަނަވާރުންނަށް އޯގާތެރިވެ އަޅާލަން ކީރިތި ރަސޫލާ (ސ) އިރުޝާދު ދެއްވައިފައިވާ މިފަދަ އެހެން ހަދީސްތައް ވެސް ވެއެވެ. އޭގެ ތެރޭގައި އަނިޔާވެރި ގޮތެއްގައި ކާންނުދީ ބުޅަލެއް މަރާލުމުގެ ސަބަބުން މީހަކަށް އަޒާބު ލިބޭ ވާހަކަ އޮންނަ ހަދީސެއްވެސް ހިމެނެއެވެ. މިފަދަ ހުރިހާ ހަދީސެއް ވެސް ބާރު އަޅަނީ ޖަނަވާރުންނަށް އޯގާތެރިވެ އަޅާލުމަށެވެ.
ޖަނަވާރުންނަށް އޯގާތެރިކޮށް ހިތަން އިރުޝާދު ދެވިފައިވާ މިފަދަ ހަދީސްތައް މަތިން ހަނދާންވީ، އެ ހާދިސާއެއްގެ މައްޗަށް އެންމެ ބޮޑަށް، އެންމެންގެ ސަމާލުކަށް، މިހާރު ހުއްޓިފައި އޮތް ހާދިސާއާ ގުޅިގެންނެވެ. އާދެ، ސަތޭކައަށް ވުރެ ގިނަ ދޫނި އެއްވެސް ފަރުވާއެއް ނެތި، ވަރަށް ވެސް ބޭރަހުމީ ސިފައެއްގައި މަރާލި ހާދިސާއާ ގުޅިގެންނެވެ.
އެންމެ ހިތާމަވެރި ކަމަކީ އެ ދޫނިތައް މަރާލާނޭ ކުޑަ ވެސް ރަނގަޅު ސަބަބައެއް ނެތް ކަމެވެ. އެ ދޫނިތައް އެތެރެ ކުރިއިރު، އެ ދޫނީގެ ނަން ރާއްޖެއަށް އެތެރެ ކުރެވޭ ދޫނި ދޫނީގެ ލިސްޓުގައި ނެތް ނަމަވެސް، ފަހުން އޭގެ ނަން އެ ލިސްޓަށް އިތުރުކުރެވި، ގާނޫނީ ގޮތުން އެ ދޫނިތައް ރާއްޖެ އެތެރެ ކުރެވޭ ގާނޫނީ ސިފަ އެކަމަށް ގެނެވޭނޭ ގޮތް މެދުވެރި ވިއެވެ. މިކަން ނުވީ ކީއްވެ ހެއްޔެވެ؟ އެކަން ކުރަން ތިބި ބައްގެ ވިސްނުމުގެ ހަނިކަމެވެ. ވިސްނުމުގެ ޖާމިދު ކަމެވެ. އެ ދޫނީތަކުގެ މައްޗަށް އިސްލާހުކުރެވުނު ލިސްޓާއެއް ގޮތް ވާނޭހޭ އަމަލުކުރުމުގެ ތަނަވަސްކަން އެކަން ކުރި ބައެއްގެ ސިކުނޑިއަށް ލިބިފައި ނެތުމެވެ.
މިހެން ވާން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ ތިމާމެންނަކީ ހުރިހާ ގޮތަކުން ވެސް އެންމެ މޮޅު އެންމެ ފުދިފައި ތިބި މީހުން ކަމުގެ ކުށްހީ ތިމާމެންގެ ހިތަށް ވަނުމެވެ. ކީރތި ގުރުއާނުގައި މިފަދަ މީހުން ސިފަކުރެވިފައިވާ ފަދައިންނެވެ. إن الإنسان ليطغى أن رآه استغنى ([ބޮޑުވެ، ބޮޑާވެ ކިބުރުވެރިވުމުގައި] އިންސާނާ ހައްދު [އާދެ، އަޚުލާގީ އިންތައް] ފަހަނަ އަޅައިދެއެވެ. އޭނާއަކީ ފުދިފައިވާ މީހެއްކަން އޭނާއަށް ފެނިއްޖެ ހިނދެއްގައެވެ.) އާދެ، އެދޫނިތައް މެރި މީހުން، އަދި އެކަން ކުރުމަށް އަމުރު ކުރި މީހުންނަށް ހީވީ ވަގުތީ ގޮތުން އެމީހުންނަށް ލިބިފައި އޮތް މަގާމުގެ ސަބަބުން އެމީހުން ތިބީ އެކެއްގެ ކުރިމަތީ ގައިވެސް މަސްއޫލުވާން ނުޖެހޭ، އަދި، އެކެއްގެ ބަސް ވެސް އަހަން ކަންފަތް ދޭން ނުޖެހޭ ފަދަ ބަޔަކަށް ވެފައިކަމެވެ. އެހެންވެ، އެމީހުންނަށް ފެންނަ ގޮތަކަށް، އެއީ ކިތަން މެ އަނިޔާވެރި ގޮތެއް ކަމުގައި ވިޔަސް، ކަންކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި އެމީހުން ދުށީއެވެ. އިބުރާހިމްގެފާނު އަރިހުގައި ކިބުރުވެރިކަމާއެކު ޖައްބާރު ނަމްރޫދު أَنَا أُحْيِي وَأُمِيتُ، އަހަންނަކީ ދިރުއްވާ އަދި މަރުގަންނަވާ މީހެކެވެ!، މިހެން ބުނިފަދައިން، ކޮންމެ ފަދަ ކަމެއް ކޮށް، ކޮންމެ ފަދަ ބާތިލު ދައުވާއެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ހީވީއެވެ.
ބޮޑާވެގަނެ، ހިތް ހަރުވެ، އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި، ވަރަށް ވެސް އަނިޔާވެރި، ނާތަހުޒީބީ ސިފައެއްގައި ކަންތައް ކުރުމުގެ ހިއްވަރާއި ޖުރުއަތު ވެރިންނަށް ލިބެނީ ކީއްވެ ހެއްޔެވެ؟ ކަނު ސިފައެއްގައި އެފަދަ މީހުންނަށް ތާއީދުކުރާނޭ ބަޔަކު ތިބޭކަން އެމީހުންނަށް ގަބޫލުކުރެވޭތީއެވެ. އާންމު ރައްޔިތުންގެ ތާއީދު ބިނާވެފައި އޮންނަނީ ކުރާ އަމަލުތަކުގެ ރަނގަޅު ނުރަނގަޅު މައްޗަށް ބެލުމެއް ނެތި، މީހާއަށް ބެލިގެން ކަމަށްވާތީއެވެ. ކޮންމެ ފަދަ ނުބައި ކަމެއް ކުރިޔަސް، ކޮންމެ ފަދަ އަނިޔާވެރި އަމަލެއް ހިންގިޔަސް، ކޮންމެ ފަދަ ޚިޔާނާތެއް ވިޔަސް، ޣަދަރުވެރި އަމަލެއް ހިންގާލިޔަސް، އެއީ ތިމާ ގަޔާވާ މީހާކަމުން، ޖާހިލިއްޔަތުގެ ތައައްސުބީ ސިފައެއްގައި މީހާއަށް ތާއީދު ކުރުމުގެ ޖާހިލީ ސިފަ މީހުންގެ ކިބައިގައި އަށަގެންފައިވާތީއެވެ.
ކިތަންމެ ހަރުކަށި ބަހުން، އެދޫނިތައް މެރުމުގެ އަމަލު ކުށްވެރި ކުރިޔަސް އެ ދޫނިތައް އަނބުރާ ނުލބޭނެއެވެ. އެ ދޫނިތަކުގެ ވެރިފަރާތަށް ލިބުނު ބޮޑު ގެއްލުން ފޫ ނުބެއްދޭނެއެވެ. އޭނާއަށް އޭގެ ބަދަލު ދިން ކަމުގައި ވިޔަސް ވެހެވެ. ސަބަބަކީ އަނިޔާއަކީ އޭގެ ބަދަލު ދެވެން އޮންނަ ކަމަކަށް ނުވާތީއެވެ. ނަމަވެސް، މިކަމުން ލިބިގަނެވޭނޭ އިބުރަތެއް އެބަ އޮތެވެ. ކަނު ސިފައެއްގައި ވެރިންނަށް ވިޔަސް ނޫނީ އެހެން ބަޔަކަށް ވިޔަސް، އަދި އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، ކަނު ސިފައެއްގައި ތާއީދު ނުކުރުމެވެ. ތާއީދު ގުޅިފައި އޮންނަން ޖެހޭނީ މީހާގެ އަމަލުތަކުގެ މައްޗަށް ބަލައި އެކަމުގައި އާންމު ހެވާއި ލާބަވާ ކަމަށް ވާނަމައެވެ. މި ހަމައިން ބަލައި، މީހުންނަށް ތާއީދުކުރާ ނަމަ، މީސްތަކުންގެ ތާއީދު އަބަދުވެސް، ހުރިހާ ހާލަތެއްގައި ވެސް އެމީހުންނަށް އޮންނާނެކަމަށް ދެކިގެން، އެމީހުންގެ ހިތަށް ފެނުނު ގޮތް އެއީ ރަނގަޅު ގޮތް ކަމަށް ބަލައިގެން ވެރިން އަމަލެއް ނުކުރާނެއެވެ.