ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން ނަންބަރު 7/2010 ގެ 56-7 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ގޮތަށް ހަނިމާދޫ ޑަބްލިޔު.ޑީ.ސީން ނެރެފައިވާ 2021 ވަނަ އަހަރުގެ ރިޕޯޓަށް ވާގޮތުން ހަނިމާދޫ ޑަބްލިޔު.ޑީ.ސީ 2022 ވަނައަހަރަށް ގިނަ ހަރަކާތަކެއް ރާވަ ހިންގުމަށްް ތައްޔާރުވެއްޖެއެވެ.
އެ ރިޕޯޓްގައި ވާގޮތުން ވަނީ މަސައްކަތްތައް ހަތަރު ކުއާޓާރއަށް ބަހައިލާފައެވެ. އަދި އެމަސައްއްކަތްތަކަށް ހަރަދު ކުރާނެ ފައިސާގެ އަދަދުތައް ވެސް ހިމަނާފައިވެއެވެ.
އެގޮތުން ފުރަތަމަ ކުއާޓަާރ (ޖެނުއަރީއިން މާރޗަށް) ކުރުމަށް ކަނޑައަޅާފައިވާ ހަރަކާތް ތަކުގެތެރޭގައި ގުރުއާން މުބާރާތުން ވަނަ ހޯދާ ދަރިވަރުންނަށް ހަދިޔާ ދިނުމަށް 20،000 ރުފިޔާ ހިމަނާފައިވެއެވެ. އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް 10،000 ރުފިޔާ ކަނޑަ އެޅިއިރު ކުޑަކުދިންގެ ޕާރކް މަރާމާތު ކުރަން 150،000 ރުފިޔާ ހިމަނާފައިވެއެވެ. އަދި ގަބުރުސްތާނު ކައިރީގައި ފިނި މައިދާނެއް ރަރައްގީކުރަން 50،000 ރުފިޔާ ހިމަނާފައިވެއެވެ.
ދެވަނަ ކުއާޓާރ (އޭޕްރީލުން ޖޫން) ގައި ހިންގަން ހަމަޖެހިފައިވަނީ 3 ހަރަކާތެވެ. އެއީ 10،000 ރުފިޔާ ހަރަދުކޮށްގެން އަންހެނުންނަށް އަމާޒުކޮށްގެ ފަހާ ކޯހެއްހިންގުމާއި 15000 ރުފިޔާ ހަރަދުކޮށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގުމެވެ. އަދި 20،000 ރުފިޔާ ހަރަދުކޮށް ސިއްހީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.
ތިންވަނަ ކުއާޓާރ (ޖުލައިން ސެޕްތެޓެމަބަރ) ގައި ހިންގުމަށް ހަމަޖެހިފައި ވަނީ 2 ހަރަކާތެވެ. އެއީ 20000 ރުފިޔާ ހަރަދުކޮށް ބޮޑު އީދު ފާހަގަކުރުން އަދި ސްކޫލް ލައިބްރަރީއަށް 15000 ރުފިޔާގެ އެހީއެއްވުމެވެ.
ހަތަރުވަނަ ކުއާޓާރ (އޮކްޓޯބަރުން ޑިސެންބަރ) ގައި ހިންގުމަށް ހަމަޖެހިފައި ވަނީ 6 ހަރަކާތެވެ. އެއީ 25000 ރުފިޔާ ހަރަދުކޮށް ޕޭސްޓްރީ ކޯހެއް ހިގުން ހިމެނެއެވެ. 10000 ރުފިޔާ ހަރަދުކޮށް ފިރިހެނުން ދުވަސް ފާހަގަ ކުރުމާއި ހަމަ އެއަދަދު ހަރަދުކޮށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ އިތުރުން 25000 ރުފިޔާ ހަރަދުކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރުން ހިމެނެއެވެ. އަދި 5000 ރުފިޔާ ހަރަދުކޮށް ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުންވެސް ހިމެނެއެވެ. ހަނިމާދޫ ސައާދާ ޕްރީ ސްކޫލް ތަރައްގީއަށް 15000 ރުފިޔާގެ އެހީ ދިނުވެސް މި ކުއާޓާރގައި ހިމެނެއެވެ.