ރައީސް ޔާމީންގެ އިނާޔަތްތައް ކަނޑާލަން ޖެހޭ: ރޮޒެއިނާ

ޚަބަރު ފަހުގެ ސިޔާސީ

ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންއަށް ސަރުކާރުން ދެމުން އަންނަ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވީ، ރޭ “ސަންގު” ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރޮޒެއިނާ ވިދާޅުވީ، ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ގެއްލުވާލަން ކަމަށާއި، އެކަމާއި ގުޅިގެން އެމަނިކުފާނަށް ދެމުން އަންނަ ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށެވެ.

“އިންޑިއާ އައުޓް އާއި ގުޅިގެން އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ ރައީސް ޔާމީން އަށް. ރައީސް ޔާމީން ގެންދަވަނީ ގައުމުތަކުގެ މެދުގައި އޮންނަ ދޭދޭ ގުޅުން ގެއްލުވާލަން މަސައްކަތް ކުރައްވަމުން. ގަސްތުގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ބަޔަކަށް އިނާޔަތް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެހެން މަސައްކަތްކުރާ ރައީސަކަށް އެ އިނާޔަތް ހައްގުނުވާނެ.” ރޮޒެއިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަކީ ރާއްޖެއާއި އިންޑިއާ އާއި ޖެއްސުމަށް ކުރާ ކަމެއް ކަމަށާއި، އެއީ އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އޭގެ ހިތި ފެންނާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ ރާއްޖެ ހިފަން އައިސް ނޫން ކަމަށާއި، އެހެން ނޫންނަމަ މަގުތައް މަތިން އިންޑިއާގެ ސިފައިން ހަތިޔާރާއި އެކު ފެންނާނެ ކަމަށެވެ. އެހެން ކަމުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓާލަން ޖެހޭ ކަމަށްވެސް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75،000 ރުފިޔާއާއި، ދިރިއުޅުއްވާ ތަނުގެ ހަރަދަށް 175،000 ރުފިޔާއާއި، އޮފީސް ހިންގުމުގެ ހަރަދަށް، 175،000 ރުފިޔާގެ އިތުރުން ބޭސްފަރުވާއަށް 58،333.33 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެހެން ނަމަވެސް ރައީސް ޔާމީން އޮފީސް ހިންގުމުގެ ހަރަދެއް ނުނަންގަވައެވެ. ރައީސް ޔާމީން ނަންގަވަނީ ކުރީގެ ރައީސެއްގެ އިނާޔަތުގެ އިތުރުން ދިރިއުޅުއްވާ ތަނުގެ ހަރަދު އެކަނިކަން ފާހަގަ ކޮށްލެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ