އެންސީބީ ބޮޑެތި ތުހުމަތުތަކެއް އައިމިނަތު ރަޝީދާގެ މައްޗަށް

ޚަބަރު ފަހުގެ

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބޮޑެތި ތުހުމަތުތަކެއް ބ. އޭދަފުށީ ޢުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާގެ މައްޗަށް ކޮށްފިއެވެ.

އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނީ އަންނައުނު ވިޔަފާރި ކުރާ ރަޝީދާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހެއްކަން އެނގުމާ އެކު، ފުލުހުން ހޯދަން ބޭނުންވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނެރުނު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ލިޔުން ނެރުނީ ރާއްޖެއަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައިގަ އެވެ. އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް (1،338 ޑޮލަރު) އަށެވެ.

މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.

އެންސީބީގެ ލިޔުމަށް ފަހު، މި މަހުގެ 12 ވަނަ ދުވަހު ރަޝީދާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑުކުރުމާ އެކު އިންޓެލިޖެންސް ބިއުރޯއިން އޭނާ ކަސްޓަޑީއަށް ގެންދިޔައީ ކަމަށާއި މުމްބާއިގެ އެންސީބީ ޔުނިޓަށް އެންގީ އޭގެ ފަހުން ކަމަށް ވެސް އޮފިޝަލާ ހަވާލަދީ ނޫހުގައި ލިޔެފައިވެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް ވެފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މަސްތުވާތަކެތި ޕެޑެލްކުރުމުގެ ތުހުމަތުގައި އޭނާގެ ފިރިހެން ދަރިއެއް ހައްޔަރުކުރި ކަމަށް ވެސް ނޫހުގައިވެ އެވެ.

އޭގެ އިތުރުން ރަޝީދާ އާއި އޭނާ ނިސްބަތްވާ ގްރޫޕުން އެ މީހުންގެ ވަނަވަރު އޮޅުވާލާފައިވާ ކަމަށާއި ޝައްކުވާ ފަދަ ކަމެއް ވެދާނެތީ މެމްބަރުންގެ މެދުގައި އެއް ފޯނު ނަމްބަރެއް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ