ރިޟުވާންގެ މައްސަލައިގެ ތަހުޤީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރަކު ހިމަނަނީ

ޚަބަރު ފަހުގެ


ނޫސްވެރިޔާ އަހުމަދު ރިޟުވާނު އަބުދުﷲ ވަގަށް ނަގައި ގެއްލުވާލާފައިވާ މައްސަލައިގެ ތަހުޤީޤު ޓީމުގައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދަކީ، ރިޟުވާނު ވަގަށް ނަގައި ގެއްލުވާލިތާ 6 އަހަރު ފުރުނު ދުވަހެވެ.

މިއަދާއި ގުޅިގެން އަތުލިޔުމުން ލިޔުއްވައި އޭގެ ފޮޓޯއަކާއި އެކު ރައީސުލްޖުމުހޫރިއްޔާގެ މެސެޖު ހިއްސާކުރައްވާފައި ވާއިރު، އެމެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާނުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ، އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ.

ހުރަސްތަކާއި ދަތިތަކާއި އެކުވެސް އެމައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއި އެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓާނުލައި މިސަރުކާރުން ކުރިއަށް ގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އާއިލާގެ އެދުމާއި އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން ދަނީ، އިތުބާރު ކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުޤީޤު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރިޟުވާނު ވަގަށް ނަގައި ގެއްލުވާލި މައްސަަލަ އާއި އަދި އެނޫންވެސް ގޮތްނޭނގޭ މަރުތަކުގެ މައްސަލަ ތަހުޤީޤު ކުރުމަށްޓަކައި، “މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން”ގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވަނީ މަޤާމުގެ ހުވާކުރެވި ދުވަހު، ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. މިގޮތުން އެކޮމިޝަނުން ރިޟުވާނުގެ މައްސަލަ ތަހުޤީޤުކުރުމަށް ފަހުގައި ބުނެފައި ވަނީ ރިޟުވާނު ވަގަށް ނަގައި ބޯބުރިކޮށް މަރާލުމަށް ފަހު ހަށިގަނޑު ކަނޑުފައްތާފައި ވާކަމަށެވެ. އަދި އެކަމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ، ދީނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.

ރިޟުވާނު ވަގަށް ނަގައި މަރާލި މައްސަލަ އާއި އެމަރުގެ މައްސަލަ ފޮރުވުމަށް މަސައްކަތް ރައީސް ޔާމީނުގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ