ދަތުރުތައް ހުއްޓާލައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖަކަށް!

ޚަބަރު ފަހުގެ

ތެލުގެ ބާޒާރުގައި އަގު އުފުލުމުގެ ސަބަބުން ޓެކްސީ ދަތުރުތައް ކުރާނެ އަގުތައް ބޮޑު ކުރުމަށް ޑްރައިވަރުން އަމިއްލައަށް ނިންމި ނިންމުން ތަންފީޒު ނުކުރެވޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެންގުމުން އެކަމާއި ދެކޮޅު ހަދައި ޓެކްސީތަކުން ހިމޭން އިހުތިޖާޖެއް ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ޑްރައިވަރުން މިރޭ ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދަށް އެއްވާން ފަށާފައި ވަނީ އެއާޕޯޓުގެ ދަތުރުތައް ނެގުމުގައި ނަގާނީ ބޮޑު އަގެއްކަމަށް ބުނެފައިވާތީ އެ ސަރަހައްދުގައި ތިބި ފުލުހުން އެކަމަށް ހުުރަސް އެޅުމުންނެވެ. އަގުތަކާއި ބެހޭ އެންގުންތައް ޑްރައިވަރުންނަށް އެންގުމުން ޓެކްސީތައް އެ ސަރަހައްދު ދޫކޮށް ގޮސް އެއްވާން ފެށީ ރުއްގަނޑު ސަރަހައްދުގެ ހުސް ބިމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބުރާސްފަތި ދުވަހުން ފެށިގެން މާލޭގެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގުބޮޑު ކުރުމަށް ނިންމައި، ޑްރައިވަރުން ޓްރާންސްޕޯޓު މިނިސްޓަރީއަށް އެކަން ހުށަހެޅައި ތަނުގެ އިސްވެރިންނާއި ބައްދަލު ވެސް ކުރި އެވެ. ނަމަވެސް މިނިސްޓްރީން އެންގީ ވަކި ގޮތެއް ނާންގަނީސް އެ އަގުތައް ނުނެގޭނެ ކަމަށެވެ.

އެ ސަރަހައްދުގައި ތިބި ޑްރައިވަރުން ބުނާ ގޮތުގައި އަގުތަކާއި މެދު ގޮތެއް ނިންމާނީ ރައީސް އޮފީހުގެ ކޮމިޓީއަކަށް ކަމުގައި މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ޑްރައިވަރުން އެ ސަރަހައްދުގައި އިހުތިޖާޖު ކުރަމުން ދަނީ ޓެކްސީތަކުގެ ލައިޓު ދިއްލާފައި ބާއްވައިގެންނެވެ. އަދި ބުނެފައިވަނީ މިއީ ޑްރައިވަރުންގެ ހިމޭން އިހުތިޖާޖެއް ކަމަށެވެ.

އަގުތަކާއި މެދު ޓެކްސީތަކާއި ޓްރާންސްޕޯޓާއި ހިޔާލުތަަފާތުވެފައިވާއިރު ސެންޓަރުތަކުން ބޭނުން ވަނީ ޓެކްސީތަކުގައި މީޓަރު ހަރު ކުރުމަށެވެ. އެގޮތަށް ސަރުކާރަށް ނުނިންމޭނަމަ ސެންޓަރުތަކުން ނިންމާ އަގުތަކެއްގައި ދަތުރު ކުރުމުގެ ބާރު ލިބިފައިވާކަމަށް ޑްރައިވަރުން ވަނީ ބުނެފަ އެވެ.

ސެންޓަރުތަކުން އަމިއްލައަށް އަގުތައް ކަނޑައަޅާފައިވާ ގޮތުގައި މާލޭގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ 30 ރުފިޔާ އެވެ. އަދި މާލެއިން ހުޅުމާލެއަށް 100 ރުފިޔާ ނަގާއިރު އެއާޕޯޓު ދަތުރުތަކަށް ނަގާނީ 80 ރުފިޔާކަމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ބައެއް ޓެކްސީތަކުން ދަނީ އެއާޕޯޓު ދަތުރުތަކަށް ވެސް 100 ރުފިޔާ ނަގަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ