މިދިޔަ ތިން އަހަރު ތެރޭ އެއްވެސް ދިވެއްސަކު ހަނގުރާމައަށް ގޮސްފައެއް ނުވޭ: މާރިޔާ

ޚަބަރު ފަހުގެ

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފަސް ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ހަނގުރާމައަށް ދިވެއްސަކު ނުދިޔަ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ގައުމު ހޭލައްވައިލި ހާދިސާއެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެ ހިމެނޭ ސަރަޙައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރިއާއި ކަނޑުފޭރުމާއި ގަވާއިދާ ހިލާފަށް މަސްވެރިކަންކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން މާރިޔާ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މިސަރަހައްދުގެ އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާ ކަމަށެވެ.

އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ މި ސަރަހައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް ވިދާޅުވި އެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންކްލޭވްގައި އިންޑިޔާ، ސްރީލަންކާ، ރާއްޖެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ.

މިނިސްޓަރު ވަނީ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ އެންމެ ފަހުން ގުޅުނު މޮރިޝަސްއަށް މަރުޙަބާ ވެސް ވިދާޅުވެފަ އެވެ. މޮރިޝަސްއާ އެކު، އޭގައި ހިމެނޭ ގައުމުތަކުގެ އަދަދު ވަނީ ހަތަރެކަށް އިތުރުވެފަ އެވެ. މކޮންކްލޭވްގައި ރާއްޖެ، އިންޑިޔާ، ސްރީލަންކާ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވަ އެވެ.

ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖޭން ބައިވެރިވެވަޑައިގަންނަވާ ވަފްދުގައި މާރިޔާގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދާއި ރައީސް އޮފީހުގެ ފޮރިން އެފެއާޒް މިނިސްޓަރު އަލީ ޒާހިރާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި އިމިގްރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ