ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން: ޔާމީން 

ޚަބަރު ފަހުގެ ސިޔާސީ

ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރު ލިޔުނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގައި އދ. މަހިބަދޫގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ތިބުމުގެ އިތުރުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވެސް އިންޑިއާއިން ވަންނަމުންދާ ކަމަށެވެ. އެމަނިކުފާނު ވެރިކަމުގައި ޖަލުގައި ތިބި އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު 1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން ކަމަށް ވިދާޅުވެ، އެކަން ކުރި މީހާ އިންޑިއާ އެމްބަސީގައި މިހާރު ވެސް އެބަހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

“އެ ހުކުމް ނެރުނީ އިންޑިއާއިން. އެ ހުކުމް ނެރުނީ އިންޑިއާގެ މާލޭގައި ހުންނަ އެމްބަސީން. އަދިވެސް މިއަދު ވެސް އިންޑިއާ އެމްބަސީގައި އޭރު އެކަންކުރި އިސް މީހާ މިހާރު ވެސް އެބަހުރި. އެހެންވީމަ މި ބުނަނީ އިންޑިއާއަކީ ނޮހޮރުއްޕާނެކޭ.” ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން އޭރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖަލަށްލި އެވެ. އަދި ސުޕްރީމް ކޯޓުގެެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރު އޭގެ ތިން ދުވަސް ފަހުން ބާތިލްކުރީ ދެން ތިއްބެވި ތިން ފަނޑިޔާރުން އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަކީ އަޣްދާރުން ކަމަށް ވެސް މިއަދު ޔާމީން ތުހުމަތު ކުރެއްވި އެވެ.

“މިއަދު ވެސް އެ ފަނޑިޔާރުން އެބަތިއްބެވި ދުނިޔޭގައި. އެއީ ޣައްދާރުން. އެއީ ޣަދަރުވެރިވެފައި ތިބި މީހުން.” އޭރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި، ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅޭ މައުލޫމާތު އިންޑިއާ ސިފައިންނަށް ކުރިން ނޭނގި އޮވެދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ރާއްޖެއަށް ހަމަލާދިން މީހުން އައި ކަނޑުމަގުން ބޯޓުތަކުން ކަމަށް ވާއިރު، އިންޑިއާ ސިފައިންނަށް ނޭނގި އެ މީހުންނަށް ރާއްޖެ އާދެވުމާއި ހަމަލާދޭން ފެށުމާ އެކު ވަރަށް އަވަހަށް އިންޑިއާ ސިފައިން ރާއްޖެ އައުމަކީ އިއްތިފާގެއްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

“އެ މީހުންނަށް ނުފެނި މިތަނަކަށް ނާދެވޭނެ. އެ މީހުންނަށް ނުފެނި ސިލޯނުގެ ސަރަހައްދުން ބޭރަކަށް ވެސް ނުނިކުމެވޭނެ. އަދި ކީއްތޯ، ސިލޯނު ސަރަހައްދުން ނިކުމެގެން 18 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިރު ދުއްވާފައި އައިސް ދިވެހިރާއްޖެއަށް ވަނީ. ދިވެހިރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދުނީމަ ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއާފޯސް މޮބިލައިޒްކޮށްފި. މި ހުންނަނީ އިއްތިފާގުތޯ؟. މި ހުންނަނީ އިއްތިފާގެއް ނޫން.” ޔާމީން ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ޔާމީން ވިދާޅުވީ އެ އެއްބަސްވުން އޮތްގޮތުން ސަރުކާރުގެ ހުއްދަ ނެތި އިންޑިއާގެ އަސްކަރީ މަނަވަރުތައް ރާއްޖެއަށް ވަދެވޭނެ ކަމަށެވެ. އަދި އެތަނުގައި ތިބޭ އިންޑިއާ ސިފައިން ރާއްޖޭގެ އެއްވެސް ހުއްދައަކާ ނުލައި، ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވެސް އޮންނަ ކަމަށާއި އެއީ ކަނޑައެޅިގެން ގާނޫނާ ޚިލާފް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާރު މާލެ ތެރޭގައި ވެސް އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅޭ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

“އެންމެ ކުޑަމިނުން މަނާ ނުކުރޭ ހަނގުރާމަ މަތީ ހަތިޔާރު ގެންނަން ވެސް. ހަމަ ވަރަށް ޖެނެރަލްކޮށް އޮތީ. ވަރަށް އާންމުކޮށް ލިޔެލާފައި އޮތީ ހަތިޔާރު. ހުރިހާ ވައްތަރެއްގެ ހަތިޔާރު ގެންނާނެ އަދަދަކަށް ގެނެވޭނެ. ގެންނާނެ. ގެންނަންވެގެން އެއާފޯސް ޖައްސާނެ ތަނެއް ހަދަން އެ މަސައްކަތް ކުރަނީ.” ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ތިބުމަކީ ރާއްޖެއަށް ‘ބޮޑު ނޮހޮރުއްޕާނެއް’ ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވި އެވެ. އަދި އިންޑިއާއަށް ދާ ދިވެހިން އެ ގައުމަށް ނާރުވައި، ފޮނުވާލާއިރު އިންޑިއާގެ ބޮޑެތި ކުށްވެރިން ރާއްޖެ އަޔަސް، ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ